ސިމްކާޑު ވިއްކުން ލިމިޓު ކުރާ ގަވާއިދު 15 ދުވަސް ތެރޭގައި ނިންމަން ލަފާދީފި

ސިމް ކާޑެއް: ސިމް ކާޑު ވިއްކުން ލިމިޓް ކުރުމުގެ ގަވައިދު 15 ދުވަސް ތެރޭ ނިންމަން ވަނީ ލަފާދީފައި---

ސްކޭމް ކޯލުތައް ހުއްޓުވަން، ކޮންމެ މީހަކަށް ސިމް ކާޑު ނެގޭ މިންވަރު ލިމިޓް ކުރަން ކޮމިނިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް)އިން ހަދަން ޖެހޭ ގަވައިދު 15 ދުވަހުގެ ތެރޭގައި ނިންމަން ލަފާދީ، ކޮމިޓީ ރިޕޯޓު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ބީއެމްއެލްގެ ކަސްޓަމަރުންގެ އެކައުންޓުތަކުން، އެ ކައުންޓުތަކުގެ ވެރިފަރާތައް ނޭނގި ފައިސާ ކެނޑެމުންދާ މައްސަލައާއި ސްކޭމް ކޯލުތަކުގެ މައްސަލައިގައި ރައްޔިތުން މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒް (އެސްއޯއީ) ކޮމިޓީން ވަނީ، އެ މައްސަލަތައް ދިރާސާކޮށް، ފިޔަވަޅުތަކެއް އެޅުމަށް ލަފާދީފައިވާ ރިޕޯޓެއް އެކުލަވައިލާފައެވެ.

އެ ކޮމިޓީ ރިޕޯޓު މަޖިލިސް ތަޅުމަށް ހުށަހަޅައި މިއަދުގެ ޖަލްސާގައި ވޯޓަށް އަހާފައިވާއިރު، ވޯޓުގައި ބައިވެރިވި 45 މެންބަރުންގެ އިއްތިފާގުން އެ ކޮމިޓީ ރިޕޯޓު ވަނީ ފާސްކޮށްފައެވެ.

ކޮމިޓީން އެކުލަވައިލި ރިޕޯޓުގައި ވަނީ ކަސްޓަމަރުން އަލަށް ނަގާ ސިމްތަކުގެ މައުލޫމާތު ފުރިހަމަ ނުކޮށް ބޭނުންކުރާ މައްސަލަ މިދިޔަ އަހަރު ޑިސެމްބަރު މަހުން ފެށިގެން ހައްލު ކުރި ނަމަވެސް އޭގެ ކުރިން ނަގާފައިވާ ސިމް ކާޑުތަކުގެ މައްސަލައަށް ހައްލެއް ލިބިފައިނުވާކަން ފާހަގަކުރެވޭ ކަމަށެވެ.

އެހެންވެ، ރާއްޖޭގައި ބޭނުންކުރާ ހުރިހާ ސިމްތަކަކީ ރަޖިސްޓްރީ ވެފައިވާ ނަމްބަރުތަކެއްކަން ކަށަވަރު ކުރުމަށާއި އެ ނަމްބަރުތަކުގެ ވެރިފަރާތް ފަސޭހައިން ދެނެގަނެވޭނެ ނިޒާމެއް ގާއިމް ކުރަން ކޭމްގައި އެދުމަށް އެ ރިޕޯޓުގައި ވަނީ ނިންމައިފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން --- ފޮޓޯ/ މަޖިލިސް

މި ރިޕޯޓު ފާސްކުރާތާ 15 ދުވަހުގެ ތެރޭގައި ސިމް ކާޑުގެ އެކްސެސް ވަކި އަދަދަކަށް ލިމިޓުކޮށް، ސިމް ކާޑުތައް ރެގިއުލޭޓް ކުރުމަށް ކެމް އިން އެކުލަވާލަމުން އަންނަ ގަވައިދު ނިންމައި ގެޒެޓް ކުރުމަށް ވެސް މިއަދުގެ މަޖިލީހުން ފާސްކުރި ކޮމިޓީ ރިޕޯޓުގައި ވަނީ ލަފާދީފައެވެ.

ކޮމިޓީ ރިޕޯޓުގައި ވަނީ ފްރޯޑް ކޯލްތަކުގެ މައްސަލަ ފެށިގެން އަންނަނީ މާފުށީ ޖަލުން ކަން ފާހަގަކޮށްފައެވެ. އެހެންވެ، އެފަދަ ކޯލްތައް ޓެޕް ކުރުމަށް ހަރުކޮށްފައިވާ ޓަވަރަށް ލިބޭ 14 މައުލޫމާތެއް ހިއްސާ ކުރުމަށް އެއްބަސްވެފައިވީ ނަމަވެސް ޓެލެކޮމިއުނިކޭޝަން ސާވިސް ޕްރޮވައިޑަރުން ހިއްސާ ކުރަމުން ގެންދަނީ ނުވަ މައުލޫމާތެއް ކަމަށް އެ ރިޕޯޓުގައި ބުނެފައިވެއެވެ.

މީގެ އިތުރުން، އޮޅުވާލައިގެން ފައިސާ ހޯދުމުގެ މައްސަލަތައް ހައްލުކުރުމަށް، އެ ކަންކަމަށް މީހުން ހޭލުންތެރި ކުރުވުމަށް މަސައްކަތް ކުރުމަށް ވެސް ރިޕޯޓުގައި ވަނީ ލަފާދީފައެވެ.

ފުލުހުންނާ ހަވާލާދީ ކޮމިޓީ ރިޕޯޓުގައި ވަނީ އޮޅުވާލައިގެން ފައިސާ ހޯދުމުގެ މައްސަލަތައް އެންމެ ގިނައިން ހުށަހަޅާފައި ވަނީ މިދިޔަ އަހަރު ކަމަށެވެ. މިދިޔަ އަހަރު ފުލުހުންނަށް އެފަދަ 1087 މައްސަލަ ހުށަހަޅާފައިވާ ކަމަށާއި އޭގެ ކުރީ އަހަރު 601 މައްސަަލަ އަދި މި އަހަރުގެ މިހާތަނަށް 155 މައްސަލަ ހުށަހަޅާފައިވާކަން ފުލުހުންނާ ހަވަލާދީ ކޮމިޓީ ރިޕޯޓުގައިވެއެވެ.

comment ކޮމެންޓް