ބުރު އަތުން ހޯދި އުނދަގޫ މޮޅާއެކު އީގަލްސް ފައިނަލަށް

ޕްރެޒިޑެންޓްސް ކަޕްގައި މީގެ ކުރިން ވެލެންސިއާ ކޮޅަށް ގޯލު ޖެހުމަށްފަހު، އީގަލްސްގެ ކުޅުންތެރިންނާއެކު ރިޒްވާން އުފާފާޅުކުރަނީ: މިއަދު ބުރާ ދެކޮޅަށް ކުޅުނު ސެމީ ފައިނަލުގެ މެޗުގައި ވެސް ރިޒޭ ވަނީ ގޯލެއް ޖަހާފައި -- ފޮޓޯ/ އެފްއޭއެމް

ފުރަތަމަ ޑިވިޝަންގައި އަލަށް ވާދަކުރަމުންދާ ބުރު ސްޕޯޓްސް ކްލަބު ބަލިކޮށް، ކްލަބު އީގަލްސް އިން ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލުން ޖާގައެއް ހޯދައިފިއެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު ސެމީ ފައިނަލުގެ މެޗުގައި ބުރު އަތުން އީގަލްސް މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ. އީގަލްސް އިން ސެމީއަށް ދަތުރުކުރީ "ގްރޫޕު އޭ" ގެ އެއްވަނައިގެ ގޮތުގައެވެ. އަދި ބުރުން ސެމީއަށް ދަތުރުކުރީ "ގްރޫޕު ބީ" ގެ ދެވަނައިގެ ގޮތުގައެވެ.

މިއަދު ހަވީރު ކުޅުނު ސެމީގެ މެޗުގައި ފުރަތަމަ ގޯލު ޖަހައި، ލީޑު ހޯދީ އީގަލްސް އިންނެވެ. މެޗުގެ 26 ވަނަ މިނެޓުގައި ފްރެންކާ ކޮއެލްހޯ އިވާން ކާލޯސް ނަގައިދިން ހުރަހަކުން އީގަލްސްއަށް އެ ގޯޅު ކާމިޔާބުކޮށްދިނީ އެޓީމުގެ ހަލުވި ފޯވަޑް އަހުމަދު ރިޒުވާން (ރިޒޭ) އެވެ. އޭނާ އެ ގޯލު ޖެހީ ބުރުގެ ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުންނެވެ.

އެ ގޯލަށްފަހު ބުރުން ގޯލެއް ޖަހައި ނަތީޖާ ހަމަހަމަކުރުމަށް މަސައްކަތްކުރި ނަމަވެސް، ފުރަތަމަ ހާފު ނިމުމުގެ ކުރިން އެޓީމަށް އެކަން ކާމިޔާބުކުރެވިފައެއް ނުވެއެވެ. އެގޮތުން މެޗުގެ ފުރަތަމަ ހާފު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް، ބުރުގެ މުހައްމަދު ތަސްނީމް ފޮނުވާލި ހަމަލާއެއް ފާހަގަކޮށްލެވެއެވެ. އޭނާ ފޮނުވާލި ހަމަލާ ދިޔައީ އީގަލްސްގެ ގޯލާ އަމާޒުނުވެ ބޭރަށެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން އީގަލްސް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި މަސައްކަތްތަކެއްކޮށް، ބުރަށް ނަތީޖާ ހަމަހަމަކުރެވުނީ ހާފު ނިމެން އަށް މިނެޓަށް ވެފައިވަނިކޮށެވެ. އެ ގޯލަކީ ޕެނަލްޓީ އޭރިއާ ތެރެއިން ބުރުގެ އަހުމަދު ރަޝީދު (އައްމަޑޭ) އަށް އީގަލްސްގެ އަބްދުﷲ ސަމީހު މޫސާ ކުރި ފައުލަކާ ގުޅިގެން ބުރަށް ލިބުނު ޕެނަލްޓީއަކުން ޖެހި ގޯލެކެވެ. ބުރަށް އެ ޕެނަލްޓީ ކާމިޔާބުކޮށްދިނީ ތަސްނީމެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު، 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެފައިވުމުން ނަތީޖާ ނެރުމަށް އިތުރު ވަގުތުގެ ދެ ހާފު ކުޅެން ޖެހުނެވެ. އީގަލްސްއިން މޮޅު ކަށަވަރުކުރި ގޯލު ޖެހީ އިތުރު ވަގުތުގެ ފުރަތަމަ ހާފު ފެށިތާ ދެ މިނެޓުގެ ތެރޭގައެވެ. ޕެނަލްޓީ އޭރިއާ ބޭރުން ސަމީހު ފޮނުވާލި ހަމަލާއެއް، ބުރުގެ ގޯލުގެ އަރިމަތީ ދަނޑީގައި ޖެހި ނުކުމާއެކު ލިބުނު ބޯޅައަކުން އީގަލްސްއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ޒައިން ޒަފަރެވެ.

އެ މެޗުން ބަލިވެ، ފައިނަލުން ފުރުސަތު ނުލިބި ނިންމާލަން ޖެހުނު ނަމަވެސް، ތަޖުރިބާކާރު ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ގެ އިރުޝާދުގެ ދަށުން ކުޅެމުންދާ ބުރުން ވަނީ މުބާރާތުގައި ވަރުގަދަ ކުޅުމެއް ދައްކައިފައެވެ. އެޓީމުން ވަނީ ގްރޫޕު ސްޓޭޖުގައި ވަރުގަދަ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު ވެސް ބަލިކޮށްފައެވެ.

އަންނަ އާދީއްތަ ދުވަހުގެ ރޭ ކުޅޭ ފައިނަލުގައި އީގަލްސް އިން ނުކުންނަން ޖެހޭނީ މިރޭ ކުޅޭ ސެމީގެ ދެވަނަ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ. ސެމީގެ ދެވަނަ މެޗުގައި ބައްދަލުކުރަނީ މާޒިޔާ އާއި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އެވެ.

comment ކޮމެންޓް