ގޮނޑުވެފައިވާ ސީޕްލޭން ޓާމިނަލުން ޓޫރިސްޓުންގެ ޗުއްޓީ ޚަރާބު!

މޮޅެތި ޝާއިރުންނާއި ޅެންވެރިން ރާއްޖެ ސިފަކޮށްފައިވަނީ ދުނިޔެމަތީގެ ސުވަރުގޭގެ ގޮތުގައެވެ. މި ތަނަކީ ދުނިޔޭގެ އެކި ހިސާބުތަކުން ޗުއްޓީ ހޭދަކުރަން ފަތުުރުވެރިން އަންނަ، ވޯލްޑްސް ލީޑިން ޑެސްޓިނޭޝަނެވެ.

ޅެންވެރިއަކު ސިފަކޮށްފައިވާ ގޮތުގައި ބޭރު މީހުން ރާއްޖެ ދެކެނީ ދެވަނައެއް ނެތް ފަދައިންނެވެ. އެކަމަކު، ބައެއް ފަހަރަށް ފަތުުރުވެރިންނަށް ފެންނަ ހުތުރު މަންޒަރުތަކުން އެ މީހުންގެ ވިސްނުން ރާއްޖެއާމެދު ބަދަލުވުން ވަރަށް ގާތެވެ.

ދިވެހީންނަކީ އަމިއްލަ ތިމާވެއްޓަށް ނުވިސްނާ، ތަހުޒީބުނުވާ ބައެއްްގެ ގޮތުގައި އެ މީހުންގެ ކުރިމަތީގައި ލޭބަލްވާން ފަށައިފާނެއެވެެ.

އެހެން އެކަން ނުވާންވީ ސަބަބެއް ނެތެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ހިންގާ ސީޕްލޭން ޓާމިނަލްއަކީ ދުނިޔޭގެ ވެސް އެންމެ ބޮޑު އެފަދަ ޓާމިނަލްއެވެ. އެތައް ހާސް ޓޫރިސްޓުންނެއް ކޮންމެ ދުވަހަކު އެ ތަނުން ދަތުރުކުރެއެވެ. މިހާރު އެ ތަނަށް ބަލާއިރު މުޅި އެ ސަރަހައްދުގެ މޫދުގައި އޮތީ ކުނި ބުންޏެވެ. އެންމެ ގިނައީ ޕްލާސްޓިކް ފުޅިއާއި ކޮތަޅު ފަދަ ތަކެއްޗެވެ. މިއީ ޓޫރިސްޓުން ރާއްޖޭން ބަލަން ބޭނުންވާނެ މަންޒަރެއް ނޫނެވެ.

މި ހުރިހާ ވާހަކައެއްގެ ތެރެއިން ވެސް ބުނެދޭން މި އުޅެނީ ހާއްސަ އެއް ވާހަކައެކެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ސީޕްލޭން ޓާމިނަލް ބޮޑު ކުނިގޮނޑަކަށް ބަދަލުވަމުންދާ ވާހަކައެވެ.

ކަންނެލި އޮޑިފަހަރާއި ސަފާރީތަކުން އަޅާ ކުނި!

ސީޕްލޭން ޓާމިނަލްގެ ކުނިތަކުގެ ތެރެއިން ހާވާލާ ބަލާލުމުން ފެނުނީ، އެއީ އެތައް ބައެއްގެ އިހުމާލު ކަމެވެ.

މިއީ އެއްވެސް ބަޔަކު ޝައްކު ވެސް ކުރާ ކަމެއް ނޫނެވެ. ހުޅުމާލޭ ފަޅުތެރޭގައި އަޅައިފައި އޮންނަ ކަންނެލި އޮޑިފަހަރުން އެތައް ކުންޏެއް ކޮންމެ ދުވަހަކުމެ، މޫދަށް އަޅައެވެ.

