ފިލްމު 'ތޭޒާބް'ގެ ރިމޭކަށް ސޮއި ނުކުރާކަމަށް ކާތިކް ބުނެފި

ބަތަލާ މާދުރީ ޑިކްސިޓްއާއި އެކްޓަރު އަނިލް ކަޕޫރުގެ ފިލްމީ ކެރިއަރުގެ އައިކޮނިކް ފިލްމު "ތޭޒާބް"އަށް ސޮއިކުރިކަމަށް ފަތުރަމުންދާ ޚަބަރު ކާތިކް އަރްޔަން ދޮގުކޮށްފިއެވެ.

މި ފިލްމުގެ ރިމޭކް އުފެއްދުމަށް ނިންމާފައިވަނީ އެކްޓަރު ރަންވީރު ސިންގް އަދި ބަތަލާ ޖާންވީ ކަޕޫރުއާއެކުކަމަށް މީގެކުރިން ރިޕޯޓުތަކުން ވަނީ ބުނެފައެވެ.

ފިލްމު "ބޫލް ބުލައްޔާ2"ގެ އެކްޓަރު މި ފިލްމަށް ހޮވާފައިވާއިރު ރަންވީރު ސިންގް ފިލްމުން ވަކިކޮށްފައިވާކަމަށް ބައެއް މީޑިއާ ޚަބަރުތަކުން ވަނީ ބުނެފައެވެ. ނަމަވެސް ކާތިކް އަރްޔަން ބުނެފައިވަނީ މި ފިލްމުގެ އެއްވެސް ރޯލަކަށް އެކްޓަރު ސޮއި ނުކުރާ ކަމަށެވެ. އަނިލް ކަޕޫރާއި މަދޫރީ ޑިކްސިޓްގެ އިތުރުން އެކްޓަރު އަނޫޕަމް ހޭރް އަދި ޗަންކޭ ޕާންޑޭ މުހިއްމު ރޯލްއިން ފެނުނު "ތޭޒާބް"އަކީ 1988ގައި ރިލީޒްކުރި ފިލްމެކެވެ. މި ފިލްމަކީ ބަތަލާ މާދުރީ ޑިކްސިޓްގެ ފިލްމީ ކެރިއަރުވެސް ކުރިއަށްޖެހިލި ފިލްމެވެ.

އެން ޗަންދްރާ ޑައިރެކްޓްކުރި ފިލްމު "ތޭޒާބް"ގެ ކޮޕީ ރައިޓްސް ފިލްމު "ބޫލް ބުލައްޔާ2" އަދި "ތަޅަމް"ފަދަ ފިލްމުތަކުގެ ޑައިރެކްޓަރު މުރާދު ހެތާނީ ވަނީ ގަނެފައެވެ. ފިލްމަށް ކާތިކް އާރްޔަން ހަމަޖެހުނުކަމުގެ ޚަބަރު ތިލަވެފައިވަނީ ޑައިރެކްޓަރު މުރާޑު ފިލްމުގެ ކޮޕީ ރައިޓްސް ގަނެލި ހިސާބުންނެވެ.

ފިލްމާ ބެހޭގޮތުން މާދުރީ ބުނެފައިވަނީ ފިލްމާބެހޭގޮތުން އެއްޗެއް ބުނަން އެނގޭނީ ރިމޭކް ބެލުމަށްފަހު ކަމަށެވެ. މުރާދީ ހެތާނީފަދަ މޮޅު ޑައިރެކްޓަރަކު ފިލްމު އުފައްދާނަމަ އެފިލްމު ވަރަށް ތަފާތުވާނެކަމަށް ގަބޫލުކުރާކަމުގައި ބަތަލާ ވަނީ ބުނެފައެވެ.

އެކްޓަރު ކާތިކް އަރްޔަން އެންމެފަހުން ފެނިފައިވަނީ މިއަހަރު ރިލީޒްވި ފިލްމު "ޝެހެޒާދާ"އިންނެވެ. ކްރިތީ ސެނޮންއާއި މަނީޝާ ކޮއިރަލާގެ އިތުރުން އެކްޓަރު ރޮނިތް ރޯއި މުހިއްމު ރޯލް ކުޅުނު މިފިލްމަށް ބޮކްސް އޮފީހުގައި މާބޮޑު ކާމިޔާބީއެއް ނުހޯދުނެވެ. ކާތިކް ދެން އެންމެ އަވަހަށް ފެންނާނީ މިހާރު މަސައްކަތް ފެށިފައިވާ ފިލްމު "ސަތްޔަ ޕްރޭމްކީ ކަތާ"އިންނެވެ. މިފިލްމުގައި ބަތަލާގެ ރޯލް ކުޅެނީ ކިއާރާ އަދްވަނީއެވެ.

comment ކޮމެންޓް