އަލިދުއްފަރުފިނޮޅާއި އޮޅުފުށީގައި ރިސޯޓް ތަރައްގީ ކުރަން ބޮޑު ތަރުހީބެއް

ރާއްޖޭގެ ރަށްތަކެއް --- ފޮޓޯ/ ވިޒިޓް މޯލްޑިވްސް

ރިސޯޓް ތަރައްގީކުރަން ހުޅުވާލި ރަށްތަކުގެ ތެރެއިން ހއ. އަލިދުއްފަރުފިނޮޅާއި ތ. އޮޅުފުއްޓަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް ޓޫރިޒަމް މިނިސްޓްރީއިން ބުނެފިއެވެ.

ރިސޯޓް ތަރައްގީ ކުރަން ޖެނުއަރީ މަހު ބިޑަށް ހުޅުވާލި ދެ ރަށުގެ މައުލޫމާތު ދެމުން އެ މިނިސްޓްރީއިން ބުނީ، ބިޑަށް ހުޅުވާލި 14 ރަށުގެ ތެރެއިން އެންމެ ބޮޑު ތަރުހީބެއް ލިބުނީ އެ ދެ ރަށަށް ކަމަށެވެ.

އެގޮތުން ހއ. އަލިދުއްފަރުފިނޮޅަށް ފަސް ފަރާތަކުން ބިޑް ހުށަހަޅާފައިވާއިރު، އެ ރަށަށް ހުޅުވާލި މިނިމަމް އިކުއިޒިޝަން ކޯސްޓަށް ވުރެ 535 ޕަސެންޓު އިތުރަށް އިކުއިޒިޝަން ކޯސްޓް ހުށަހަޅާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

އެރަށަށް މިނިސްޓްރީއިން ހުށަހެޅި މިނިމަމް ލޭންޑް އިކުއިޒިޝަން ކޯސްޓަކީ 350،000 ޑޮލަރެވެ.

މީގެ އިތުރުން، ތ. އޮޅުފުއްޓަށް ތިން ފަރާތަކުން ބިޑް ހުށަހެޅިއިރު، އެރަށަށް ވެސް ވަނީ މިނިސްޓްރީއިން ހުޅުވާލި މިނިމަމް ލޭންޑް އިކުއިޒިޝަން ކޯސްޓަށް ވުރެ 114.2 ޕަސެންޓް އިތުރަށް ލޭންޑް އިކުއިޒިޝަން ކޯސްޓް ހުށަހަޅާފައެވެ.

އެގޮތުން އެރަށަށް މިނިސްޓްރީ އިން ހުށަހެޅީ 700،000 ޑޮލަރުގެ މިނިމަމް ލޭންޑް އިކުއިޒިޝަން ކޯސްޓެކެވެ.

މިދިޔަ ޖެނުއަރީ މަހު ރިސޯޓް ތަރައްގީ ކުރަން 14 ރަށެއް މިނިސްޓްރީ އިން އިއުލާން ކުރިއެވެ. އޭގެ ތެރޭގައި އެންމެ ގިނައީ ހުވަދޫގެ ރަށްތަކަށް ވީއިރު، ލޭންޑް އިކުއިޒިޝަން ކޯސްޓެއްގެ ގޮތުގައި އެންމެ ބޮޑު އަދަދެއް ކަނޑައަޅާފައިވަނީ ކ. ކާށިދޫ ފަޅާއި އަދި ނިލަންދޫ ފަޅަށެވެ.

އެގޮތުން ކ. ކާށިދޫ ފަޅުގެ 10 ހެކްޓަރުގެ ސަރަހައްދަށާއި ފ. ނިލަންދޫ ފަޅުން ދެ ޕްލޮޓަކުން ޖުމްލަ 20 ހެކްޓަރުގެ ސަރަހައްދެއްގައި ތަރައްގީ ކުރެވޭ ބިމަށް، ކޮންމެ ބިމަކަށް އެންމެ ދަށް ވެގެން 2.25 މިލިއަން ޑޮލަރު ލޭންޑް އިކުއިޒިޝަން ކޯސްޓުގެ ގޮތުގައި މިނިސްޓްރީ އިން ކަނޑައެޅިއެވެ.

comment ކޮމެންޓް