"ޑަސްބިނެއް ބަހައްޓާފައެއް ނުހުރޭ. އެހެންވީމަ ކޮންމެ ގޮތެއް ވިޔަސް ބައެއް ފަހަރަށް ޖެހެނީ މޫދަށް ކުނި އަޅަން،" ކަންނެލި ދޯންޏެއްގައި މަސައްކަތް ކުރާ މީހަކު ބުނެލިއެވެ.

އެ ތަނުގައި އަޅައިފައި އޮންނަ މަސްދޯނިތަކުން ވާހަކަ ދައްކާލި މީހުންގެ ތެރެއިން މަދު މީހަކު ނޫނީ އެ ކަމަކާ އިންކާރެއް ނުކުރެއެވެ. ބައެއް ދޯނިތަކުން ފުޅިމަދު ފޮށިތަކާ އެ ޒާތުގެ އެހެން އެއްޗެހި ވެސް މޫދަށް އަޅާ ކަމަށް އެއްބަސްވިއެވެ.

"އަހަރެމެން އެކަންޏެއް ނޫން. ސަފާރީތަކުން ވެސް ބަރާބަރަށް މޫދަށް ކުނި އަޅާ،" ކަންނެލި ދޯންޏެެއްގެ މީހަކު ބުންޏެވެ.

އެހެން ނަމަވެސް، މި މައްސަލައިގެ ތެރެއަށް ވަދެ ބަލައިލުމުން ބޮޑަށް ފެންނަނީ ކަންނެލި ދޯނިތަކުން އަޅައިފައިވާ ކުންޏެވެ. ސަބަބަކީ، ސަފާރީތައް އޮންނަ ހިސާބަކީ ވެސް ސީޕްލޭން ޓާމިނަލާ ނުހަނު ދުރު ހިސާބަކަށް ވުމެވެ.

މޫސުމީ ކަމެއް، ކުނިތައް ނަގަން މަސައްކަތްކުރޭ!

ސީޕްލޭން ޓާމިނަލްގެ ވެސް ބެލެނިވެރި ފަރާތްކަމަށްވާ، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ އޮފިޝަލަކު "ސަން"އަށް ވިދާޅުވީ މި ކަމަކީ މޫސުމީ ކަމެއް ކަމަށެވެ. އަދި އަބަދުވެސް، އެކި ދުވަސްވަރުތަކުގައި ސީޕްލޭން ޓާމިނަލަށް ކުނި ޖަމާވާކަމަށް އޭނާ ވިދާޅުވިއެވެެ.

އޮފިޝަލް ވިދާޅުވީ ކޮންމެ ދުވަހަކު ވެސް އެ ކުންފުނީގެ މެރިން ފަޔާ ޓީމުން އެ ކުނިތައް ނެގުމަށް ގިނަ މަސަައްކަތްތަކެއް ކުރާ ކަމަށެވެ. ނަމަވެސް، ގިނަ އަދަދެއްގެ ކުނި އަބަދުވެސް އަންނާތީ، އެއީ ވެސް އެންމެ އެކަށޭނަ ހައްލު ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

ސީޕްލޭން ޓާމިނަލްގައި ކުނި--

"ކުނި ނެގުމަކީއެއް ނޫން ހައްލަކީ. މޫދަށް ކުނި ނޭޅުން. މި ކަމާ ގުޅިގެން ލިބިދާނެ ގެއްލުންތަކާ ދޭތެރޭ ވެސް ވިސްނުން،" އޮފިޝަލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އިރުވައި މޫސުމުގައި އޮއެވަރު ހުންނަ ގޮތުން، ކަންނެލި އޮޑިފަހަރުންނާއި ސަފާރީތަކުން އަޅާ ހުރިހާ ކުންޏެއް ވެސް ޖަމާވަނީ ސީޕްލޭން ޓާމިނަލަށް ކަމަށެވެ.

ނުރައްކާތެރި ހާދިސާއެއްގެ ބިރު!

ސީޕްލޭން ޓާމިނަލްގެ ފަޅުތެރެެއިން ފެންނަނީ ހަމައެކަނި ޕްލާސްޓިކް ފުޅިއެއް ނޫނެވެ. ކޮތަޅެއް ނޫނެވެ. ނުވަތަ އެފަދަ އެއްޗިއްސެއް ވެސް ނޫނެވެ.

