ބާރަށުން ސިޔާސީ ޕާޓީތަކަށް ހިލޭ ބިން ދޫކުރަނީ

ހއ. ބާރަށް

ހއ. ބާރަށުން ސިޔާސީ ޕާޓީތަކަށް ހިލޭ ބިން ދޫކުރަން އެރަށު ކައުންސިލުން ނިންމައިފިއެވެ. މިއީ ސިޔާސީ ޕާޓީއަކަށް ބިން ދޫކުރަން ނިންމި ފުރަތަމަ ފަހަރެވެ.

މިކަމާ ގުޅިގެން "ސަން"އާ ވާހަކަ ދައްކަވަމުން ބާރަށު ކައުންސިލްގެ ނައިބު ރައީސް އަލީ އަމީޒު ވިދާޅުވީ، ސިޔާސީ ޕާޓީތަކުގެ ހިންގުމަށްޓަކައި އެ ޕާޓީތަކަށް ބިން ދިނުން މުހިންމު ކަމަށް ގަބޫލުކުރާ ކަމަށެވެ.

"އަޅުގަނޑުމެން ގަބޫލުކުރަނީ ވަންނާނެ ގެދޮރު ހުރެގެން ކުރިއަށް ދިޔައީމަ ސިޔާސީ ޕާޓީތަކަށް ވެސް މާ ފަސޭހަ ވާނެކަމަށް. އެހެންވީމަ މި ނިންމުމަކީ ސިޔާސީ ޕާޓީތަކަށް ވަރަށް ފަސޭހަ ވާނެ ނިންމުމެއް،" އަމީޒް ވިދާޅުވިއެވެ.

ބާރަށު ކައުންސިލުން އާންމު ކޮށްފައިވާ އުސޫލުގައި ބުނާ ގޮތުގައި، ބާރަށުން ބިން ދޭނީ، 2500 މީހުން ހަމަވެފައިވާ ޕާޓީތަކަށް އެކަންޏެވެ. އަދި ބާރަށު ރައްޔިތުންގެ ތެރެއިން 300 މީހުން އެ ޕާޓީގެ ދަފުތަރުގައި ހިމެނެން ވާނެއެވެ.

ސިޔާސީ ޕާޓީތަކަށް ބާރަށުން ބިން ދޫކުރާނީ، ބާރަށުގެ ލޭންޑް ޔޫސް ޕްލޭންގައި ބަޔާން ކޮށްފައިވާ މިކްސްޔޫސް ބިން ތަކުގެ ތެރެއިން ކައުންސިލުން ކަނޑައަޅާ ތަނަކުންނެވެ.

އެގޮތުން ސިޔާސީ ޕާޓީތަކަށް ދޭން ކަނޑައަޅާފައިވަނީ، މިކްސް ޔޫސް ބިންތަކުގެ ތެރެއިން ބިން ހުރި ނިސްބަތުން 1000 އަކަފޫޓަށްވުރެ ކުޑަ ނޫން 2000 އަކަފޫޓަށް ވުރެ ބޮޑު ނޫން ބިމެވެ. މި ބިންތައް ދޫކުރަން ނިންމީ 15 އަހަރުގެ މުއްދަތަކަށެވެ.

ސިޔާސީ ޕާޓީތަކަށް ސިޔާސީ މަންފާއެއް ނުލިބޭފަދަ ކަމެއް ކުރާނަމަ އެއް މަސްދުހުގެ މުއްދަތެއް ދިނުމަށް ފަހު ރަނގަޅު ނުކޮސްފި ނަމަ ބިން އަތުލާނެއެވެ.

comment ކޮމެންޓް