ސްޕޯޓްސް ޓޫރިޒަމް ކުރިއަރުވަނީ މިނިސްޓްރީން އެކަނި: މަޙުލޫފް

މިނިސްޓާ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓް އަޙްމަދު މަހުލޫފް--- ފޮޓޯ/ މަޖިލިސް

ސްޕޯޓްސް ޓޫރިޒަމް ކުރިއަރުވަން މަސައްކަތް ކުރަނީ މިނިސްޓްރީ އެކަނި ކަމަށް ޔޫތު މިިނިސްޓަރު އަޙްމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މިނިސްޓަރު މަހުލޫފު ހާޒިރުކޮށްފައިވާއިރު ސުވާލު ކުރުމުގެ ވަގުތުގައި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވަނީ ސްޕޯޓްސް ޓޫރިޒަމް ކުރިއެރުވުމަށް އެ މިނިސްޓްރީން ކުރަމުންދާ މަސައްކަތާ ގުޅޭ ގޮތުން ސުވާލު ކުރައްވައިފައެވެ.

މެންބަރުގެ އެ ސުވާލަށް ޖަވާބުދެއްވަމުން މަހުލޫފު ވިދާޅުވީ ސްޕޯޓްސް ޓޫރިޒަމް ފުޅާކޮށް ކުރިއަރުވަން މިނިސްޓްރީން ވަރަށް ގިނަ މަސައްކަތްތަކެއް ކުރާ ކަމަށެވެ. ނަމަވެސް އެ މަސައްކަތް ކުރަނީ އެ މިނިސްޓްރީން އެކަނި ކަމަށް އޭނާ ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، އޭގެ ބަދަލުގައި އެމްއެމްޕީއާރްސީއާއި ޓޫރިޒަމް މިނިސްޓްރީ އެ ކަމުގައި ބައިވެރިވެއްޖެނަމަ ސްޕޯޓްސް ޓޫރިޒަމް މިހާރަށް ވުރެ ވެސް ފުޅާ ކުރެވިދާނެ ކަމަށެވެ. ސްޕޯޓްސް ޓޫރިޒަމް ކުރިއެރުވުމަށް މިހާރު ކުރާ އެންމެ ބޮޑު އެއް މަސައްކަތަކީ ރާއްޖޭގައި ބައިނަލްއަގްވާމީ މުބާރާތްތައް ބޭއްވުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

އެގޮތުން މިދިޔަ އަހަރު އެކަނި، ބައިނަލްއަގްވާމީ ނުވަ މުބާރާތެއް ބޭއްވުނު ކަމަށާއި މި އަހަރުގެ މިހާތަނަށް، ވޮލީ ދެ މުބާރާތެއް ބާއްވާފައިވާ ކަމަށް މަހުލޫފް ވިދާޅުވިއެވެ.

އޭގެ އިތުރުން މި މަހު 22ވަނަ ދުވަހު، ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ އެންމެ މޮޅު 16 ބިލިއާޑް ކުޅުންތެރިންނާއި ރާއްޖޭގެ ކުޅުންތެރިން ހިމެނޭ ގޮތަށް ބިލިއާޑް މުބާރާތެއް ބާއްވަން ތައްޔާރު ވަމުންދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އެ ހުރިހާ މުބާރާތެއްގެ ތެރެއިން، ރާއްޖެ ވަރަށް ބޮޑަށް އިޝްތިހާރުވެގެން ދާ ކަމަށެވެ. އަދި، މުބާރާތްތަކުގެ އިތުރުން ބާއްވާ ބޮޑެތި އިވެންޓްތައް މެދުވެރިކޮށް ވެސް ރާއްޖެ އިޝްތިހާރު ވަމުން ދާ ކަމަށް މަހުލޫފު ވިދާޅުވިއެވެ.

"މޯލްޑިވްސް ސްޕޯޓްސް އެވޯޑަކީ އޭގެ މިސާލެއް. ހަމައެކަނި މިދިޔަ އަހަރު ބޭއްވި ސްޕޯޓްސް އެވޯޑުން އެކަނި ވެސް 55 މިލިއަނަށް ވުރެ ގިނަ މީހުންނަށް އެ މީހުންގެ [އެ އެވޯޑުގައި ބައިވެރިވި މީހުން] ސޯޝަލް މީޑިއާ މެދުވެރިކޮށް ރީޗް ވެވިފަ އެބަހުރި،" މަހުލޫފް ވިދާޅުވިއެވެ.

މޯލްޑިވްސް ސްޕޯޓްސް އެވޯޑަކީ ކުޅިވަރުގައި އެކި ގޮތްގޮތުން ޝާމިލުވާ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ސަރުކާރުން ދޭ އެވޯޑެކެވެ.

comment ކޮމެންޓް