"ބޮޑެތި ލަކުޑިބުރި، ފަތިބުރި އެއްޗެހި ވެސް ބައެއް ފަހަރަށް ހުރޭ. ދެން ފަޔާ ރެސްކިއު ޓީމުން އެ ނަގާނީ ކޮންމެ ދުވަހަކު. އެކަމަކު އަބަދު އެހެނެއް ނުވާނެ ދޯ،" ސީޕްލޭނެއްގައި މަސައްކަތްކުރާ ކުރޫއަކު ބުންޏެވެ.

ރާއްޖޭގެ މަޝްހޫރު ޓްރެވެލް އޭޖެންސީ އިނާ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގު "ސަން"އަށް ވިދާޅުވީ އެ ގޮތަށް އެފަދަ ކުނި ސީޕްލޭން ޓާމިނަލުގައި ހުރުމަކީ ވަރަށް ނުރައްކާތެރި ކަމެއް ކަމަށެވެ. އަދި އެ ކަމުގެ ސަބަބުން ހިތާމަވެރި ހާދިސާއެއް ހިނގުމުގެ ފުރުސަތު އެބައޮތް ކަމަށް ވެސް ވިދާޅުވިއެވެ.

"އެއީ ސީޕްލޭން އެއްޗެހި އެޕްރޯޗް ވެސް ކޮށް، ޖައްސާ ތަންތަން. ކުޑަކުޑަ އެއްޗަކުން ޖެހި ވެސް ބޯޓެއް ފަޅައިގެން ދިއުމަކީ ވަރަށް އާއްމު ކަމެއް،" ފިރާގު ވިދާޅުވިއެވެ.

"އެއީ ރަންވޭއެއްގެ މަތީގައި ބޮޑެތި ލަކުޑިބުރިބުރި ހުރުން ކަހަލަ ކަމެއް،"

އެމްއޭސީއެލްގެ އޮފިޝަލް ވިދާޅުވީ ސީޕްލޭންތައް އެޕްރޯޗްކުރާ ހިސާބު ކޮންމެ ދުވަހަކު ވެސް ވަރަށް ޚާއްސަ ސަމާލުކަމެއް ދީގެން ސާފުކުރާ ކަމަށެވެ. އަދި އެ ހިސާބުތަކުގައި ކުނި ނުހުންނާނެ ކަމުގެ ޔަގީންކަން އޭނާ ދެއެވެ.

ކުނިއެޅުމެއް ނުހުއްޓުވޭނެ، ޖެހޭނީ ސާފުކުރަން!

ފިރާގު ގަބޫލުކުރައްވާ ގޮތުގައި ސީޕްލޭން ޓާމިނަލުގައި ކުނި ގިނަވެ، ގޮނޑަކަށް ބަދަލު މިވަނީ ސާފުކުރުމުގެ އިހުމާލެއްގެ ސަބަބުންނެވެ.

"އަށެއްކަ އަހަރު ވެދާނެ ގްރީން ޓެކްސް ނަގާތާ. އެއީ އަޅުގަނޑުމެންގެ ތިމާވެށި ހިމާޔަތް ކުރަން ދޭ ލާރި. އޭގެން އޭގެ ބަދަލުގައި ރަށްރަށުގައި ފާހާނާ ހޮޅި އަޅަން ހަރަދު ކުރީމާ ބަޖެޓެއް ނޯންނާނެ ނޫންތޯ؟" ފިރާގު ފާހަގަ ކުރެއްވީ ކަންބޮޑުވުންތަކެކެވެ.

އެ ފަދަ ކަންކަމަށް ޚަރަދުކުރުމުގެ ބަދަލުގައި ފަޅުތަކާއި ތަންތަން ސާފުކުރުމަށް މިހާރަށް ވުރެ ރަނގަޅު ގޮތްތަކެއް ހޯދަން ޖެހޭ ކަމަށް ފިރާގު ވިދާޅުވިއެވެ.

