ޒަޚަމްތަކަކާއެކު މަރުވެފައި އޮއްވާ ފެނުނު ނައީމާގެ ހަށިގަނޑު ވަޅުލައިފި

ނައީމާ މޫސާގެ ޖަނާޒާގެ ތެރެއިން --- ސަން ފޮޓޯ/ އަހްމަދު ސާއިލް އަލީ

އިއްޔެ އިރުއޮއްސުނު ވަގުތު ނ. މަނަދޫން ޒަޚަމްތަކަކާއެކު މަރުވެފައި އޮއްވައި ފެނުނު އެ ރަށު އުމުރުން 62 އަހަރުގެ, އަންނާރުމާގެ ނައީމާ މޫސާގެ ހަށިގަނޑު، ވަޅުލައިފިއެވެ.

އޭނާގެ މައްޗަށް ކަށުނަމާދު ކޮށްފައިވަނީ މިއަދު ހަވީރު 04:45ހާއިރެވެ. އަދި އޭނާ ވަޅުލާފައިވަނީ ހަވީރު 05:30ހާއިރެވެ. އޭނާގެ ކަށުނަމާދު އޮތީ، އެ ރަށު މަސްޖިދުލް ރިޟްވާންގައެވެ.

ނައީމާގެ ތިން ދަރިން ތިބެއެވެ. ނަމަވެސް އޭނާ ދިރިއުޅެމުން ދިޔައީ އެ ރަށު ގެއެއްގައި އެކަންޏެވެ.

ނައީމާގެ ޚަބަރެއް ނުވާތާ ދެ ދުވަސް ވުމުން އެކަން ފުލުހުންނަށް ރިޕޯޓުކުރީ އިއްޔެ އިރުއޮއްސި 6:13 ހާއިރެވެ. އޭނާއަކީ ރަށުތެރެ ކުނި ކެހުމުގެ މަސައްކަތް ކުރަމުންދާ އެ ރަށު ކައުންސިލްގެ މުވައްޒަފެކެވެ.

ފުލުހުން ނައީމާގެ ކޮޓަރީގެ ދޮރު ހަލާކު ކޮށްލައިގެން ވަންއިރު، އޭނާ އޮތީ ބިންމަތީގައި މަރުވެފައެވެ.

އިތުބާރު ހުރި މަސްދަރުތަކުން ކަށަވަރު ކޮށްދީފައިވާ ގޮތުގައި އޭނާއަށް ވަނީ ވަޅިން ހަމަލާދީފައެވެ. އެހެންވެ، ފުލުހުން މިހާރު ވަނީ އެ ރަށަށް އަރާ ފައިބާ މީހުން މޮނިޓާ ކުރަން ފަށައިފައެވެ. އަދި، މި މައްސަލަ ތަހުގީގު ކުރަން ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމްސް ޑިޕާޓްމެންޓުގެ ޓީމެއް ވެސް ވަނީ އެ ރަށަށް ގޮސްފައެވެ.

އެ ރަށު ކައުންސިލުން މިހާރު ވަނީ ފުލުހުންނަށް އެންގުމަކާ ނުލައި އެއްވެސް މީހަކަށް އެ ރަށުން އެހެން ރަށަކަށް ނުދެވޭނެ ކަމަށް އާންމުކޮށް އަންގައިފައެވެ.

comment ކޮމެންޓް