ލައިސަންސް ނުނަގާ، އިންވެސްޓް ކުރުމަށް ލަފާދިނުން މަނާ

ސީއެމްޑީއޭގެ ސީއޯއޯ މުހައްމަދު ހުސައިން މަނިކު --- ސަން ފޮޓޯ/ މުހައްމަދު ނާއިލް ހުސައިން

ކެޕިޓަލް މާކެޓް ޑިވެލޮޕްމެންޓް އޮތޯރިޓީ (ސީއެމްޑީއޭ)އިން ލައިސަންސް ދޫނުކުރާ ފަރާތްތަކުން ސޯޝަލް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް ނުވަތަ އެ ނޫން ވެސް ގޮތަކަށް އިޝްތިހާރު ކޮށްގެން ފަންޑު ހޯދުމާއި އިންވެސްޓް ކުރުމަށް ލަފާދިނުމަކީ ގާނޫނީ ގޮތުން މަނާ ކަމެއްކަމަށް އެ އޮތޯރިޓީން ހަނދާން ކޮށްދީފިއެވެ.

މިކަމާ ގުޅިގެން ސީއެމްޑީއޭއިން ނެރުނު ބަޔާނެއްގައި ވަނީ، ރާއްޖޭގެ ހިއްސާގެ ބާޒާރު ރެގިއުލޭޓްކޮށް، ސެކިއުރިޓީޒްގެ އެންމެހާ ހުއްދަތައް ދޫކުރުމަކީ އެ އޮތޯރިޓީގެ މަސްއޫލިއްޔަތެއް ކަމަށެވެ. އަދި އެ އޮތޯރިޓީގެ މަސްއޫލިއްޔަތު ތަކުގެ ތެރޭގައި އިންވެސްޓަރުންގެ މަސްލަހަތު ހިމާޔަތްކުރުމަށް ސެކިއުރިޓީޒްގެ މުއާމަލާތްތަކުގައި ނޭދެވޭ އަމަލުތައް ކުރިއަށް ނުދިނުން ވެސް ހިމެނޭކަމަށް އެ އޮތޯރިޓީން ބުންޏެވެ.

އެހެންކަމުން ރާއްޖޭގެ މާލީ ސެކިއުރިޓީޒްގެ ގާނޫނާ ހަވާލާދީ، އެ އޮތޯރިޓީން ބުނެފައި ވަނީ، އެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުތަކާ އެއްގޮތައް އެކަމަށް ނަގަންޖެހޭ ހުއްދަ ނުވަތަ ލައިސަންސް ނުނަގާ އާންމުކޮށް ހުޅުވާލައިގެން އިންވެސްޓްމަންޓް ފަންޑު އުފައްދައި ހިންގުމަކީ މަނާ ކަމެއް ކަމަށެވެ.

އެކިއެކި ފަރާތްތަކުން އިންވެސްޓް ކުރުމަށް ލިބޭ ހުށަހެޅުންތަކުގައި ބައިވެރިވުމުގެ އެއީ ކުރިން އެ އޮތޯރިޓީގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތެއްތޯ ބެލުމަށް ސީއެމްޑީއޭން ވަނީ ނަސޭހަތްތެރި ވެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލްހާނު ފަހުމީގެ މައްޗަށް ވެސް ވަނީ ކިންގް ފޯރެކްސް ޓްރޭޑިން ކުންފުނިން ޕޮންޒީ ސްކީމެއް ހިންގި ކަމަށް ތުހުމަތު ކޮށްފައެވެ.

comment ކޮމެންޓް