"[ފަޅަށް ކުނި] ނާޅާށޭ ބުންޏަސް މީހުން އަޅާނެ ފަޅަށް. އެކަމަކު ނަގާނެ ބަޔަކު އަޅުގަނޑުމެން އެބަ ޖެހޭ އުފައްދަން،" ފިރާގު ވިދާޅުވިއެވެ.

ސީޕްލޭން ޓާމިނަލުގައި ކުނިތައް ގިނަވެ ގޮނޑުވެފައި --

ސީޕްލޭން ޓާމިނަލުގައި ނޫނަސް، އެއާޕޯޓުގެ އެރައިވަލް ފަޅުތެރޭގައި ވެސް ވަރަށް ގިނަ ކުނި ބައެއް ފަހަރަށް ހުންނަކަން އޭނާ ފާހަގަކުރެއްވިއެވެ. އެ ފަދަ ތަންތަނުގެ ފޮޓޯ ވެސް ސޯޝަލް މީޑިއާއަށް ލުމުން އެ ދުވަަހަކު ގޮސް ސާފުކޮށްލުމަށްފަހު ނިންމާލަނީ ކަމަށް ވިދާޅުވިއެވެ.

އެހެން ނަމަވެސް، ގަވައިދުން ދާއިމީ ގޮތެއްގައި އެ ކަން ކުރަން ޖެހޭ ކަމަށް ފިރާގު ދެކެއެވެ.

ތުހުމަތު ވެމްކޯއަށް!

ސީޕްލޭން ޓާމިނަލުގައި ދައުރުވާ ކުނިތަކުގައި ގިނަ ބަޔަކަށް ފެންނަނީ ވެމްކޯގެ އިހުމާލެވެ. އެއީ ވެމްކޯއިން ކުނި އުފުލާއިރުގައި ހުޅުމާލޭ ފަޅުތެރެއަށް އެޅޭ ކުނިކަމަށް ފާޅުގައި ބުނާ މީހުން ވެސް އުޅެއެވެ.

ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް އިސްމާއީލް ހަމީދު (ހައިރައިޒް އިއްސެ) ވިދާޅުވީ، ކޮންމެ ދުވަހަކު ވެސް ވެމްކޯއިން ބާޖަކަށް ކުނި ބަރުކުރާއިރު، އެ ބާޖު ފުރި ފަޅުތެރެއަށް ބަންޑުންވާ ކަމަށެވެ.

"ބޮޑު ބާޖަކަށް [ކުނި] އަޅާއިރު ކޮންމެ ފަހަރަކު ކަނޑަށް އެޅެންޏާ ކިހާ ބައިވަރެއް ކުނި އޮންނާނެ. ކޮންމެ ފަހަރަކު އަޅާ އެއްޗެހީގެ ދެބައިކުޅަ އެއްބައި މޫދަށް،" އިއްސެ ވިދާޅުވިއެވެ.

އެކަމަކު، މޫދަށް ކުނި އެޅެނީ ހަމައެކަނި ވެމްކޯގެ އިހުމާލުން ނޫން ކަމަށް އިއްސެ ގަބޫލުކުރައްވައެވެ. އޭގައި، ކާގޯ ބޯޓުތަކާއި ކަންނެލި އޮޑިފަހަރުގެ ވެސް އިހުމާލު އެބައޮތެވެ.

ހުޅުމާލޭގައި މީހުން ނޫޅޭ އިރު ވެސް އެ ތަނުގައި ސަފާރީތައް އޮންނަކަމަށް އިއްސެ ވިދާޅުވިއެވެ. އެހެންވެ، 99 އިންސައްތަ ސަފާރީ ބޯޓުތަކުން މޫދަށް ކުނި ނާޅާނެކަން އޭނާއަށް ޔަގީނެވެ. ގިނަ ބޯޓުތަކުގައި ޕްލާސްޓިކް ނައްތާލުމަށް ފިލްޓަރު ވެސް ހަރުކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑު ނުބުނާނަން އަޅައެކޭ ވެސް ނާޅައެކޭ ވެސް. އެކަމަކު، ސަފާރީ ބޯޓުތަކުން މިހާރު ހަމަ ވަރަށް ކުނި ނާޅާ. އެއީ އަޅުގަނޑުމެންގެ ގެސްޓުން ވެސް މައްސަލަ ޖައްސާ،" އިއްސެ ވިދާޅުވިއެވެ.

