އާބަންކޯއިން މުލަކުގައި ވޮލިީ ކޭމްޕެއް ފަށައިފި

އާބަންކޯއިން މުލަކުގައި ކުރިއަށްގެންދާ ވޮލީ ކޭމްޕުގެ ބައިވެރިން -- ފޮޓޯ/ އާބަންކޯ

މ. މުލަކުގައި އެ ރަށު ޖަމިއްޔާއެއްކަމަށްވާ ކޮމިއުނިޓީ އެމްޕވަމަންޓް ލިންކޭޖު (ސެލް)އާއި އާބަންކޯއާ ގުޅިގެން ވޮލީ ބޯޅަ ދަސްކޮށްދިނުމުގެ ކޭމްޕެއް ފަށައިފިއެވެ.

މި ވޮލީ ކޭމްޕަކީ އެ ކުޅިވަރަށް ޝައުގުވެރިކަން ހުރި ކުދިންނަށް ޚާއްސަކޮށްގެން ކޮންމެ އަހަރަކު ވެސް އެ ކޯޕަރޭޝަނުން ބާއްވަމުން އަންނަ ކޭމްޕެކެވެ.

މި ހަރަކާތުގެ އެއް ބޭނުމަކީ ހުޅުމާލެއިން ބޭރަށް އެ ކޯޕަރޭޝަންގެ ހަރަކާތްތައް ގެންދިއުމެވެ. މީގެ އިތުރުން ކައުންސިލްތަކާ ގުޅިގެން އިޖްތިމާއީ ގިނަ ހަރަކާތްތަކެއް ހިންގުމެވެ. ހަމައެއާއެކު މި ކޫލިވަރަށް ކުދިން ޝައުގުވެރިކުރުވުން ވެސް ހިމެނެއެވެ.

އާބަންކޯއިން މުލަކުގައި ކުރިއަށްގެންދާ ވޮލީ ކޭމްޕު ފެށުން -- ފޮޓޯ/ އާބަންކޯ

މި ކޭމްޕުގައި މުލަކުގެ ދެ ޖިންސް ކުދިންނަށް އަމާޒުކޮށްގެން ވޮލީ ބޯޅައިގެ އެންމެ އަސާސީ ހުނަރުތަކާއި މަތީ ފެންވަރުގެ ހުނަރުތައް ދަސްކޮށްދޭނެއެވެ.

މި ކޭމްޕުގައި ބައިވެރިވި ކުދިންނަށް ޖާޒީ ހަވާލުކުރުން އޮތީ މިއަދު ހަވީރުު އެ ރަށު ބޯޅަ ދަނޑު ސަރަހައްދުގައެވެ.

އެ ރަށުގެ ސެލް ޖަމިއްޔާއިން "ސަން"އާ ވާހަކަދައްކަމުން ބުނި ގޮތުގައި މިއީ އެ ރަށުގެ ކުދިންގެ މެދުގައި ކުޅިވަރު ރޫހު އިތުުރުކުރުމަށް ލިބޭ ފުރުސަތެކެވެ.

އަދި ރަށުގައި މި ކަމަށް އިތުރު ކުދިން އުފެއްދުމަށް ވެސް ލިބޭ ފަހި ފުރުސަތެކެވެ.

މި ކޭމްޕު ކުރިއަށްދަނީ ގްރޭޑް ހަތަކުން ނުވައަކާ ދެމެދުގެ އުމުރުފުރައިގެ މި ކޭމްޕު އޮންނާނީ މިއަދުން ފެށިގެން ހަފުތާއެއްގެ ނިޔަލަށެވެ.

comment ކޮމެންޓް