ހަތަރު އަހަރު ފަހުން ބްލެކް މިރޯ އާ ސީޒަނާއެކު

ނެޓްފްލިކްސްގެ މަޝްހޫރު ސައިފައި ޑިސްޓޯޕިއަން ޝޯ ކަމަށްވާ "ބްލެކް މިރޯ" ބޮޑު ބްރޭކަކަށް ދިޔުމަށް ފަހު އާ ސީޒަނާއެކު އެނބުރި އައުމަށް ތައްޔާރުވެއްޖެއެވެ.

އެންތޯލޮޖީ ޝޯއެއްގެ ގޮތުގައި ދައްކަމުން އަންނަ ބްލެކް މިރޯ އަކީ ނެޓްފްލިކްސްގެ އެންމެ މަގުބޫލު ޝޯތަކުގެ ތެރޭގައި ހިމެނޭ އެއް ޝޯއެވެ. އެއާއެކު ޝޯގެ ފަސްވަނަ ސީޒަން ނިމުމާއެކު ފޭނުން ހީކޮށްގެން ތިބީ ޝޯގެ އާ ސީޒަނެއް ނުލިބޭނެ ކަމަށެވެ.

ފަސްވަނަ ސީޒަން 2019 ވަނަ އަހަރުގައި ނެރުނު އިރު އެ އަހަރު ނެރުނީ އެންމެ ތިން އެޕިސޯޑެވެ. އެއަށްފަހު ޝޯ އާ ގުޅޭގޮތުން މާ ގިނަ ވާހަކަތަކެއް ދައްކާފައެއް ނުވެއެވެ. ނަމަވެސް ނެޓްފްލިކްސް އިން ވަނީ އެންމެ ފަހުން ޝޯގެ އާ ސީޒަންގެ ޓީޒަރު އާންމުކޮށްފައެވެ.

ނެޓްފްލިކްސްގެ ބްލެކް މިރޯގެ ކޮންމެ އެޕިސޯޑެއްގައި ވެސް ކިޔައިދޭނީ ތަފާތު ވާހަކައެކެވެ. ޗެނަލް ފޯ ނަމަކަށް ކިޔާ ނެޓްވޯކަކުން ދައްކަމުން އައި މި ޝޯގެ ދެ ސީޒަން ކަމު ގޮސްގެން ނެޓްފްލިކްސް އިން މި ޝޯ ގަނެފައިވަނީ 2014 ވަނަ އަހަރުގައެވެ. އެއަށްފަހު ތިން ސީޒަނާއި ބްލެކް މިރޯއާ ގުޅޭ ދެ ފިލްމު ވަނީ ނެރެފައެވެ.

އެންމެ ފަހުން އާ ސީޒަނާއެކު ޝޯ އެނބުރި އަންނައިރު މިފަހަރުގެ ސީޒަނަށް ވެސް ހޮލީވުޑްގެ ބޮޑެތި އެކްޓަރުން ވަނީ ކާސްޓް ކޮށްފައެވެ. އޭގެތެރޭގައި ސަލްމާ ހަޔެކް އާއި އެރޮން ޕޯލް އާއި ޖޯޝް ހާނެޓްގެ އިތުރުން ކޭޓް މާރާ އާއި ޒެޒީ ބީޓްސް ފަދަ އެކްޓަރުން ހިމެނެއެވެ.

ޝޯގެ ހަވަނަ ސީޒަން ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ ޖޫންގެ ހަވަނަ ދުވަހުގައެވެ. މި ސީޒަންގައި ހިމެނޭ އެޕިސޯޑްގެ އަދަދެއް ވެސް އަދި ނޭނގެއެވެ.

comment ކޮމެންޓް