ޣީބަބުނުން ހުއްދަވާ ހާލަތްތައް

ބޮޑެތި މަޞްލަޙަތުތަކެއް ޙިމާޔަތް ކުރުމަށްޓަކައި ވަކި ހާލަތްތަކެއްގައި ޣީބަބުނުން ހުއްދަނަމަވެސް، އޭގެ އަސްލު ޙުކުމަކީ ޙަރާމްވުމެވެ. --- ފޮޓޯ/ ލިމާޒާ.ކޮމް

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. "ޣީބައަކީ ކޮބައިކަން ތިޔަބައިމީހުންނަށް އެނގޭހެއްޔެވެ؟" އެހިނދު އަޞްޙާބުން ދެންނެވިއެވެ. "މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ. އަދި އެ އިލާހުގެ ރަސޫލާ އެކަން ދެނެވަޑައިގެންވެއެވެ." ދެން އިތުރު އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. "(ޣީބައަކީ) އެބަހެއް ބުނުމުގެ ސަބަބުން ތިބާގެ އަޚާ ނުރުހުންވާފަދަ ބަހެއްބުނުމެވެ. (ނުވަތަ އެފަދަ ވާހަކައެއް ދެއްކުމެވެ.)" ދެން އަޞްޙާބުން ސުވާލުކުރެއްވިއެވެ. "އަޅުގަނޑުމެން ބުނި ކަންތައް އެއީ އެބަސް ރައްދުވިމީހާގެ ކިބައިގައި ހުރި ކަމެއްކަމުގައިވާނަމަ ކިހިނެއްތޯއެވެ؟" އެހިނދު އިތުރު އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. "ތިބާ ބުނި ކަންތައް އެބަސް ރައްދުވިމީހާގެ ކިބައިގައި ހުރިނަމަ ހަމަކަށަވަރުން ތިބާ ޣީބަ ބުނެފިއެވެ. އަދި ތިބާ ބުނި ކަންތައް އޭނާގެ ކިބައިގައި ނެތްނަމަ ހަމަކަށަވަރުން ތިބާ (އޭނާއާބެހޭގޮތުން) ދޮގުހަދައިފިއެވެ."(މުސްލިމް: 4690)

އިސްވެދިޔަ ޙަދީޘުން އެނގޭގޮތުގައި، ޣީބައަކީ މީހަކު ނެތްތާނގައި އޭނާގެ ގޯސް ވާހަކައެއް ދެއްކުމެވެ. ވުމާއެކު، މީހަކު ނެތްތާނގައި އޭނާއާބެހޭ ރަނގަޅު ވާހަކައެއް ދެއްކުން އެއީ އިސްލާމްދީނުގައި ޙަރާމް ކުރައްވާފައިވާ ޣީބަބުނުން ކަމުގައެއްނުވާނެއެވެ. ދުލުން ނުވަތަ އިޝާރާތަކުން ނުވަތަ ލިޔުމަކުން ނުވަތަ ކުރެހުމަކުންވިޔަސް، މީހަކު ނުރުހުންވާފަދަ ކަމެއް ހާމަކޮށްފިނަމަ އެ ވާނީ ޣީބަ އަށެވެ.

ޢާއްމުގޮތެއްގައި މީހުން ޣީބަ ބުނެއުޅޭ ގޮތްތައް އަލްއިމާމުއްނަވަވީ - ރަޙިމަހުﷲ - ވިދާޅުވެދެއްވާފައިވެއެވެ. އެގޮތުން؛ މީހެއްގެ ދީނާ ބެހޭގޮތުން ޣީބަ ބުނުމުގެ މިސާލަކީ، އޭނާއަކީ ފާސިޤެކެވެ. ނަމާދުނުކުރާމީހެކެވެ. މިފަދަ ބަސްތައް ބުނުމެވެ. މީހެއްގެ މައިންބަފައިންނާ ބެހޭގޮތުން ޣީބަ ބުނުމުގެ މިސާލަކީ، އޭނާގެ ބައްޕަ ނުވަތަ މަންމަ އަކީ ވައްކަންކުރާމީހެކެވެ. އަނިޔާވެރިއެކެވެ. މިފަދަ ބަސްތައް ބުނުމެވެ. މީހެއްގެ އަޚުލާޤާ ބެހޭގޮތުން ޣީބަ ބުނުމުގެ މިސާލަކީ، އޭނާއަކީ ކިބުރުވެރިއެކެވެ. ދެއްކުމަށް ކަންތައްތައްކުރާ މީހެކެވެ. މިފަދަ ބަސްތައް ބުނުމެވެ. އަހަރެމެންގެ މުޖުތަމަޢަށް ބަލާއިރުވެސް މިފަދަ ބަސްތައް ބުނުން ވަރަށް އާއްމުކަމުގައި ބުނަންޖެހެއެވެ.

