ދިއްގަރުގައި ކުޑަކުދީންނަށް ޚާއްސަ ގުޑި ފެސްޓިވަލަކާއެކު ބޮޑު ރޯދަ ވީއްލުމެއް

ދިއްގަރު އެކުވެރި ރޯދަ ވިއްލުން 2023 -- ސަން ފޮޓޯ/ އިބްރާހިމް ޝަމްވީލް

ކުޑަކުދިންނަށް ޚާއްސަ ގުޑި ފެސްޓިވަލަކާއެކު ރަށުގެ ހުރިހާ ރައްޔިތުންގެ މެދުގައި ބޮޑު ރޯދަ ވިއްލުމެއް ދިއްގަރު ރައްޔިތުން މިއަދު އިންތިޒާމުކޮށްފިއެވެ.

މި ހަރަކާތް އެ ރަށުގައި މިއަދު ކުރިއަށް ގެންގޮސްފައިވާއިރު ރޯދަ ވީއްލުމުގައި ދާއިރާގެ މެމްބަރު އިކްރަމް ހަސަން ވެސް ބައިވެރިވެލެއްވިއެވެ.

ގުޑި އެރުވުމުގެ ހަރަކާތަކީ އެ ރަށު ނެއިބަހުޑް ޕޮލިހާއި އެ ރަށުގެ ޖަމިއްޔާއެއްކަމަށްވާ ދިއްގަރު ޒުވާނުންގެ ގުޅުމުން އިންތިޒާމުކުރި ހަރަކާތެކެވެ. މި ހަރަކާތުގައި އުމުރުން 16 އަހަރުން ދަށުގެ ކުދިން ވަނީ ގުޑި ހަދައި އެ އަރުވައިފައެވެ.

އޭގެ ތެރެއިން އެންމެ މޮޅު 3 ގުޑިއަކަށް ވަނަ ދީފައިވާއިރު ގަދަ 15 ކުދިން ވެސް ވަނީ ހޮވައިފައެވެ.

"މި ހަރަކާތަކީ އަޅުގަނޑުމެން ހަމަ މަޖާ މާހައުލެއްގައި މަސައްކަތް ކޮށްލައި އެކުވެރި ރޫހު ބަދަހިކޮށްލުމުގެ ގޮތުން ކުރިއަށްގެންދިޔަ ހަރަކާތެއް. ވަރަށް ފުރިހަމަ މި ހަރަކާތް ދިޔަ ގޮތް،" ޖަމިއްޔާގެ އިސް ބޭފުޅަކު "ސަން"އާ ވާހަކަަދައްކަވަމުން ވިދާޅުވިއެވެ.

ހަރަކާތުގައި ބައިވެރިވި ގިނަ ބެލިނިވެރިން ވެސް ވަނީ އެ ހަރަކާތް ރަނގު ހަރަކާތެއްގެ ގޮތުގައި ފާހަގަކޮށްފައެވެ. ގުޑި ފެސްޓިވަލް ހަވީރުވަނީ އެސްއެސް ޓީވީއިން ލައިވް ވެސް ކޮށްފައެވެ.

މި ހަރަކާތާ ގުޅިގެން "ސަން"އާ ވާހަކަދައްކަވަމުން މި ރަށުގެ ޕޮލިސް ނެއިބަހުޑުގެ ސީިނިއާ ސާޖަންޓު ވިދާޅުވީ އެ ފަދަ ހުރިހާ ހަރަކާތަކަށް ޕޮލިހުގެ އެއްބާރުލުން ލިބޭނެކަމަށެވެ. އަދި މީގެ ކުރިން ވެސް ދިއްގަރުގައި ވެސް އެ ފަދަ ހަރަކާތްތައް ހިންގައިފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"މިއަދުގެ މި ހަރަކާތަކީ ވެސް ދިއްގަރު ޕޮލިހާއި އެކުވެރި ގުޅުމާއި އެކުވެގެން ކުރިއަށްގެންދާ ކުޑަކުދިންގެ ހަވީރެއްގެ ގޮތަށް ކުރިއަށް ގެންދާ ހަރާކަތެއް. މިއީ ވެސް ދިއްގަރު ނައިބާހުޑް ޕޮލިހާއި ރައްޔިތުންނާ އޮންނަ ގުޅުން އިތުރުކުރުމަށް ހިންގާ ހަރަކާތެއް،" އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ ފަދަ ހަރަކާތްތަކަށް ފުލުހުން ތަރުހީބު ދޭނެކަމަށެވެ.

comment ކޮމެންޓް