ގާނޫނާ ޚިލާފަށް ވަޒީފާއިން ވަކިކުރުމުން ސީއެސްސީއިން 2.7 މިލިއަން ރުފިޔާގެ ބަދަލު ދޭން ޖެހުނު

ސަރުކާރުގެ ގިނަ އޮފީސްތަކެއް ހުންނަ ވެލާނާގެ ---

ގާނޫނާ ޚިލާފަށް ވަޒީފާއިން ވަކިކުރި ކަމުގެ ބަދަލެއްގެ ގޮތުން 2021 ވަނަ އަހަރު ސިވިލް ސާވިސް ކޮމިޝަނުން އެކި ފަރާތްތަކަށް 2.7 މިލިއަން ރުފިޔާ ދައްކަން ޖެހުނު ކަމަށް އެ ކޮމިޝަންގެ އޮޑިޓް ރިޕޯޓުން ދައްކައިފިއެވެ.

އޮޑިޓާ ޖެނެރަލްގެ އޮފީހުން އާއްމުކުރި ސިވިލް ސާވިސް ކޮމިޝަންގެ 2021 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައިވާ ގޮތުން ނުވަ މުއައްސަސާއެއްގައި ސިވިލް ސާވަންޓުންގެ ގޮތުގައި މަސައްކަތް ކުރަމުން ދިޔަ 17 މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައިވަނީ، ގާނޫނާ ޚިލާފަށެވެ.

މި ފައިސާ އަކީ ވަޒީފާއާ ބެހޭ ގާނޫނުގައި ލާޒިމް ކޮށްފައިވާ ބައެއް ކަންކަން ފުރިހަމަ ނުކޮށް ވަކި ކޮށްފައި ވާތީ، ކޯޓުގެ ހުކުމާ ގުޅިގެން ބަދަލުގެ ގޮތުގައި އެ ފަރާތްތަކަށް ދީފައިވާ ފައިސާ ކަމަށް އޮޑިޓް ރިޕޯޓުގައިވެއެވެ.

އެގޮތުން އޮޑިޓް ރިޕޯޓުގައިވާ ނުވަ މައްސަލައިގެ ތެރެއިން ފަސް މައްސަލަ ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން އެ ކޮމިޝަނާ ދެކޮޅަށް ނިންމުމުން، ހައިކޯޓުުގައި އިސްތިއުނާފް ނުކޮށް، ޓްރައިބިއުނަލްގެ ނިންމުމަށް އެ ކޮމިޝަނުން އަމަލުކޮށްފައިވާ ކަމަށް އޮޑިޓު ރިޕޯޓުގައިވެއެވެ. އަދި ދެ މައްސަލައިގައި ވަޒީފާއާ ބެހޭ ޓްރައިބިއުނަލްއިން އެ ކޮމިޝަނާ އެއްކޮޅަށް މައްސަލަ ނިންމުމުން، މައްސަލަ ހުށަހެޅި ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކޮށް، ހައިކޯޓުން އެ ކޮމިޝަނާ ދެކޮޅަށް މައްސަލަ ނިންމާފައިވާ ކަމަށް އޮޑިޓްގައިވެއެވެ.

ހަމައެއާއެކު، ދެ މައްސަލައެއްގައި ވަޒީފާއާ ބެހޭ ޓްރައިބިއުނަލްއިން ސީއެސްސީއާ ދެކޮޅަށް މައްސަލަ ނިންމުމުން، ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން، ހައިކޯޓުން ވެސް ވަނީ ޓްރައިބިއުނަލްގެ ނިންމުން ދަމަހައްޓަން ނިންމާފައެވެ. އަދި ނުވަ މައްސަލައިގެ ތެރެއިން އެއް މައްސަލައިގެ ނިންމުން އިސްތިއުނާފް ނުކޮށް، ހުކުމް ތަންފީޒުކުރުން ލަސްކުރުމުގެ ސަބަބުން ދެ ލައްކައަށް ވުރެ ގިނަ ރުފިޔާ އެ ކޮމިޝަނުން ޚަރަދު ކުރަން ޖެހުނު ކަމަށާއި މި މައްސަލައިގައި ހުކުމް ތަންފީޒު ކުރުން ލަސްކުރި ސަބަބެއް ލިޔުންތަކުން ފެންނަން ނެތް ކަމަށް އޮޑިޓް ރިޕޯޓުން ހާމަވެއެވެ.

ސީއެސްސީގެ އޮޑިޓް ރިޕޯޓުގައި ފާހަގަކުރެވޭ މި މައްސަލަތަކާ ގުޅިގެން އޮޑިޓާ ޖެނެރަލްގެ އޮފީހުން ބުނީ މުވައްޒަފަކު އަމިއްލައަށް ނޭދޭ ހާލަތްތަކުގައި ވަޒީފާއިން ވަކި ކުރާއިރު ގާނޫނީ ގޮތުން ފުރިހަމަ ކުރަން ޖެހޭ އިޖުރާއަތްތައް ފުރިހަމަ ކުރަން ޖެހޭ ކަމަށެވެ. އަދި ވަޒީފާގެ އެއްބަސްވުންތަކުގައި ސީއެސްސީއިން ވަޒީފާއިން ވަކިކުރި ކުރުން ރަނގަޅު ނޫން ކަމަށް ކޯޓުތަކުން ނިންމާ ހާލަތްތަކުގައި، ބަދަލުގެ ގޮތުގައި ދޭނެ އަދަދު ކަނޑައަޅައި، މިހާރު ވަޒީފާގައި ތިބި ފަރާތްތަކުގެ އެއްބަސްވުން އާ ކުރަން ވަނީ އެދިފައެވެ.

ވަޒީފާ ގެއްލުނު ފަރާތާ ގުޅޭ ގޮތުން ނިންމާ މައްސަލަތަކުގައި ދައުލަތުން ދޭން ޖެހުނު ބަދަލުގެ ކުޑަ ބޮޑުމިނަށް ބަލައި ޒިންމާ އަދާ ކުރުމަށް އިހުމާލުވި މުވައްޒަފުންނާ މެދު އިދާރީ ފިޔަވަޅު އެޅުމުގެ އުސޫލެއް ކޮމިޝަނުން އެކުލަވާލުމަށް އޮޑިޓް އޮފީހުން ވަނީ ބުނެފައެވެ.

މީގެ އިތުރުން މަތީ ކޯޓުތަކުން ނިންމާ ނިންމުންތައް ތަންފީޒުނުކޮށް، އެ ހިނގާ މުއްދަތު ހިމެނޭ ގޮތަށް ބަދަލު ދިނުމަށް ނިންމާ ހާލަތްތަކުގައި އެކަން ކުރަން އިހުމާލުވި ސިވިލް ސާވިސް ކޮމިޝަނުގެ މުވައްޒަފުންގެ އަތުން ދައުލަތަށް އިތުރަށް ކުރަން ޖެހުނު ހަރަދު ހޯދަން ވެސް އޮޑިޓް އޮފީހުން ވަނީ ބުނެފައެވެ.

comment ކޮމެންޓް