ޤުރުއާނާއި ސުންނަތުން ސާފުކޮށް އެނގޭގޮތުގައި ޣީބަ ބުނުމަކީ އިސްލާމްދީނުގައި ޙަރާމްކުރައްވާފައިވާ ކަމެކެވެ. ﷲ ވަޙީކުރައްވާފައިވެއެވެ. وَلَا يَغۡتَب بَّعۡضُكُم بَعۡضًاۚ أَيُحِبُّ أَحَدُكُمۡ أَن يَأۡكُلَ لَحۡمَ أَخِيهِ مَيۡتٗا فَكَرِهۡتُمُوهُۚ (ޙުޖުރާތު: 12) "އަދި އެއްބަޔަކު އަނެއްބަޔަކަށް ޣީބަ ނުބުނާށެވެ! ތިޔަބައިމީހުންގެގެތެރެއިން އެކަކުވެސް އޭނާގެ އަޚުގެ މަސް މުޅަކޮށް ކެއުމަށް ލޯބިކުރާނޭހެއްޔެވެ؟ ތިޔަބައިމީހުން އެކަމަކަށް ނުރުހޭނެއެވެ." މި އާޔަތުގައި، "ތިޔަބައިމީހުންގެގެތެރެއިން އެކަކުވެސް އޭނާގެ އަޚުގެ މަސް މުޅަކޮށް ކެއުމަށް ލޯބިކުރާނޭހެއްޔެވެ؟" މިފަދައިން މިވާ ބަސްފުޅުގެ ތަފްސީރުގައި އިބުނު ޢައްބާސް (ރަޟިޔަﷲ ޢަންހުމާ) ވިދާޅުވެފައިވެއެވެ. "ޟަރޫރީ ޙާލަތެއްގައިމެނުވީ މުޅަތަކެތި ކެއުން ﷲ ވަނީ ޙަރާމްކުރައްވާފައެވެ. ހަމަ އެފަދައިން، ޣީބަ ބުނުންވެސް އެކަލާނގެ ވަނީ ޙަރާމްކުރައްވާފައެވެ." القاضي أبو يعلى ވިދާޅުވެފައިވެއެވެ. "މިއާޔަތުގައި، ޣީބަބުނުން މުޅަތަކެތި ކެއުމުގެ މިސާލުގައި ގެންނަވާފައިވަނީ ޣީބަބުނުމަކީ ޙަރާމް ކަމެއްކަން އިތުރަށް ކަށަވަރު ކޮށްދެއްވުމުގެ ގޮތުންނެވެ. އެހެނީ މުސްލިމެއްގެ މަސްގަނޑު ކެއުމަކީ ޙަރާމް ކަމެކެވެ. އަދި މީސްތަކުންގެ ޠަބީޢަތު އެކަމާ ނުރުހޭނެ ކަމެކެވެ. އަދި އެފަދަ ކަންތައް ކުރާމީހުން ދެކެ މީހުން ނަފުރަތު ކުރާނެއެވެ. އެހެންކަމުން ޣީބަބުނުމަކީވެސް މިދަރަޖައިގައި ނުރުހުންތެރިކަން ފާޅުކުރަންޖެހޭ ކަމެކެވެ."

