ފުރަަތަމަ ކުއާޓަރުގައި ދައުލަތަށް ހަތް ބިލިއަން ރުފިޔާގެ އާމްދަނީއެއް

މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ދައުލަތަށް ވަނީ ހަތް ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފަ -- ސަން ފޮޓޯ

މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ދައުލަތަށް އާމްދަނީގެ ގޮތުގައި 7.3 ބިލިއަން ރުފިޔާ ލިބިއްޖެއެވެ.

މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮޓޯރިޓީ (މީރާ)އިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ފުރަތަމަ ކުއާޓަރުގައި ލިބުނު އާމްދަނީގެ ތެރޭގައި ޓެކްސްއިން ލިބުނު 6.3 ބިލިއަން ރުފިޔާ ހިމެނެއެވެ. އަދި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބުނު 937 މިލިއަން ރުފިޔާ ހިމެނެއެވެ.

ޓެކްސް އާމްދަނީގެ ތެރެއިން އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީއެވެ. އެގޮތުން ޖީއެސްޓީގެ ގޮތުގައި ހަތަރު ބިލިއަން ރުފިޔާ ލިބިފައިވެއެވެ. އަދި އާމްދަނީން ނަގާ ޓެކުހުގެ ގޮތުގައި 1.6 ބިލިއަން ރުފިޔާ އާއި ޑިޕާޗާ ޓެކްސްގެ ގޮތުގައި 262.6 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

މީގެ އިތުރުން މީރާއިން އެންމެ ގިނައިން ފައިސާ ބަލައިގެންފައި ވަނީ އެއާޕޯޓް ޑެވެލޮޕްމެންޓް ފީގެ ގޮތުގައާއި ރިސޯޓް ކުލީގެ ގޮތުގައެވެ. އެގޮތުން އެއާޕޯޓް ޑެވެލޮޕްމެންތް ފީގެ ގޮތުގައި 270.6 މިލިއަން ރުފިޔާ އާއި ރިސޯޓް ކުލީގެ ގޮތުގައި 406.9 މިލިއަން ރުފިޔާ ބަލައިގެންފައިވެއެވެ.

މިއަހަރާ އަޅާބަލާއިރު، މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ދައުލަތަށް ލިބިފައި ވަނީ 6.03 ބިލިއަން ރުފިޔާއެވެ.

މީރާއިން ބުނި ގޮތުގައި، މިދިޔަ މަހު އެ އޮތޯރިޓީން 2.19 ބިލިއަން ރުފިޔާ ބަލައިގެންފައިވާއިރު އެއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 1.2 ޕަސެންޓް ދަށް އަދަދެކެވެ. ނަމަވެސް، އެއީ މިދިޔަ މަހު ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 6.4 ޕަސެންޓް އިތުރު އަދަދެކެވެ.

މިދިޔަ އަހަރުގެ މާޗު މަހާ އަޅާބަލާއިރު މިއަހަރުގެ މާޗު މަހު ލިބިފައިވާ އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ، ކުންފުނިތަކާއި ފަރުދުން ނޫން ފަރާތްތަކުގެ އާމްދަނީން ނަގާ ޓެކުހާއި ނަން-ރެޒިޑެންޓް ވިތްހޯލްޑިން ޓެކުހުގެ އާމްދަނީ ދަށްވުން ކަމަށް މީރާއިން ބުންޏެވެ.

ހަމައެއާއެކު، އާމްދަނީން ނަގާ ޓެކްސްގެ 2021 ވަނަ އަހަރުގެ ފައިނަލް ޕޭމަންޓް ބައެއް ފަރާތްތަކުން ސުންގަޑީގެ ކުރިން ދައްކާފައިވުމަކީ ވެސް 2022 ވަނަ އަހަރުގެ މާޗު މަހުގެ އާމްދަނީ މިއަހަރަށް ވުރެ އިތުރުވި ސަބަބެއްކަން މީރާއިން ފާހަގަކުރިއެވެ.

މީގެ އިތުރުން، މި އަހަރުގެ ދެ ވަނަ ކުއާޓަރުގެ ރިޒޯޓުތަކުގެ ކުލި ނެގުމުގެ މުއްދަތު މި މަހުގެ ނިޔަލަށް އިތުރުކޮށްފައިވާތީ، ރިޒޯޓުތަކުގެ ކުލީގެ ގޮތުގައި މިދިޔަ މަހު ލިބިފައިވާ އާމްދަނީ ދަށްވެފައިވާކަމަށް ވެސް މީރާއިން މައުލޫމާތުދެއެވެ.

މީރާއިން ބުނީ، މިދިޔަ މަހު ރާއްޖެ އަންނާނެ ކަމަށް އަންދާޒާކޮށްފައިވާ ފަތުރުވެރިންގެ އަދަދަށްވުރެ މި މުއްދަތުގައި ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ހަތަރު ޕަސެންޓް އިތުރު ކަމަށާއި އެހެންކަމުން ޓޫރިސްޓުންނާ ގުޅޭ އާމްދަނީ އިތުރުވެފައިވާ ކަމަށެވެ.

މިދިޔަ މަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީންނެވެ. އެއީ 60 ޕަސެންޓް ނުވަތަ 1.3 ބިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ރިޒޯޓުތަކުން ނަގާ ކުލިންނެވެ. އެއީ 14 ޕަސެންޓް ނުވަތަ 305.61 މިލިއަން ރުފިޔާއެވެ. އަދި އާމްދަނީން ނަގާ ޓެކްސްގެ ގޮތުގައި 143.3 މިލިއަން ރުފިޔާ، ގްރީން ޓެކްސްގެ ގޮތުގައި 105.4 މިލިއަން ރުފިޔާ، އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 99.2 މިލިއަން ރުފިޔާ އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 220.1 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

މިދިޔަ މަހު މީރާއިން ބަލައިގަތް އާމްދަނީގެ ތެރޭގައި 100.9 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.

comment ކޮމެންޓް