ފިތުރު ޒަކާތުގެ ގޮތުގައި މިހާތަނަށް 6.1 މިލިއަން ރުފިޔާ

މީހަކު މިއަދު ޒަކާތް ބަލައިގަންނަނީ-- ސަން ފޮޓޯ: އަލީ ނަސީރު

މި ރަމަޟާން މަހުގެ ފުރަތަމަ 25 ދުވަހު ފިތުރު ޒަކާތުގެ ގޮތުގައި 6.1 މިލިއަން ރުފިޔާ ލިބިފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު މި މުއްދަތުގައި ފިތުރު ޒަކާތުގެ ގޮތުގައި ޖުމްލަ 6،108،560 ރުފިޔާ ލިބިފައިވެއެވެ. މި އާއެކު މިނިސްޓްރީން ވަނީ ފާއިތުވި ތިން އަހަރު ފިތުރު ޒަކާތުގެ ގޮތުގައި ލިބުނު އަދަދުވެސް ހިމަނާފައެވެ.

އެގޮތުން، މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 5.9 މިލިއަން ރުފިޔާއެވެ. އޭގެ ކުރީ އަހަރު 5.3 މިލިއަން ރުފިޔާ ލިބިފައިވާއިރު، 1441 ވަނަ އަހަރުގެ ފުރަތަމަ 25 ދުވަހުގެ ތެރޭގައި ފިތުރު ޒަކާތުގެ ގޮތުގައި ލިބިފައިވަނީ 5.9 މިލިއަން ރުފިޔާއެވެ.

ފިތުރު ޒަކާތް ބަލައިގަތީ ރޯދަ މަހުގެ 27ވަނަ ދުވަހުގެ ނިޔަލަށެވެ. އެގޮތުން އޮންލައިންކޮށާއި އިސްލާމިކް މިނިސްޓްރީން ޑެސްކް ބަހައްޓައިގެންވެސް ޒަކާތް ބަލައިގަތުން ކުރިއަށްދިޔައެވެ.

ޒަކާތް ބަލައިގަތީ މިނިސްޓްރީން ކަނޑައަޅައަޅާފައިވާ ގޮވާމުގެ ބާވަތްތަކުގެ ތެރެއިން އެބަޔަކު އާންމުކޮށް ކައިއުޅޭ ބާވަތަކުން 2.4 ކިލޯއަށްވާ ފައިސާއިންނެވެ.

ފިތުރު ޒަކާތަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ދެއްކުން ވާޖިބުވެގެންވާ ކަމެކެވެ. ފިތުރު ޒަކާތް ދައްކަން ޖެހެނީ އެބަޔަކު އާންމުކޮށް ކައިއުޅޭ ގޮވާމުގެ ބާވަތަކުންނެވެ. އޭގެ މިންވަރަކީ ޞާޢެއް ނުވަތަ ދެއަތް ގޮށިން ނެގޭ މިންވަރެވެ.

comment ކޮމެންޓް