ޣީބަބުނުމަކީ ޙަރާމްކަމެއްނަމަވެސް، އެކަން ކުރުން ހުއްދަވާ ހާލަތްތަކެއްވެސްވެއެވެ. އެގޮތުން؛ މީހެއްގެ ފަރާތުން ނުޙައްޤުން އަނިޔާ ލިބިފައިވާމީހާ، ޙާކިމުގެ ކުރިމަތީގައި (ނުވަތަ އޭނާއަށް ލިބިފައިވާ އަނިޔާގެ ކަންތައް ބެލުމަށް ހަވާލުވެފައިވާ މީހާގެ ގާތުގައި) އޭނާއަށް ލިބިފައިވާ އަނިޔާގެ ވާހަކަ ދެއްކުމުގެގޮތުން، އަނިޔާ ދިން މީހާއާބެހޭ ވާހަކަ ދެއްކުން ހުއްދަވެގެންވެއެވެ.(ނިސާ: 148) އަދި މީހަކު ނުބައި ޢަމަލެއް ކުރާތީ އޭނާ އެކަމުން ސަލާމަތްކޮށް ރަނގަޅު މަގަށް ގެނައުމަށްޓަކައި، އޭނާ ރަނގަޅުކުރުމުގެ ކުޅަދާނަކަން ލިބިފައިވާ މީހެއްގެ ގާތުގައި، އޭނާ ކުރަމުންދާ ނުބައި ޢަމަލުގެ ވާހަކަ ދެއްކުން ހުއްދައެވެ.(ބުޚާރީ: 2059) ހަމަމިގޮތަށް، ފަތުވާދޭ މީހެއްގެ ގާތުން ފަތުވާއަށް އެދުމުގައި، އަނެކާގެ ފަރާތުން ތިމާއަށް ކުރިމަތިވެފައިވާ ކަންތައްތަކުގެ ވާހަކަ ދެއްކުން ހުއްދައެވެ. މިސާލަކަށް، އަހަރެންގެ ފިރިމީހާގެ ދަހިވެތިކަމާހުރެ އޭނާ އަހަންނަށް އެކަށީގެންވާވަރަށް ޚަރަދެއް ނުކުރެއެވެ. މިކަމާމެދު ދެން އަހަރެން ކަންތައް ކުރަންވީ ކިހިނެއްހެއްޔެވެ؟ މިފަދައިން ބުނުމެވެ.(ބުޚާރީ: 2059) މީހެއްގެ ކިބައިގައި ހުރި ނުބައިކަމެއް، މީސްތަކުންނަށް ނޭނގި އޮތުމުގެ ސަބަބުން އެމީހުންނަށް ގެއްލުމެއް ލިބިދާނެފަދަ ކަންތައްތައް ހާމަކުރުން ހުއްދައެވެ.(މުސްލިމް: 2709) މިސާލަކަށް، ހެކިބަސް އަދާކުރުމުގައި މީހެއްގެ ނުބައި ވާހަކަ ދެއްކުމާއި، ކައިވެނިކުރުން ފަދަ ކަންކަމުގައި މަޝްވަރާއަށް އެހުމުން މީހަކާ ބެހޭގޮތުން ދެވޭ މަޝްވަރާގައި މީހެއްގެ އުނި ސިފަތައް ކިޔައިދިނުމެވެ. ހަމަމިއާއެކު، ނުބައި ޢަމަލުތައް ކުރާ މީހެއްގެ ފުށުން ތިމާގެ އަޚާއަށް ގެއްލުމެއް ފޯރާފާނެކަމަށް ފެންނަހިނދު، އެކަމުން އޭނާ ސަލާމަތްކުރުމަށްޓަކައި، އެމީހާގެ ކިބައިގައި ހުރި ގޯސް ސިފައިގެ ވާހަކަ ދެއްކުން ހުއްދައެވެ.(މާއިދާ: 2)

ވަރަށް ބޮޑެތި މަޞްލަޙަތުތަކެއް ޙިމާޔަތް ކުރުމަށްޓަކައި، ޚާއްޞަ ޙާލަތްތަކެއްގައި ޣީބަބުނުން ހުއްދަކުރައްވާފައިވިޔަސް، ޣީބަބުނުމުގެ އަސްލު ޙުކުމަކީ ޙަރާމްވުމެވެ. ވީމާ، ދުލާއި އެހެނިހެން ގުނަވަންތަކުން ކުރެވޭ މިނުބައި ފާފައާމެދު ސަމާލުވެ، މި ޢަމަލުކުރުމާ ދުރުހެލިވަމާ ހިނގާށެވެ. ރައްޓެހިން ޣީބަ ބުނާއިރު އެކަމުގައި ބައިވެރިވެގެން ހިތްހަމަޖެހުމެއް ލިބޭ ކަމަށް ހީވިޔަސް .... އެފަދަ ހާލަތުގައި، ﷲ އަށް ބިރުވެތިވެ ޣީބައިން ރައްކާތެރިވެއްޖެނަމަ ލިބޭ ހިތްހަމަޖެހުން މާބޮޑުވާނެއެވެ!

ގުޅޭ ޓެގު
comment ކޮމެންޓް