ހިންދީ ސިނަމާގައި އަންހެނުންނަށްވުރެ ބޮޑަށް ފިރިހެން އެކްޓަރުންނަށް ހުރި ފުރުސަތުތަކާއެކު ދެ ޖިންސުގެ ތަފާތު ގެންގުޅޭކަމުގެ ޝަކުވާއަކީ އަބަދުވެސް އަޑުއިވޭ ޝަކުވާއެކެވެ. ހާއްސަކޮށް ފިލްމުތަކުގައި ބަތަލާއިން ކުޅޭ ރޯލް ކިތަންމެ ބޮޑު ވެފައިވަ ބުރަވިޔަސް ބަތަލާއިންނާއި ބަތަލުންނަށް ދޭ އުޖޫރައިގެ ތަފާތު ގެންގުޅޭ ވާހަކައަކީވެސް އާ ވާހަކައެއް ނޫނެވެ. ނަމަވެސް މިފަދަ ކަންކަން މިހާރު ބަދަލުވަމުން އަންނަކަމަށާއި ހިންދީ ސިނަމާއަކީ ހަމައެކަނި ފިރިހެނުންނަށް ފުރުސަތު ބޮޑު ދާއިރާއެއްކަމަށް ގަބޫލުނުކުރާކަމަށް ބަތަލާ ރަވީނާ ޓަންޑަން ބުނެފިއެވެ.
އިންޑިއާގެ ވެރިކަންކުރާ ޕާޓީ ބީޖޭޕީއިން އިންތިޒާމުކޮށްގެން ބޮޑު ވަޒީރު ނަރެންދްރަ މޯދީ ބައިވެރިވެވަޑައިގަންނަވާ "މަންކީ ބާތު"ގެ ސަތޭކަ ވަނަ އެ ޕިސޯޑުގައި ބަތަލާ ވަނީ މި މަޢުޟޫއަށް ވަރަށް ފުޅާކޮށް ވާހަކަދައްކާފައެވެ. ރަވީނާ ޓަންޑަންގެ ވާހަކައިގައި ބުނެފައިވަނީ މިއަދު އެންމެ ގިނަ ބައެއްގެ ޝަކުވާއަކީ ފިލްމީ ބަތަލާއިންނަށްދޭ އުޖޫރަ ކުޑަ ކަމުގެ ވާހަކަ ނަމަވެސް މިއަދު ޓެލެވިޒަން އިންޑަސްޓްރީގައި މަސައްކަތްކުރާ ބަތަލާއިންނަށް ލިބޭ މުސާރަ އެކްޓަރުންނަށްވުރެ ބޮޑު ކަމަށެވެ.
ރަވީނާ ފިލްމީ ދާއިރާއަށް ތަޢާރަފްވި ދުވަސްވަރާ ބަލާފައި މިއަދު ހިންދީ ސިނަމާގެ ދުނިޔެ ވަރަށް ބޮޑަށް ބަދަލުވެފައިވާކަމަށާއި ހެޔޮ ބަދަލުތައް އައިސްފައިވާކަމަށް ގަބޫލުކުރާކަމުގައި 48 އަހަރުގެ ބަތަލާ ވަނީ ބުނެފައެވެ.
ފިލްމީ ދާއިރާއަކީ ފެށުނީއްސުރެވެސް ފިރިހެނުންނަށް ހާއްސަ އަހައްމިއްޔަތުކަމެއް ދެވިފައިވާ އެ ސަގާފަތް ވަރަށް ދިގުމުއްދަތަކަށް ދެމިއޮތް ދާއިރާއެއްކަމަށާއި އެހެންނަމަވެސް އެ ވިސްނުމާއި ސަގާފަތް ބަދަލުވަމުންދާ މަންޒަރު ފެންނަކަމަށް ރަވީނާ ވަނީ ބުނެފައެވެ. އެގޮތުން ބަތަލާއިންނަށް ހާއްސަކޮށްގެން ފިލްމު އުފެއްދުމާއި އެކްޝަން ފިލްމުތަކުން ވެސް ބަތަލާއިން ފެންނަކަމީ އޭގެ ހެއްކެއްކަމަށް ރަވީނާ ވަނީ ބުނެފައެވެ. ފިލްމީ ދާއިރާގެ ތަފާތު އެކި މަގާމުތަކުގައި އަންހެނުން ކެރިގެން މަސައްކަތް ކުރާ ކަމަށާއި އޭގެތެރޭގައި ޕްރޮޑިއުސަރުން، ޑައިރެކްޓަރުން، ފޮޓޯގްރާފަރުން، ކޮރިއަގްރާފަރުން އަދި ޓީވީ ޗެނަލްތަކުގެ ވެރިން ހިމެނޭކަމަށް ވެސް ރަވީނާ ބުނެފައިވެއެވެ.
އިންޑިއާ ސަރުކާރުން އަރުވާ ޝަރަފްވެރި ޕަދްމާޝްރީ ޝަރަފް ވެސް ލިބިފައިވާ ބަތަލާއަކީ ވަރަށް ތަފާތު މައުޟޫއުތަކަށް ބިނާކޮށްފައިވާ ފިލްމުތައް ކުޅެފައިވާ ފަރާތެކެވެ. އޭގެތެރޭގައި 2001ވަނަ އަހަރު ޤައުމީ އެވޯޑް ހާސިލްކުރި ފިލްމު "ދާމަން" އަދި ފިލްމު "ސައްތާ" ހިމެނެއެވެ. ރަވީނާ އެންމެފަހުން ފެނިފައިވަނީ މިދިޔަ އަހަރު ރިލީޒްވި ކާމިޔާބު ފިލްމު "ކޭޖީއެފް: ޗެޕްޓަ2"ގެ ރޯލަކުންނެވެ.