މަޝްރޫއުތައް ދިގުލަނީ ކޮންޓްރެކްޓަރުންނަށް ނުތަކާ ވަރަށް މަސައްކަތް ހަވާލުކުރާތީ: މަހުލޫފް

މިނިސްޓަރު މަހުލޫފް / ފޮޓޯ: މަޖިލިސް

މަޝްރޫއުތައް ދިގުލައިގެންދަނީ ކޮންޓްރެކްޓަރުންނަށް ނުތަކާ ވަރަށް މަސައްކަތް ހަވާލުކުރަތީ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ވަނީ ތ. ވޭމަންޑޫ މަރުކަޒުގެ މަސައްކަތް ކުރިއަށް ނުދާތީ އެކަމާގުޅޭ ގޮތުން ސުވާލު ކުރައްވާފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން މަހުލޫފް ވިދާޅުވީ އެ މިނިސްޓްރީން ބައިވަރު މަޝްރޫއުތަކެއް ކުރިއަށްގެންދާ ކަމަށާއި، މަސައްކަތްތައް ކުރިއަށް ނުދަނީ މަސައްކަތްތައް މާ ގިނަ ވާތީ ކަމަށެވެ. އެގޮތުން ވޭމަންޑޫ ޒުވާނުންގެ މަރުކަޒުގެ މަސައްކަތާ ހަވާލުވި ކޮންޓްރެކްޓަރު ކަނޑައެޅިފައިވާ މުއްދަތަށް މަސައްކަތް ނިންމޭތޯ ވަރަށް މަސައްކަތް ކުރި ނަމަވެސް އެ ކަން ނުވުމުން ކޮންޓްރެކްޓް ބާތިލްކޮށް އެ މަސައްކަތް މިހާރު އެ ރަށު ކައުންސިލާ ހަވާލުކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ކޮންޓްރެކްޓަރުންނަށް އޮބި ނޯންނަ ވަރަށް މަސައްކަތްތައް އެބަހުރި ކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، އެކަމުގެ ސަބަބުން ހަވާލު ކުރެވޭ މުއްދަތުގެ ތެރޭގައި ނިމޭނެކަމަށް އަންދާޒާ ކުރި ނަމަވެސް އެކަން އެހެން ނުވާ ކަމަށެވެ.

އޭނާ ވިދާޅުވީ މަސައްކަތަށް ސައިޓް މޮބިލައިޒް ކުރަން އޮންނަ ދުވަހު މޮބިލައިޒް ނުކުރެވުމުން އެކަމާ ގުޅޭ ގޮތުން ސުވާލުކުރުމުން ކޮންޓްރެކްޓަރު އެކި ތާރީހުތައް ދޭކަމަށެވެ. ނަމަވެސް މަސައްކަތްތައް އަވަސްކުރުމަށް ބާރު އަޅަމުންދާ ކަމަށް ވިދާޅުވިއެވެ.

މިނިސްޓްރީން ވަރަށް ބައިވަރު މަސައްކަތް ކުރަމުން އެބަ ގެންދަން. ދެން އަޅުގަނޑަށް ހީވަނީ އަސްލު މަސައްކަތްތައް ގިނަވެގެން ގޮސް ކޮންޓްރެކްޓަރުންނަށް ނުތަކާ ވަރަށް މަސައްކަތް ލިބިގެން. މޮބިލައިޒް ކުރަން އޮންނަ ދުވަހަށް ނުކުރީމަ ކޮން ދުވަހަކުން ތޯ ކުރަނީ އަހާއިރަށް ބުނާނެ އަންނަ ހަފުތާ، ޖެހިގެން އޮންނަ މަހު. ނޫނިއްޔާ މަސައްކަތް ފަށާފަ އޮންނަ އިރު ނިންމާނަމޭ ވަކި ދުވަހަކަށް. ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް

މީގެ އިތުރުން މަހުލޫފް ވިދާޅުވި ގޮތުގައި މީގެ ކުރިން ބަޔަކު ނުކުރާ ވަރަށް ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި މިނިސްޓްރީން ވަނީ މަސައްކަތް ކޮށްފައެވެ. ނަމަވެސް މިނިސްޓްރީ އާއި، ރަށްރަށުގެ ރައްޔިތުން އެދޭހާ ބާރު މިނުގައި ކޮންޓްރެކްޓަރުންނަށް މަސައްކަތްތައް ނުނިމި ލަސްވުމަކީ މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމުގެ ގޮތުގައި ސިފަކުރައްވާފައެވެ.

މިނިސްޓަރު ވިދާޅުވީ މިނިސްޓްރީގެ އަމާޒަކީ ރަށްރަށުގައި ތަރައްގީ ކުރެވޭ ވަސީލަތްތައް ރައްޔިތުން އެދޭގޮތަށް ނިންމުން ކަމަށެވެ.

comment ކޮމެންޓް