ކެނެޑާގެ ތާރީޚުގައި ވެސް އެންމެ ބޮޑު ވައްކަން: 20 މިލިއަން ޑޮލަރުގެ ރަން ގެއްލިއްޖެ

ޓޮރޮންޓޯ ޕިއާސަން އިންޓަނޭޝަނަލް އެއާޕޯޓު --- ފޮޓޯ/ ސްކައިޓްރެކްސް

ކެނެޑާގެ މަޝްހޫރު އެއާލައިން، އެއާ ކެނެޑާ މެދުވެރިކޮށް އެގައުމުގެ ޓޮރޮންޓޯ ޑޮމިއޮން ބޭންކް (ޓީޑީ ބޭންކް) އިން އެހެން ބޭންކަކަށް ގެންދަން އުޅުނު ރަންތަކެއް ހިމެނޭ ޝިޕްމެންޓެއް ވަގަށް ނަގައިފިއެވެ.

ބޭރުގެ ނޫސްތަކަށް މައުލޫމާތު ދެމުން އެގައުމުގެ ޕީލް ރީޖަނަލް ޕޮލިސްގެ އިންސްޕެކްޓަވަރު ސްޓެފެން ޑުއިވެސްޓެން ވިދާޅުވީ މި މަހުގެ 20 ވަނަ ދުވަހު އެއާ ކެނެޑާ އިން އެގައުމުގެ ބޭންކަކަށް ގެނައި ރަންތަކެއް ހިމެނޭ ޝިޕްމެންޓެއް، އެގައުމުގެ ޓޮރޮންޓޯ ޕިއާސަން އިންޓަނޭޝަނަލް އެއާޕޯޓުން ވަގަށް ނަގައިފައިވާ ކަމަށެވެ.

ޑުއިވެސްޓެން ވިދާޅުވީ މި މައްސަލާގައި ވަގަށް ނެގި ޝިޕްމެންޓް ވަގަށް ނަގައިފައިވަނީ ތިން ވަނަ ފަރާތަކަށް ކުއްޔަށް ދީފައިވާ ކާގޯ ހޯލްޑިން ވެއާ ހައުސްއަކަށް ވަދެގަނެގެން ކަމުގައި ބެލެވޭ ކަމަށެވެ.

ކެނެޑާގެ ޕީލް ރީޖަނަލް ޕޮލިސްގެ އިންސްޕެކްޓަވަރު ސްޓެފެން ޑުއިވެސްޓެން --- ފޮޓޯ/ ޓްވިޓާ

"އެ ޝިޕްމެންޓް އެއާޕޯޓަށް އައިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެ ޝިޕްމެންޓް ވަނީ ހޯލްޑިން ފެސިލިޓީ އިން ވަކިކޮށްފައި. މިކަން ކޮށްފައިވަނީ ޤާނޫނާ ޚިލާފަށް،" އެނާ ވިދާޅުވިއެވެ.

އެ ޝިޕްމެންޓުގައި ހިމެނެނީ 1600 ކިލޯގެ ރަނުގެ އިތުރުން، އިތުރު ފައިސާތަކެކެވެ. އެގޮތުން މި ރަނުގެ އަގު 20 މިލިއަން ޑޮލަރަށް އަރާއިރު، އެ ޝިޕްމެންޓުގައި ހުރި ފައިސާގެ އަދަދު އަދި ޔަގީން ކުރެވިފައެއް ނުވެއެވެ.

މި މައްސަލައިގައި އަދި އެއްވެސް ފަރާތެއް ހައްޔަރުކޮށްފައި ނުވާއިރު، މިކަން ސީރިއަސް މައްސަލައެއްގެ ގޮތުގައި އެ ގައުމުގެ ފުލުހުންނާ ގުޅިގެން އިދާރާ ތަކުން ދަނީ ބަލަމުންނެވެ.

"މި މައްސަލައަށް މިއަދަށް މިއީ ތިން ވަނަ ދުވަސް. މިކަމުގައި ހުރިހާ ތަނަކަށް ބަލަމުން މި ދަނީ،" ޑުއިވެސްޓެން ވިދާޅުވިއެވެ.

ޝިޕްމެންޓުތަކުގައި ރަން ގެނައުމަކީ ޤައުމުތަކުގައި ޢާންމުކަމެކެވެ. އެގޮތުން މިއީ ކެނެޑާގެ ޓޮރޮންޓޯ ޕިއާސަން އެއާޕޯޓުގައި ވެސް ޢާންމު ކަމަކަށް ވީ ނަމަވެސް، މިއީ މިފަދަ ބޮޑު ވައްކަމެއް ކެނެޑާގެ ތާރީޚުގައި ހިނގި ފުރަތަމަ ފަހަރެވެ. ނަމަވެސް މީގެ ކުރިން ވެސް ކެނެޑާގައި މިއަށް ވުރެ ކުދި ވައްކަން ހިނގައިފައި އެބަ ހުއްޓެވެ.

އެގޮތުން 1952 ވަނަ އަހަރު، މިގޮތަށް ބަދަލުކުރި 2.5 ޑޮލަރުގެ ރަން ވަގަށް ނެގިއެވެ. ނަމަވެސް މިއަދާ ހަމައަށް ވެސް އެ މައްސަލައިގައި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

comment ކޮމެންޓް