މޭ ހައެއް ހަމަލާ: އޮގަސްޓު މަސް ނިމުމުގެ ކުރިން ހުކުމް ކުރަނީ

ރައީސް ނަޝީދު ކާރަށް އަރާވަޑައިގަންނަވަނިކޮށް އެއްޗެއް ގޮއްވާލި ސަރަހައްދު --- ފޮޓޯ: ޓްވިޓާ

ދެހާސް އެކާވީސް ވަނަ އަހަރުގެ މޭ މަހުގެ ހަވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ހަމަލާއާ ގުޅިގެން ދައުވާ އުފުލާފައިވާ ހަ މީހުންގެ މައްސަލަ މި އަހަރުގެ އޮގަސްޓް މަސް ނިމުމުގެ ކުރިން ނިންމުމަށް ތާވަލު ކޮށްފިއެވެ.

މޭ ހައެއްގެ ހަމަލާއާ ގުޅިގެން މިއަދު ޝަރީއަތް ކުރިއަށް ގެންގޮސްފައިވަނީ މއ. ފޭރުގޭ މުޖާޒް އަހުމަދާއި ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަޙުމަދާއި، ނ. މަނަދޫ، ނޫރީގެ ޢަލީ ހައިޝަމްއާއި، އއ. މާޅޮސް، އަސަރީގެ، މުޙައްމަދު ނާޒިމާއި، ގއ. ވިލިނގިލި، ހުދުރުވާގެ ފަހުމީ ޢަލީއާއި، ހއ. މޮޅަދޫ، މ. ކުދެހިގެ، އިސްހާގުގެއެވެ.

މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން ވަނީ އެ ހަ މީހުންގެ މައްޗަށް އުފުލާފައިވާ ދައުވާ އިއްވައިފައެވެ. އަދި، ހަ މީހުންގެ ފަރާތުން އެ މީހުންގެ ވަކީލުން ވަނީ ދައުވާއަށް އިންކާރު ކުރާކަން ހާމަކޮށްފައެވެ.

ދިފާއުން ދައުވާއަށް ޖަވާބުދާރީވުމުން މައްސަލަ ބައްލަވާ ގާޒީ ޞަފްޢަތު ޙަބީބް ވިދާޅުވީ, މައްސަލައިގެ އަޑުއެހުންތަށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ގޮތުގެ ތާވަލު ދައުވާ ލިބޭ ފަރާތްތަކަށާއި ދައުލަތާ ހިއްސާ ކޮށްފައިވާނެ ކަމަށެވެ.

އެގޮތުން އަށް އަޑުއެހުން ތާވަލްކޮށްފައިވާއިރު ހަތަރު އަޑު އެހުމަކީ ދައުލަތުގެ ހެކީންގެ ހެކިބަސް ނެގުމަށް ބާއްވާ އަޑުއެހުން ކަމަށް ގާޒީ ވިދާޅުވިއެވެ. އަދި ދެ އަޑުއެހުން އެއީ ދިފާއީ ހެކީންގެ ހެކިބަސް ނެގުމަށް ބާއްވާ އަޑުއެހުމެވެ. ހެކިންގެ ހެކިބަސް ނެގުމަށްފަހު ދެން އޮންނަ އަޑުއެހުމެއްގައި ހުލާސާ ބަޔާން އިއްވައި އެއަށްފަހު ދެން ބާއްވާނީ ހުކުމް ކުރުމަށް ބާއްވާ އަޑުއެހުން ކަމަށް ވެސް ގާޒީ ވިދާޅުވިއެވެ.

"31 އޯގަސްޓް 2023 ގައި މައްސަލައިގެ ހުކުމް ކުރެވޭނެ ކަމަށް ލަފާކޮށް އެއީ މައްސަލައިގެ ހުކުމް ކުރެވޭނެ ތާރީހު ކަމަށް ޝަރީއަތުން ތާވަލުގައި ހިމަނާފައިވާނީ," ގާޒީ ވިދާޅުވިއެވެ.

ތާވަލުކުރި ގޮތަށް މައްސަލަ ކުރިއަށް ގެންދެވޭނީ ދިފާއާ ދައުލަތުގެ ފުރިހަމަ އެއްބާރުލުން ލިބިގެން ކަމަށް ގާޒީ ވިދާޅުވިއެވެ. އެހެން ނޫން ނަމަ މައްސަލަ އިތުރަށް ދިގުލައިގެން ދިއުމުގެ ފުރުސަތު އޮންނާނެ ކަމަށް ވެސް ގާޒީ ވިދާޅުވިއެވެ.

"ޝަރީއަތުގެ އިހުމާލަކުން މައްސަލައެއްގެ އަޑުއެހުން ކެންސަލް ވެއްޖެ ނަމަ ޝަރީއަތުން ވަގުތު ހޯދައިގެން ދެ ތާރީހުގެ ދެމެދުގައި އަޑުއެހުމެއް ބާއްވާނަން," ގާޒީ ވިދާޅުވިއެވެ.

ތާވަލުކުރި ގޮތަށް މައްސަލައިގެ ހުކުމް ނުކުރެވޭނެ ދެވަނަ ހާލަތަކީ ހުށަހަޅާފައިވާ ހެކިންގެ ޝަރީއަތަށް ހާޒިރު ނުކުރެވުން ކަމަށް ގާޒީ ވިދާޅުވިއެވެ. އެކަމަށް ދިފާއު އަދި ދައުލަތުން ވެސް އިތުރަށް ސަމާލުވުމަށް ގާޒީ އެދިވަޑައިގަތެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ކްރިމިނަލް ކޯޓުގައި 10 މީހެއްގެ ޝަރީއަތް ކުރިއަށްގެންދެއެވެ. އެ މައްސަލައާ ގުޅިގެން މިހާތަނަށް ހުކުމްކޮށްފައި ވަނީ ވ. ތިނަދޫ، ހިޔާ، އަދުހަމް އަޙްމަދު ރަޝީދުގެ މައްޗަށެވެ.

ރައީސް ނަޝީދު އަވަހާރަކޮށްލަން އައިއީޑީ ގޮއްވާލިކަމަށް އިއުތިރާފުވި އަދުހަމަށް އިއްވާފައި ވަނީ 23 އަހަރުގެ ޖަލު ހުކުމެކެވެ.

އެ މައްސަލައާ ގުޅިގެން ދެން ދައުވާ އުފުލާފައިވަނީ ހއ. މޮޅަދޫ، ބަހާރުގެ، ޢަބްދުﷲ ޢަލީ މަނިކާއި ހއ. ހޯރަފުށި، އަލަނާސިގެ، މުޙައްމަދު ތަސްލީމްއާއި ދަފްތަރު 6231 ޙަސަން ޔާސީން އާއި ހުޅުމާލެ 07-3-56، މުޙައްމަދު ޒޫމަލް ޒަރީރުގެ މައްޗަށެވެ.

comment ކޮމެންޓް