މަހުލޫފަށް ކުރި ކޮރަޕްޝަނުގެ ދައުވާ އަނބުރާ ގެންދަން އެދިފައެއް ނުވޭ: ކްރިމިނަލް ކޯޓު

ޔޫތް މިނިސްޓްރީގައި ބޭއްވި ހަފްލާއެއްގެ ތެރެއިން މިނިސްޓަރު އަހްމަދު މަހްލޫފު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފުގެ މައްޗަށް އުފުލައިފައިވާ ކޮރަޕްޝަންގެ ދައުވާ އަނބުރާ ގެންދަން އެދި އެއްވެސް ހުށަހެޅުމެއް ހުށަހަޅައިފައިނުވާކަމަށް ކްރިމިނަލް ކޯޓުން މިއަދު ބުނެފިއެވެ.

އެ މައްސަލަ އަނބުރާ ގެންދަން ދައުލަތުން މަޝްވަރާކޮށް އެ ކަމަށް އެދިފައިވާ ކަމަށް ބައެއް މީޑިއާތަކުގައި ވަނީ ރިޕޯޓުކޮށްފައެވެ.

އެކަމާ ގުޅިގެން "ސަން"އާ ވާހަކަދައްކަވަމުން ކްރިމިނަލް ކޯޓުގެ އޮފިޝަލަކު ވިދާޅުވީ ދައުވާ އަނބުރާ ގެންދަން އެ ކޯޓަށް އަދި ހުށަނަހަޅާ ކަމަށެވެ.

މަހުލޫފުގެ މައްޗަށް ރިޝްވަތުގެ ދައުވާ އުފުލީ އޭނާ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރުކަމުގައި ހުންނެވިއިރު، 2014 ވަނަ އަހަރުގެ އޮގަސްޓް 27 ވަނަ ދުވަހު ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ބިލަށް ތާއީދުކޮށް ވޯޓުދިނުމުގެ މުގާބިލުގައި، ރިޝްވަތު ހިފި ކަމަށް ތުހުމަތު ކުރެވޭތީއެވެ.

ނަމަވެސް އެންމެ ފުރަތަމަ ކްރިމިނަލް ކޯޓަށް މައްސަލަ ހުށަހެޅުމުން މައްސަލަ ބޭރުކޮށްލީއެވެ. އަލުން އެ މައްސަލަ ބަލަން މި ފެށީ ހައި ކޯޓުން އެ މައްސަލަ ބެލުމަށް އެންގުމުންނެވެ.

މަހުލޫފަށް ލިބުނީ ރިޝްވަތުގެ ފައިސާކަން ސާބިތުކޮށްދެވޭވަރުގެ ހެއްކެއް ދައުލަތަށް ހުށަހެޅިފައި ނެތް ކަމަށް ބުނެ އެ މައްސަލަ ކްރިމިނަލް ކޯޓުން ބޭރުކޮށްލި ނަމަވެސް, ޕީޖީން ވަނީ ޝަފަވީ ހަތް ހެއްކެއް ހުށަހަޅާފައެވެ.

އޭގެ ތެރޭގައި ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބު އަބްދުލްޣަފޫރުގެ އިތުރުން އެމްއެމްޕީއާރުސީގެ ޚިޔާނާތުގައި ތުހުމަތުކުރެވޭ މުޙައްމަދު އައްލާމް ލަތީފް އާއި އަޙްމަދު އިޝްފާހް ޢަލީ ވެސް ހިމެނެއެވެ.

ދެން ހިމެނެނީ މަހްލޫފް ޑޮލަރު މާރުކުރިކަމަށް ބުނެ ހުށަހެޅި ރިސިޕްޓްގައި ސޮއިކޮށްފައިވާ, ސްރީލަންކާގެ ރައްޔިތެއްގެ އިތުރުން މޯބައިލް ފޮރިންސިކް ތައްޔާރުކުރި މީހާއެވެ.

އަނގަބަހުން ހެކިބަސްދޭ ހަތް މީހެއްގެ ނަން ދައުލަތުން ހުށަހަޅާފައިވާއިރު, ކިތާބީ ހެކީގެ ގޮތުގައި 29 ހެއްކެއް ހުށަހެޅިއެވެ.

މި ކަމާ ގުޅިގެން ޕީޖީ އޮފީހުގެ ބަހެއް ލިބޭގޮތްވަނީ ނުވެފައެވެ.

comment ކޮމެންޓް