20 ޓަނު ފެނަކުން ނުފުދޭ، އިތުރަށް ފެން ބޭނުންވޭ: ހޯނޑެއްދޫ ކައުންސިލް

ގދ. ހޯނޑެއްދޫ --- ފޮޓޯ/ ފޭސްބުކް

ވާރޭ ނުވެހި ގިނަ ދުވަސްތަކެއް ވުމުގެ ސަބަބުން ގދ. ހޯނޑެއްދޫ ފެނަށް ޖެހިފައި ވަނިކޮށް ފޯރުކޮށްދިން 20 ޓަނު ފެނުން ނުފުދޭ ކަމަށާއި އިތުރަށް ފެން ބޭނުންވާ ކަމަށް އެ ރަށު ކައުންސިލުން ބުނެފިއެވެ.

ހޯނޑެއްދޫ ފެނަށް ޖެހުނީ ވާރޭ ނުވެހި އޮންނަތާ ގާތްގަނޑަކަށް ދެ މަސް ދުވަސް ވެފައި ވަނިކޮށެވެ. އެހެންވެ، އެ ރަށު ކައުންސިލުގެ އެދުމުގެ މަތިން ފެނަކައިން އެ ރަށަށް 20 ޓަނު ފެން ފޯރުކޮށްދީފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

އެކަމާ ގުޅިގެން ހޯނޑެއްދޫ ކައުންސިލުގެ ރައީސް ހުސައިން ވާރިޝް މިއަދު "ސަން"އަށް ވިދާޅުވީ 20 ޓަނުން ފުދޭނީ ކިރިޔާ ދެ ހަފުތާއަށް ކަމަށެވެ. އެހެންވެ، ފެނަކައިން ފޯރުކޮށްދިން 20 ޓަނުން އެ ރަށަށް ނުފުދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"މިވަގުތު ފެން ހުރި ނަމަވެސް އިތުރަށް ބޭނުންވޭ. ދެން މިހާރު ހުރި ފެނުން މިހާރަށް ފުދުނަސް އެބަ މަސައްކަތް ކުރަން އެ ހުސްވަން ވާއިރަށް އިތުރަށް ލިބޭތޯ،" އޭނާ ވިދާޅުވިއެވެ.

ވާރިޝް ވިދާޅުވި ގޮތުގައި އެންމެ ފުރަތަމަ ވެސް އެދުނީ 50 ޓަނުގެ ފެނަށެވެ. އަދި މިހާރު ހުރި ފެން ހުސްވުމުގެ ކުރިން އިތުރަށް ފޯރުކޮށްދޭނެ ކަމަށް އުއްމީދު ކުރާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ހޯނޑެއްދޫގެ ފެނުގެ ދަތިކަން އަދިވެސް އެއްކޮށް ހައްލުނުވާއިރު، އެ ރަށުގައި ސަރުކާރުން ގާއިމުކުރި ބޯފެން އުފައްދާ ޕްލާންޓެއް ވެސް ހުރެއެވެ. އެ މަސައްކަތް ނިންމައި 2021 އިން ފެށިގެން ފެނަކައިން ވަނީ އެ ޕްލާންޓާ ހަވާލުވެފައެވެ.

މިވަގުތު އެ ރަށުގައި ފެން ހުރި ނަމަވެސް އެކަން ހައްލު ނުވާތީ، އެ ރަށު ރައްޔިތުންގެ ކަންބޮޑުވުން އަދިވެސް އެބައޮތެވެ.

comment ކޮމެންޓް