ޔާމީންގެ އިރުޝާދެއް: ކެންޑިޑެސީ ގެއްލޭނެ ފުރުސަތު ދީގެން ނުވާނެ

އިދިކޮޅު ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން / ސަން ފޮޓޯ: މުހައްމަދު ޝާތިއު

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އިދިކޮޅު ޕީޕިއެމްގެ ޓިކެޓުގައި ވާދަކުރައްވާ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ކެންޑިޑެސީއަށް ހުރަސް އެޅޭ ފަދަ ކަމެއް ޕާޓީގެ ތެރޭގައި ހިނގާ ނަމަ ސީރިއަސް މައްސަލައެއްގެ ގޮތުގައި އެކަންކަން ބެލުމަށް އެ މަނިކުފާނު އިރުޝާދު ދެއްވާފައިވާ ކަމަށް އިދިކޮޅު ކޯލިޝަނުން މިއަދު ބުނެފިއެވެ.

ޕީޕީއެމުން މިހެން ބުނެފައި މިވަނީ މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒަށް ކެމްޕޭނު ކޮށްދެއްވާ ކަމަށް ތުހުމަތުކޮށް މާލޭ ސިޓީ ކައުންސިލްގެ މެދުހެންވޭރު ދާއިރާގެ ގޮނޑި ތަމްސީލުކުރައްވަމުން ގެންދަވާ ކައުންސިލަރު، އާދަމް ރަމީޒްގެ ސުލޫކީ މައްސަލައެއް އެ ޕާޓީން ބަލަމުން ދާ ދަނޑިވަޅެއްގައެވެ. އޭނާ އިއްޔެ ވަނީ އަމިއްލަފުޅަށް ޕީޕީއެމުން އިސްތިއުފާ ދެއްވާފައެވެ.

ޕީޕީއެމްއިން މިއަދު އިލެކްޝަންސް ކޮމިޝަނަށް ވަޑައިގަތުމަށް ފަހު ނޫސްވެރިންނާ ބައްދަލުކުރައްވާ ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ، ރައީސް ޔާމީންގެ ކެންޑިޑެސީއަށް ހުރަސް އެޅޭ ނުވަތަ އުނިކަން އަންނަ ފަދަ ކަމެއް ހިނގާ ނަމަ ރިޔާސީ ކެންޑިޑޭޓުގެ ހައިސިއްޔަތުން އެކަމާ މެދު އަމަލު ކުރައްވާނެ ގޮތް ނިންމުމުގެ ފުރިހަމަ އިޚްތިޔާރު އެ މަނިކުފާނަށް ލިބިވަޑައިގަންނަވާ ކަމަށެވެ.

އެގޮތުން، ރަމީޒުގެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރުމަށް އެ މަނިކުފާނުގެ ފަރާތްޕުޅުން އިރުޝާދު ލިބިފައިވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ރަނގަޅު، ރައީސް ޔާމީންގެ ފަރާތްޕުޅުން ޕާޓީއަށް ލިބިފަ އެބަ އޮތް އެކަހަލަ އިރުޝާދެއް. އެމަނިކުފާނުގެ ރިޔާސީ ކެންޑިޑެސީއަށް ހުރަސް އެޅޭ ފަދަ ކަންތައްތަކެއް މި ދެންނެވި ކުރައްވާ ވާހަކަ އެހެންވީމަ އެއީ ސީރިއަސް މައްސަލައެއްގެ ގޮތުގައި އެކަންތައް ބަލައި އަޅުގަނޑުމެން ގޮތެއް ނިންމަން. މެމްބަރު އަހުމަދު ޝިޔާމް

ޕާޓީގެ އަސާސްތަކާ ޚިލާފަށް ޕާޓީތެރޭ ކަންތައްތަކެއް ހިނގާ ނަމަ ކަން ކުރަންވާ ގޮތުގެ އުސޫލެއް ކަނޑައަޅާފައިވާ ކަން ފާހަގަކުރައްވައި ޝިޔާމް ވިދާޅުވީ، އެކަމާ ގުޅިގެން ބަލަން ޖެހޭ އެންމެހާ ކަންކަން ޕާޓީން ބަލަމުން ދާނެ ކަމަށެވެ.

އާރަށު މައްސަލަ ކުއްޔަށް ދޫކުރުމުގައި ރިޝްވަތުގެ ގޮތުގައި ފައިސާ ނަންގަވައި އެ ފައިސާ ލޯންޑާކުރި ކަމަށް ސާބިތުވުމުން އިދިކޮޅު ރިޔާސީ ކެންޑިޑޭޓު މިވަގުތު ހުންނެވީ ޖަލުގައެވެ. ނަމަވެސް ރައީސް ޔާމީން ނެތް ހާލަތެއްގައި އިތުރު ބޭފުޅަކަށް އެ ފުރުސަތު ދިނުމަށް ޕީޕީއެމުން ވެސް އަދި ޚުދު އެ މަނިކުފާނުވެސް ބޭނުންފުޅެއް ނުވެއެވެ.

ޕީޕީއެމުން ތަކުރާރުކޮށް ބުނަމުން ގެންދަނީ އެބޭފުޅުންގެ ޗޮއިސް އަކީ އަދިވެސް ރައީސް ޔާމީން ކަމަށެވެ. ރިޔާސީ ޓިކެޓަށް ބޭނުންވާ ބައެއް ފަރާތްތައް ޕާޓީގައި ތިބި ކަމުގެ އަޑުތައް މިހާރު ގަދަވެފައި ވީނަމަވެސް އިދިކޮޅު ލީޑަޝިޕުން ގެންދަނީ އެވާހަކަތައް ދޮގުކުރަމުންނެވެ.

comment ކޮމެންޓް