މިހާރަށް މަޖިލީހަށް ބޭނުންވަނީ ސަރުކާރު ޒިންމާދާރުކުރެވޭނެ މެމްބަރެއް: ޝިޔާމް

ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިހާރު ރައްޔިތުންގެ މަޖިލީހަށް އެންމެ ބޭނުންތެރީ ސަރުކާރު ޒިންމާދާރުކުރެވޭ ފެންވަރުގެ މަޖިލިސް މެމްބަރަކު ހޮވުންކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަދި އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު އެ ގޮނޑިއަށް ވާދަކުރާ ޕީޕީއެމާއި އެމްޑީޕީގެ ކެނޑީޑޭޓުން ގެންދަނީ އެ ދާއިރާގެ ރަށްތަކުގައި ކެމްޕޭން ކުރަމުންނެވެ.

އެގޮތުން ކ. ގުޅީގައި އޮތް ކެމްޕޭން ޖަލްސާއެއްގައި ރައީސް އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވި ގޮތުގައި ތަރައްގީ ގެނެވޭނީ ސަރުކާރަށް ތާއީދުކުރާ ފިކުރުގެ މެމްބަރަކު މަޖިލީހުގައި ހުރެގެންނެވެ. އެ ކަމަށް ވިސްނުމަށް އެ މަނިކުފާނުވަނީ ރައްޔިތުންނަށް އިލްތިމާސްކުރައްވައިފައެވެ.

ރައީސްގެ މި ވާހަކަފުޅާ ގުޅިގެން "ސަން"އާ ވާހަކަދައްކަވަމުން ޝިޔާމް ވިދާޅުވީ ރާއްޖެ މިހާރު އޮތް ހާލަތަށް ބަލާއިރު މިއަދު ރާއްޖޭގައި އިޖްތިމާއީ ގިނަ މައްސަލަތަކެއްވަނީ ފެތުރިފައިވާކަމަށެވެ. އެގޮތުން މީހުން މެރުމާއި، މީހުން ގެއްލުމާއި، ވައްކަމާއި ފޭރުން ފަދަ ސީރިއަސް މައްސަލަތައް އާންމުވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ރާއްޖޭގެ މިނިވަންކަން ގެއްލިދާނެ ފަދަ ކަންކަން ސަރުކާރުގެ ތެރޭގައި ކުރެވެމުން އަންނަކަމަށް ވެސް އޭނާ ތުހުމަތުކުރެއްވިއެވެ.

"އެހެންވީމާ މި ވަގުތު މިކަހަލަ ސަރުކާރަކުން ތަަރައްގީއެއް ރައްޔިތުންނަކަށް ނުފެނޭ. ރައީސް އިބްރާހީމް މުހައްމަދު ޞާލިހު އެ ވިދާޅުވާ ކަހަލަ ތަރައްގީއެއް ނުފެނޭ،"

"އެހެންވީމާ ރައީސް ޞާލިހު މި ކުރައްވާ ކަންތައްތަކަށް ސަރުކާރާ ރައީސް ޞާލިހު ޖަވާބުދާރީ ކުރެވޭ ފެންވަރުގެ ކުރުވޭނެ ނިޒާމެއް މި ވަގުތަށް ދިވެހިރާއްޖެއަށް މުހިންމީ. އެ ކަން ކުރެވޭނީ ސަރުކާރާ ވާދަވެރި މެމްބަރަކު ރައްޔިތުންގެ މަޖިލީހަށް އިތުރުވެ ގިނަވެގެން،" ޝިޔާމް ވިދާޅުވިއެވެ.

މީގެ އިތުރުން އެމްޑީޕީގެ އެޖެންޑާ19 ތަންފީޒުކުރުމަށް އެމްޑީޕީއަށް ރައްޔިތުންގެ މަޖިލީހުގެ ސުޕަމެޖޯރިޓީ އެ ޕާޓީއަށް ލިބުމުން ވެސް އޭގައިވާ ގިނަ ކަންކަން ދައުރު ނިމެމުން އަންނައިރު ތަންފީޒުނުވިކަމަށް ޝިޔާމް ވިދާޅުވިއެވެ.

"ކޯލިޝަނެއް ނުހިފެހެއްޓުނު. އަމިއްލަ ޕާޓީގެ ތެރޭގައި ތިބި މެމްބަރުންތަކެއް ވެސް ނުހިފެހެއްޓުނު. ދެން އެހެންވީމާ ކޮން ކަމެއްތޯ ކުރެވޭނީ،" އޭނާ ސުވާލު އުފެއްދެވިއެވެ.

އޭނާ ވިދާޅުވީ ތަރައްގީ ގެނެސްދެނީ ރައްޔިތުންގެ މަޖިލީހުގައި އިންނަވާ މެމްބަރެއް ނޫންކަމަށެވެ. އެއީ އެ ސަރުކާރެއްގެ ތަރައްގީގެ ސިޔާސަތާއެކު ކުރެވޭ ކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.

"ދާއިރާގެ ތަރައްގީއަކީ މެމްބަރު ގެންނަ އެއްޗެއް ނޫން. ދާއިރާގެ ތަރައްގީއަކީ އެއީ ޕާޓީގެ ސިޔާސަތުގެ ތެރެއިން ގެނެވޭ އެއްޗެއް. ޕާޓީގެ ސިޔާސަތުގެ ތެރެއިން ގެނެވޭ ކަންކަން، އެ ކުރަންޖެހޭ ކަންކަން ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން މެމްބަރަކު ހޮވަނީ. ސަރުކާރަކަށް ހުރަހެއް ނެތް އެއްވެސް،" ޝިޔާމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ދާއިރާގެ ތަރައްގީއަށް ކުރާ ހުރިހާ ކަމެއްގައި މިހާރު ވެސް އިދިކޮޅު މެމްބަރުންގެ އެއްބާރުލުން ލިބެމުން އަންނާނެކަމަށެވެ. ނަމަވެސް މިއަދު މައްސަލައަކަށްވަނީ ދައުލަތުގެ މާލިއްޔާއިން ނަހަމަ މަންފާ ހޯދާއިރު ސަރުކާރު ޖަވާބުދާރީ ކުރުވޭނެ ނިޒާމެއް ނެތުމުންކަމަށް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް