ފޭކު ކުރެހުންތަކެއް 84 މިލިއަން ޑޮލަރަށް ވިއްކާލަން އުޅެފި

ތާރީހީ ކުރެހުންތަކެއް ކަމަށް ބުނެ އޮޅުވާލައިގެން 84 މިލިއަން ޑޮލަރަށް ވުރެ ބޮޑު އަދަދަކަށް ފައިސާ ހޯދަން އުޅުނު މައްސަލައެއްގައި ހަތަރު މީހަކު ސްޕެނިޝް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ވެލެންސިއާ ރީޖަނަލް ފުލުހުން ހާމަކޮށްފައިވާ ގޮތުގައި ބަޔަކު މަޝްހޫރު ތާރީހީ އާޓިސްޓެއްގެ ކުރެހުން ތަކެއް ކަމަށް ބުުނެ އަގުބޮޑުކޮށް އެ ވިއްކުމަށް މަސައްކަތް ކޮށްފައިވެއެވެ. އެ ހަތަރު މީހުން ބުނާ ގޮތުގައި ތާރީހީ އާޓިސްޓެއް ކަަމަށްވާ މާސްޓާސް ވެލާސްކޭސް އެންޑް ގޯޔާގެ ކުރެހުންތަކެއް އެމީހުންގެ އަތުގައި ހުއްޓެވެ.

އެ ކުރެހުންތައް އިތުރަށް އަސްލާ ހަމަކުރުމަށްޓަކައި އެއާ ގުޅޭ މައުލޫމާތު އެއްކޮށް ބޮޑެތި ލިޔެކިޔުންތައް ވެސް ތައްޔާރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ. މިގޮތަށް ކަންތައްކޮށްފައިވަނީ އެ ގަންނަން އުޅޭ މީހުންނަށް އިތުރަށް އޮޅުވާލުމަށް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން މި މީހުން އަތުލައިގަނެފައިވަނީ އެއިން ކުރެހުމެއް ވިއްކުމުގެ ތެރެއިންނެވެ. އެގޮތުން އެއް ކުރެހުން އެކަނި ވެސް 55 މިލިއަން ޑޮލަރަށް ވިއްކާލުމަށް އެ މީހުން މަސައްކަތް ކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުންނަށް މި މައްސަލައާ ގުޅިގެން މައުލޫމާތު ލިބިގެން ތަހުގީގު ފަށާފައިވަނީ މިއަހަރުގެ ކުރީކޮޅުގައެވެ. އެއަށްފަހު ފުލުހުން ދިޔައީ އެ މީހުން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އެންމެފަހުން އެ މީހުން އަތުލައިގަނެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ސުވާލު ކުރުމަށެވެ.

އެ މީހުން ބަންދު ކުރުމާ ގުޅޭގޮތުން ވަކި ގޮތެއް ނިންމާފައި ނުވާއިރު އެކަމާ ގުޅޭގޮތުން ފުލުހުން މާ ގިނަ މައުލޫމާތެއް ހިއްސާކޮށްފައެއް ނުވެއެވެ.

comment ކޮމެންޓް