އޭނާ ދެކޭ ގޮތުގައި މި ކަމުގެ ހައްލަކަށް ވާނީ މޫދަށް ކުނި އަޅާ މީހުންނަށް ހަރުކަށި ފިޔަވަޅު އެޅުމެވެ. މިއީ ހޭލުންތެރި ނުވެގެން ކުރާ ކަންކަމެއް ނޫން ކަމަށާއި މި ކަން ހައްލުވާނީ ހަރުކަށި ފިޔަވަޅު އަޅައިގެން ކަމަށް ވިދާޅުވިއެވެ.

ވެމްކޯއިން ފަޅުތެރެއަށް ކޮންމެވެސް ވަރަކަށް ކުނި އަޅާކަމަށް ފިރާގު ވެސް ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ ކުނި އަރުވަން ވެސް ގިނަ ފަހަރަށް ތިބޭނީ ބިދޭސީން ކަމަށާއި އެ މީހުން މާ ބޮޑަށް މޫދަށް ކުނި އެޅިދާނެތީ ނުވިސްނާ ކަމަށެވެ.

"ވެމްކޯ ކަލެކްޝަން ޕޮއިންޓު ވެސް އެތާ އެބަ ހުރޭ. އެ އަރުވާ އިރު ވެސް ފައިބާ ބައެއް ފަހަރަށް،" ފިރާގު ވިދާޅުވިއެވެ.

ވެމްކޯ ޑިފެންސަށް!

މި ކަމާ ގުޅިގެން ސުވާލުކުރުމުން ވެމްކޯގެ މެނޭޖިން ޑިރެކްޓަރު ޔޫސުފް ސިރާޖު ކުންފުނީގެ ދިފާއުގައި ވާހަކަ ދެއްކެވިއެވެ. އޭނާ "ސަން"އަށް ވިދާޅުވީ ވަަރަށް ކުރިން އެފަދަ ކަމެއް ހިނގި ކަމަށާއި ނަމަވެސް މިހާރު އެ ކުންފުނީގެ އުޅަނދުތަކުން މާ ގިނައިން ކުނި ނޭޅޭނެ ކަމަށެވެ.

"[ފަޅުތެރޭގައި] މިހާރު ގިނައިން ތިޔަ އުޅެނީ ވެސް ޕްލާސްޓިކް. އެއީ އަޅުގަނޑުމެން ވަކިން ކަލެކްޓް ކުރާ އެއްޗެއް. އެ އެއްޗެހި އަޅުގަނޑުމެން މި ދެނީ ވެސް ޕާލޭއަށް،" ސިރާޖު ވިދާލުވިއެވެ

އެހެންވެ، ސީޕްލޭން ޓާމިނަލަށް ދާ ކުންޏަކީ ވެމްކޯއާ އެއްވެސް ގުޅުމެއް އޮތް ކަމެއް ކަމަކަށް އޭނާ ގަބޫލެއް ނުކުރައްވައެވެ.

"ސީޕްލޭން ޓާމިނަލް އެއީ ކޮން ހިސާބެއްތޯ ވެމްކޯގެ އޮޕަރޭޝަން ހިނގާ ހިސާބަށް ބަލާއިރު؟ އޭގެ އެކޮޅަށް ދާއިރު ކަންނެލި ޖެޓީއާ ތި ހުރިހާ އެއްޗަކަށް ފަހު އަންނަނީ ސީޕްލޭން ޓާމިނަލް،" ސިރާޖު ވިދާޅުވިއެވެ.

