ފެނަށް ޖެހިފައިވަނިކޮށް ފެނަކައިން ހޯޑެއްދުއަށް 20 ޓަނުގެ ބޯފެން ސަޕްލައި ކޮށްދީފި

ގދ. ހޯޑެއްދޫ / ފޮޓޯ: ފޭސްބުކް

ވާރޭ ނުވެހި ގިނަ ދުވަސްތަކެއް ވުމުގެ ސަބަބުން ގދ. ހޯޑެއްދޫ ފެނަށް ޖެހިފައި ވަނިކޮށް ފެނަކައިން އެ ރަށުގެ ރައްޔިތުންނަށް 20 ޓަނުގެ ފެން ސަޕްލައި ކޮށްދީފިއެވެ.

"ސަން" އާ ވާހަކަ ދައްކަވަމުން ހޯޑެއްދޫ ކައުންސިލްގެ ރައީސް ހުސެއިން ވާރިޝް މިއަދު ވިދާޅުވީ، ހޯޑެއްދުއަށް ވާރޭ ނުވެހޭތާ ގާތްގަނޑަކަށް ދެ މަސް ދުވަސް ވެފައިވާ ކަމަށާއި، ރަމަޟާން މަސް ފެށުނީއްސުރެ އެ ރަށުގެ ރައްޔިތުންނަށް ފެނުގެ ދަތިތަކާ ކުރިމަތި ލާން ޖެހިފައިވާ ކަމަށެވެ.

އެ ރަށުގައި ބޯފެން އުފައްދާ ޕްލާންޓެއް ސަރުކާރުން ގާއިމްކޮށްފައިވާއިރު، 2021 ވަނަ އަހަރުން ފެށިގެން އެ ފެން ޕްލާންޓް ހުރީ ހަވާލުވެފައެވެ. ވާރިޝް ވިދާޅުވީ ފެނަކައިން އިއްޔެ ފެން ސަޕްލައި ކޮށްދިނުމާއެކު ފެނުގެ ދަތި ތަކަށް މިހާރު ކޮންމެވެސް ވަރެއްގެ ހައްލެން ލިބިގެން ހިނގައްޖެ ކަމަށެވެ.

އެގޮތުން މިވަގުތު ރަށުގެ ރައްޔިތުންނަށް އާންމު ތާންގީ ތަކުން ބޯފެން ލިބެން ހުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި، ހެޔޮ އެދޭ ފަރާތްތަކުން ހަދިޔާކޮށްފައިވާ ފެން ކޭސްތައް ވެސް ވީހާވެސް އަވަހަކަށް އެ ރަށަށް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ރޯދަ މަސް ފެށުމާއެކު ފެނުގެ ދަތިކަން ކުރިމަތިވެފައިވާ ކަން ފެނަކައަށާއި ކަމާބެހޭ އެހެން ފަރާތްތަކާ ހިއްސާކޮށް ފެން ފޯރުކޮށްދިނުމަށް އެދިފައިވާކަން ފާހަގަކުރައްވައި ވާރިޝް ވިދާޅުވީ، މާ ބޮޑަށް ދަތި ތަކާ ކުރިމަތިލާން ޖެހުނީ ފެން ނުލިބި ގިނަ ދުވަސް ހޭދަވުމުން ކަމަށެވެ.

"މިހާރު ދެން ރަނގަޅު ކޮންމެސް ވަރަކަށް. ޕަބްލިކް ތާންގި ތަކުން ފެން ނެގެންޏާ ޝޯޓޭޖް ދިޔައީތާ. ރައްޔިތުންނަށް ޕަބްލިކް ތާނގީތަކުން ފެން ނެގޭނެ." ވާރިޝް ވިދާޅުވިއެވެ.

ހޯޑެއްދުއަށް ވާރޭ ނުވެހި އެތައް ދުވަހެއް ވެފައިވާއިރު، މި ދުވަސްވަރަކީ އަހަރުގެ އެންމެ ހޫނު ގަދަ ދުވަސްވަރު ކަން ފާހަގަކޮށްލެވެއެވެ.

comment ކޮމެންޓް