ރާއްޖޭގައި މަސައްކަތްތައް ހިނގަމުންދާވަރުން މިތިބީ އޯވަލޯޑުވާ ހިސާބުގައި: އަސްލަމް

ހައުސިން އެންޑް ނޭޝަނަލް ޕްލޭނިން މިނިސްޓަރު މުޙައްމަދު އަސްލަމް ވާހަކަދައްކަވަނީ --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ރާއްޖޭގައި މަސައްކަތްތައް ހިނގަމުންދާވަރުން މިހާރު ތިބީ އޯވާލޯޑްވާ ހިސާބުގައި ކަމަށް ޕްލޭނިން މިނިސްޓަރު މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ބައެއް މަޝްރޫއުތައް ލަސްވާތީ މެމްބަރުން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެކަމާ ގުޅިގެން މިނިސްޓަރު ވިދާޅުވީ މަޝްރޫއުތައް ލަސްވާ ބައިވަރު ސަބަބުތަކެއް އެބަހުރި ކަމަށެވެ.

މަޝްރުއުތައް ލަސްވާ އެއް ސަބަބަކީ އެކަންކަން ކުރަންޖެހޭނެ ގޮތުގެ ގަވާއިދުތަކަށް އަމަލުކުރާއިރު އެ ނަގާ މުއްދަތު ކަމަށް އަސްލަމް ވިދާޅުވިއެވެ. އޭގެ ތެރޭގައި ޓެންޑާ ޕްރޮސެސްއާ ކޮންސަލްޓޭޓިވް ޕްރޮސެސްގެ އިތުރުން އީއައިއޭ ހެދުން ފަދަ ކަންކަން ހިމެނޭ ކަމަށް އަސްލަމް ވިދާޅުވިއެވެ. އެ މަރުހަލާތަކަށް އަމަލުކުރާއިރު މަސައްކަތަށް ލަސްތަކެއް އަންނަ ކަމަށް ވެސް އަސްލަމް ވިދާޅުވިއެވެ.

"އަނެއް ކަމަކީ މަސައްކަތް ކުރުމުގެ ކެޕޭސިޓީ. އެމްޓީސީސީ ވިޔަސް އަދި އެހެން ކުންފުންޏެއް ވިޔަސް މިހާރު ރާއްޖޭގައި މަސައްކަތްތައް ހިނގަމުންދާ ގޮތުން މިތިބީ އޯވަލޯޑްވާ ހިސާބުގައި،" އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ ބައެއް ފަހަރު ކޮންޓްރެކްޓަރުންގެ ކެޕޭސިޓީގެ ސަބަބުންނާއި ފައިސާގެ ދަތިކަމުގެ ސަބަބުން ވެސް ލަސްތަކާ ކުރިމަތިވާ ކަމަށެވެ. އެގޮތުން ބައެއް ކުންފުނިތަކަށް ކޮވިޑާ ގުޅިގެން ދިމާވި ގޮންޖެހުންތަކުގެ ސަބަބުން ފައިސާގެ ދަތިކަން ދިމާވި ކަމަށް މިނިސްޓަރު އަސްލަމް ވިދާޅުވިއެވެ.

މިނިސްޓަރު އަސްލަމް އެހެން ވިދާޅުވިއިރު މަޝްރޫއުތައް ދިގުލައިގެންދަނީ ކޮންޓްރެކްޓަރުންނަށް ނުކަތާ ވަރަށް މަސައްކަތް ހަވާލުކުރަތީ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވެސް ވިދާޅުވެފައިވެއެވެ.

ކޮންޓްރެކްޓަރުންނަށް އޮބި ނޯންނަ ވަރަށް މަސައްކަތްތައް އެބަހުރި ކަން ފާހަގަކުރައްވައި މިނިސްޓަރު އަސްލަމް ވިދާޅުވީ، އެކަމުގެ ސަބަބުން ހަވާލު ކުރެވޭ މުއްދަތުގެ ތެރޭގައި ނިމޭނެކަމަށް އަންދާޒާ ކުރި ނަމަވެސް އެކަން އެހެން ނުވާ ކަމަށެވެ.

comment ކޮމެންޓް