އިތުރަށް ސިރާޖު ވިދާޅުވީ ހުޅުމާލޭ އިރުމަތީ ފަރާތަށް ހައިވޭއާ ދިމާލުން ވެސް އިރުވައި މޫސުމުގައި ކުނި ޖަމާވާ ކަމަށެވެ. އެެއީ ވެސް ވެމްކޯގެ މައްސަލައެއްތޯ އޭނާ ސުވާލު ކުރެއްވިއެވެ.

މޫސުމާ ގުޅިގެން ފަޅުތެރޭގެ އޮއެވަރު ބަދަލުވެ ކުނި ދައުރުކުރާކަން ކޮންމެ އަހަރަކު ވެސް ފާހަގަވާކަމަށް ވިދާޅުވިއެވެ. އަދި ކޮންމެވެސް ވަރަކަށް ބާޖުތަކުން ކުނި މޫދަށް އެޅުނު ނަމަވެސް، އެ ކަން މަދުކުރުމަށް މަސައްކަތްކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

ޒިންމާވާނެ ބަޔަކު ނެތް، ހައްލަކީ ކުނި ނޭޅުން!

ސީޕްލޭން ޓާމިނަލުގައި ކުނިތައް ޖަމާވެފައިވާ މަންޒަރު ސާފުކޮށް އެ އޮތީ ފެންނާށެވެ. އެ ތަން ހީވަނީ ކުނި ގޮނޑެއް ހެނެވެ. އެކަމަކު، ޒިންމާ އުފުލަން ޖެހޭ ފަރާތްތަކާ ސުވާލުކުރުމުން ހަވާލުވާނޭ ހަމަ އެކަކު ވެސް ނެތެވެ.

ކުނިތައް ޖަމާވާ ވަރަކަށް އެމްއޭސީއެލުން އެބަ ނަގައެވެ. އެކަމަކު ވެސް، ޖަމާވާވަރުން ޖަމާވަނީއެވެ. ބޭރުގެ ފަތުރުވެރިންނަށް ފުރަން ދާ ވަގުތުގައި ފެންނަނީ ކުނިން ތަޣައްޔަރު ވެފައިވާ ފަޅެކެވެ.

މި ކަން ހައްލުކުރުމަށް ޓަކައި ސީޕްލޭން ޓާމިނަލާ ދިމާ، އިރު އުތުރު ފަޅުތެރޭގައި އިތުރު ފެންސެއް ޖެހުމުގެ މަސައްކަތް ފަށައިފައިވާ ކަމަށް އެމްއޭސީއެލްގެ އޮފިޝަލް ވިދާޅުވިއެވެ.

"އޭރުން ކުނިތައް ފަޅުތެރެއަކަށް ނުވަންނާނެ. ދެން އޭގެ އިތުރުން އެ ތަނަށް އޮޑިދޯނިފަހަރު ވަނުން ފަދަ ކަންކަން ވެސް ހުއްޓުވަން ޖަހާ ފެންސެއް އެއީ،" އޮފިޝަލް ވިދާޅުވިއެވެ.

ސާފުކުރުމަކީ ވެސް ޒިންމާއެކެވެ. ކުރަން ޖެހޭ ކަމެކެވެ. އެކަމަކު، އެންމެ ބޮޑު ޒިންމާއަކީ މޫދަށް ކުނި ނޭޅުމެވެ. މޫދަށް ކުނި އަޅާ މިންވަރު މަދުކުރުމެވެ.

މިފަދަ ކަންކަން "ބޮލުން ކަޓުވައިލުމުގެ" ބަދަލުގައި ޒިންމާ ނަގަން ދަސްކުރުމެވެ.

ހުޅުލޭ ސީޕްލޭން ޓާމިނަލުން ފެންނަނީ "ދުނިޔެމަތީގެ ސުވަރުގެ"އިން ފެންނަން ޖެހޭ ވަރުގެ މަންޒަރެއް ނޫނެވެ. އެއީ ރާއްޖެއަކީ ދެވަނައެއް ނެތްފަދަ ތަނެއްގެ ގޮތުގައި ދެކޭ ބޭރު މީހުންނަށް ދައްކަން ހާދަހާވާ ހުތުރު މަންޒަރެކެވެ.

comment ކޮމެންޓް