ހޮލީވުޑް ފިލްމު "ގާޑިއަންސް އޮފް ދަ ގެލެކްސީ"ގެ ކުޅަދާނަ ޑައިރެކްޓަރު ޖޭމްސް ގަން ބޭނުން ވަނީ މަޝްހޫރު ތެލުގޫ އެކްޓަރު ޖޫނިއަ އެންޓީއާރްއާއެކު މަސައްކަތްކުރުމަށްކަމަށް އޭނާ ބުނެފިއެވެ.
ޖޭމްސް ގަން މިހެން ބުނެފައިވަނީ މީޑިއާއިން ޑައިރެކްޓަރު ގާތު އެހި ސުވާލަކާ ގުޅުވައިގެންނެވެ. އިންޑިއާ ފިލްމީ ތަރިއަކު ގާޑިއަންސް ޔުނިވާސްއަށް ތަޢާރަފްކުރަން ފުރުސަތު ލިބިއްޖެނަމަ އެފުރުސަތު ދޭނީ ކޮން ފިލްމީ ތަރިއަކަށްތޯ އެހުމުން ޖޭމްސް އެ ފުރުސަތު ދޭން ބޭނުންވަނީ ކުޅަދާނަ ފިލްމީ ތަރި ޖޫނިއަ އެންޓީއާރްއަށް ކަމަށް ވަނީ ބުނެފައެވެ.
ޖޫނިއަ އެންޓީއާރްގެ ކެރިއަރުގެ ކާމިޔާބު ފިލްމު "އާރްއާރްއާރް"ގައި ބަތަލުގެ ފުރަތަމަ ފެނިލުން ދައްކާ ސީންއަކީ ޖޭމްސްއަށް ވަރަށް ކަމުދާ އެހާމެ މޮޅަށް ޑައިރެކްޓްކޮށްފައިވާ ސީންއެއްކަން މި އިންޓަވިއުގައި އޭނާ ވަނީ ފާހަގަކޮށްފައެވެ. މި ސީންގައި ޖޫނިއަ އެންޓީއާރް ފެންނަނީ ކޮށްޓެއްގައި ބަންދުކޮށްފައިވާ މިނިކާ ވަގަކާ ކުރިމަތިލާ މަންޒަރެވެ.
ޖޭމްސްގެ މި ޖަވާބާއެކު ޑައިރެކްޓަރުގެ ވިސްނުމުގައި އެކްޓަރަށް ދޭނެ ރޯލެއް އެބަހުރިތޯ އެހުމުން ބުނެފައިވަނީ އެކަމާޖެހޭނީ ވަރަށް ބޮޑަށް ވިސްނަން ކަމަށެވެ. ހިންދީ ސިނަމާގެ އުފެއްދުންތަކުގެ ފުރިހަމަކަމުގެ ވާހަކަ ދައްކަމުން ޖޭމްސް ބުނެފައިވަނީ ޑައިރެކްޓަރުގެ ފިލްމު "ގާޑިއަންސް އޮފް ދަ ގެލެކްސީ"ގެ ތިން ވަނަ ބައި އުފެއްދިއިރު ބޮލީވުޑް އުފެއްދުންތައް އެހީތެރިވިކަމަށެވެ.
ބޮލީވުޑް ފިލްމުތައް އުފެއްދުމުގައި މާ ހަރުކަށި ޤަވަޢިދުތައް ނެތުމަކީވެސް ކޮލިޓީ ރަގަޅު އުފެއްދުމެއް ބެލުންތެރިންނާ ހަމައަށް ގެނެސްދިނުމުގައި ވަރަށް ބޮޑު އެހީއަކަށް ވެގެންދާ ކަމެއް ކަމަށް ޖޭމްސް ވަނީ ބުނެފައެވެ.
ތެލުގޫ ޑައިރެކްޓަރު އެސް އެސް ރާޖާމޮލީގެ ފިލްމު "އާރްއާރްއާރް" ވެގެން ގޮސްފައި ވަނީ މިދިޔަ އަހަރު ރިލީޒްވި އެ ސިނަމާގެ އެންމެ ކާމިޔާބު އެއް ފިލްމަށެވެ. މި ފިލްމުގެ ލަވަ "ނާޓޫ ނާޓޫ" އަކީ އިންޑީއާގެ ތާރީޚުގައި ޤައުމަށް ހޯދައިދިން ފުރަތަމަ އޮސްކާ އެވޯޑް ކާމިޔާބުކޮށްދިން ލަވައަށެވެ.
މި ފިލްމަށް ބައިނަލްއަޤްވާމީ ސަމާލުކަން ލިބިފައިވާއިރު ފިލްމުގެ ޑައިރެކްޓަރު އަދި އެކްޓަރު ރާމް ޗަރަންއަށްވެސް ހޮލީވުޑްއިން ފުރުސަތުތަކެއް ލިބިފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ. ޖޫނިއާ އެންޓީއާރްގެ އެންމެ އަވަހަށް ރިލީޒްވާނެ ފިލްމަކީ "އެންޓީއާރް 30"ގެ ނަމުގައި މަސައްކަތް ފަށާފައިވާ ފިލްމެވެ.