އަމަލުތަކުގައި އިޚުލާސްތެރިކަން އިސްކުރުމަށް މިއަދުގެ ހުކުރު ޚުތުބާގައި ހަނދާންކޮށްދީފިއެވެ.
ޚުތުބާގައި ބުނީ އިސްލާމްދީނަކީ ހެޔޮއަމަލާއި އުފެއްދުންތެރިކަމުގެ ދީން ކަމަށެވެ. އަދި އާރާސްތުކުރުމާއި ތައުމީރު ކުރުމުގެ ދީން ކަމަށެވެ. އަދި މުއުމިނުންނަކީ ﷲ އަންގަވާފައިވާ ގޮތުގެ މަތިން ދުނިޔެއާއި އާޚިރަތް ކާމިޔާބު ކުރުމަށްޓަކައި ގަދައަޅައި މަސައްކަތް ކުރާ ހީވާގި ބައެއް ކަމަށް ޚުތުބާގައި ބުންޏެވެ.
އިސްލާމްދީނުގައި އަމަލުތައް ގަބޫލުކުރައްވާނީ މާތް ﷲގެ ވަޖުހުފުޅަށްޓަކައި ﷲގެ ހަޒުރަތުން ދަރުމައަށް އެދި އެއްވެސް ކަންދެއްކުމެއްނެތި އިޚުލާސްތެރިކަމާއެކު އެކަމެއް ކޮށްގެން ކަމަށް ޚުތުބާގައި ބުންޏެވެ.
"ދުނިޔޭގެ އަރާމާއި ނަފުސުގެ ބައެއް އެދުންތަކަކީ ވެސް ރަނގަޅު ހެޔޮ ނިޔަތެއްގައި ކުރެވިއްޖެ ނަމަ ﷲގެ ހަޒްރަތާ ކުއްތަން ކުރުވަނިވި އަމަލެކެ. ތިމާ ކައި ބޮއި އުޅެނީ، އެއިން ހަށިގަނޑުގައި ވަރުޖައްސައި، ﷲ އެންގެވި ގޮތަށް ދިރިއުޅުމަށްޓަކައި ފުރިހަމަ ސިއްޚަތެއް ހޯދުމަށް ކަމުގައި ވާނަމަ، އެއީ ސަވާބު ލިބޭނެ ކަމެކެވެ. ތިމާގެ ދަރިންނާއި ދަރިންނަށާއި އަނބިނަށް ހަލާލު މަސައްކަތުން ހޯދާ، ހަލާލު ތަކެތި، ކާންބޯން ދިނުމަކީ ސަވާބުލިބޭނެ ކަަމެކެވެ." ޚުތުބާގައި ބުންޏެވެ.
ޚުތުބާގައި ބުނިގޮތުގައި، ކުރާ އަމަލާއި މަސައްކަތުގައި، އިޚުލާސްތެރިކަމެއް ނެތި، ބޭރުފުށުން އެއީ ރަނގަޅު އަމަލުތަކެއް ކަމުގައި ފެނުނަސް، އެވާނީ ފާސިދު އަމަލުތަކަކަށެވެ. އަދި ﷲގެ ސަވާބާއި ރުހިވޮޑިގަތުމަކީ ބޭރުފުށުގެ އަމަލުތަކުން ހާސިލުކުރެވޭނެ ކަންކަމެއް ނޫން ކަމަށާއި ﷲ ބައްލަވައި ވޮޑިގަންނަވަނީ ބޭރުފުށަކަށް ނޫން ކަމަށް ޚުތުބާގައި ބުންޏެވެ.
މިއަދުގެ ހުކުރު ޚުތުބާގައި ބުނީ އިޚުލާސްތެރިކަން އެންމެ ބޮޑަށް ބޭނުންވާ އެއް މައިދާނަކީ އިލްމާއި ސަގާފަތުގެ މައިދާން ކަމަށެވެ. އަދި ﷲ އިންސާނާއަށް ދެއްވި އެންމެ މާތް ނިއުމަތަކީ އިލްކަމުގައިވާއިރު، އެ އިލްމު ނުބައި މަގުސަދެއްގައި ބޭނުންކުރެވިގެން ނުވާނެ ކަމަށް ޚުތުބާގައި ބުންޏެވެ.
"އިސްލާމްދީން މުދައްރިސުންނަށާއި ކިޔަވާ ކުދިންނަށް ގޮވާލަނީ، އިލްމު އުނގެނުމާއި އުނގަންނައި ދިނުމުގައި އާއްމު މަސްލަހަތު ކުރިއަށް ނެރުމަށެ. ބޮޑާކަމާއި ދެއްކުމަށްޓަކައި އިލްމު އުނގެނުމަކީ ވެސް އިސްލާމްދީނުގައި މަނާކުރައްވާފައިވާ ކަމެކެ،" ޚުތުބާގައި ބުންޏެވެ.
ހުކުރު ޚުތުބާގައި ވަނީ، އަމިއްލަ އެދުންތައް ބޮޑުވެ ތާއުރީފުކުރުމަށް ލޯބިކުރާ ވަރަކަށް އިޚުލާސްތެރިކަމުގެ ބައްތި ކަނިވަމުންދާނެ ކަން ހަނދާންކޮށްދީފައެވެ. އަދި ފަޚުރުވެރިވުމަށާއި މަޝްހޫރު ވުމަށް، ލޯބިކުރެވުނު ވަރަކަށް އިޚުލާސްތެރިކަން ފަނޑުވަމުންދާނެ ކަމަށާއި ﷲ ގަބޫލުކުރައްވަނީ އެއްވެސް ކިލަނބުކަމެއް ނެތް، ސާފު ސޯލިހު އަމަލުތައް ކަމަށް ޚުތުބާގައި ވަނީ ބުންޏެވެ.
އެހެންވެ، ހުރިހާ އަމަލެއްގައި ވެސް އިޚުލާސްތެރިވުމަށް މިއަދުގެ ހުކުރު ޚުތުބާގައި ނަސޭހަތްތެރިވިއެވެ.