މަހުލޫފަށް ދައުވާކުރަން ފޮނުވި މައްސަލަ އަނބުރާ ފޮނުވާލައިފި

ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް --

ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފުގެ މައްޗަށް ހިޔާނާތުގެ ދައުވާކުރަން ފޮނުވާފައިވާ މައްސަލަ މިއަދު އަނބުރާ ފޮނުވާލާފައިވާ ކަމަށް ކްރިމިނަލް ކޯޓުން ބުނެފިއެވެ.

މަހުލޫފްގެ މައްޗަށް ދައުލަތުން ދައުވާ އުފުލާފައިވަނީ ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)ގެ ބިލަށް ވޯޓު ދިނުމުގެ މުޤާބިލުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އަތުން ރިޝްވަތުގެ ގޮތުގައި 33،000 ޑޮލަރު ހޯދި ކަމަށް ބުނެއެވެ.

ކްރިމިނަލް ކޯޓުގެ އޮފިޝަލަކު "ސަން"އަށް ވިދާޅުވީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އެދިގެން މަހުލޫފްގެ މައްސަލަ މިއަދު އަނބުރާ ފޮނުވާލައިވާ ކަމަށެވެ.

ކްރިމިނަލް ކޯޓުގައި އޮތް އެ މައްސަލަ ޕީޖީން އަނބުރާ ގެންދަން ނިންމީ އެކަށީގެންވާ ވަރަށް ހެކި ނެތުމުން މިހާރު ހުށަހަޅާފައިވާ ހެކިތަކުގެ މައްޗަށް ރިއާއަތްކުރާ އިރު އެ މަައްސަލަަ ސާބިތުވާނެ ކަމަށް ނުފެންނާތީއެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާއިން މަންފާ ހޯދި ކަމަށް ބުނެ، މަހްލޫފްގެ މައްޗަށް ހިންގާ ޝަރީއަތްތައް މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން ތާވަލްކުރަމުން އައި ނަމަވެސް ތަފާތު ސަބަބުތަކާ ގުޅުވައިގެން ވަނީ ޝަރީއަތްތައް ކެންސަލްކޮށްފައެވެ.

އެމްއެމްޕީއާރުސީ ކޮރަޕްޝަން މައްސަލައިގައި މަހުލޫފުގެ މައްޗަށް ތުހުމަތުތަކެއް ކުރެވިފައިވާތީ ގޭގައި މަޑުކުރެއްވުމަށް އޭރު ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް އެންގެވިއެވެ.

ނަމަވެސް އޭސީސީން އެކަނި ބަލަން ޖެހޭ ކަންކަން ބެލުމަށްފަހު، ރައީސް އޮފީހަށް މަހުލޫފްގެ މައްސަލައެއް ނެތް ކަން އެންގުމުން މަހުލޫފްގެ ސަސްޕެންޝަން އުވައިލާ އަލުން ވަޒީފާއަށް ނުކުންނަވަން ރައީސް އޮފީހުން އެންގިއެވެ.

އެ ތުހުމަތުތަކުގެ ދިފާއުގައި މަހުލޫފް ވިދާޅުވެފައި ވަނީ އެއްވެސް އިރެއްގައި ޚިޔާނާތުގެ ފައިސާގައި ޖެހިވަޑައިގެންފައިނުވާނެ ކަމަށެވެ. އަދި އެއީ އޭނާ ޑޮލަރު ގަނެގެން ލިބުނު ފައިސާ ކަމަށް ވިދާޅުވިއެވެ.

comment ކޮމެންޓް