އެއް އަހަރުގެ ނާފް ތަދާއި ވޭނުގައި، އެދެނީ އެންމެންގެ ދީލަތި އެހީ

އެއް އަހަރުގެ ތުއްތު ނާފް

އެއް އަހަރުގެ ކުޑަކުޑަ ނާފް މުޙައްމަދު ޠާހާ އަކީ އުފަން ވުމުގައި ވެސް ނުކުޅެދުންތެރިކަން ހުރި ކުއްޖެކެވެ. ހުޅުމާލޭ ހޮސްޕިޓަލުގައި ނާފް އުފަންކުރުމަށް ސިޒޭރިއަން ހެދުމުގެ ތެރޭގައި އޭނާގެ ސިކުނޑީގައި ލޭކޮޅެއް ތާށިވެ، ސިކުނޑިއަށް ލޭއެޅުނެވެ.

"ދެން ހުޅުމާލޭ ހޮސްޕިޓަލުން އައިޖީއެމްއެޗަށް ގެންގޮސްފަ ރާއްޖެއިން ފަރުވާ ނުދެވިގެން، އިންޑިއާއަށް ގެންދިޔައީ،" ނާފްގެ ބައްޕަ މުޙައްމަދު ޠާހާ ޢަބްދުލްކަރީމް އަސަރާ އެކު ކިޔައިދިނެވެ.

އެއް އަހަރުގެ ތުއްތު ނާފް

އެއަށްފަހު އިންޑިއާގެ އާނަންތަޕޫރީ ހޮސްޕިޓަލުގެ އައިސީޔޫގައި ނާފްއަށް މަހަކަށް ވުރެ ގިނަ ދުވަހު ފަރުވާ ދިނެވެ. މިވީ އެއް އަހަރު ތެރޭ ރާއްޖެއާއި ރާއްޖޭން ބޭރުގެ ފަސް ހޮސްޕިޓަލަކުން ނާފްއަށް ފަރުވާ ހޯދާފައި ވެއެވެ. މިއިން ކޮންމެ ފަހަރަކު އައިސީޔޫގައި ބާއްވައިގެން އެއް މަހަށް ވުރެ ގިނަ ދުވަހު ފަރުވާ ދެއެވެ. ނަމަވެސް ތުއްތު ނާފްގެ ހާލު ރަނގަޅެއް ނުވެއެވެ.

ދަރިފުޅަށް ހެލިފެލިވެ ނޫޅެވޭ، ޑޮކްޓަރުން ބުނަނީ ތެރަޕީ ނެގުމަށް

ނާފްގެ ހަރަކާތް މަދުކަން އެންމެ ފުރަތަމަ ވެސް އޭނާގެ ބެލެނިވެރިންނަށާއި ޑޮކްޓަރުންނަށް ފާހަގަވިއެވެ.

މިދިޔަ އަހަރުގެ ތެރޭގައި އިންޑިއާގެ ކިމްސް ހޮސްޕިޓަލުން އެއް މަހަށް ވުރެ ގިނަ ދުވަހު އެޑްމިޓް ކޮށްގެން ނާފް އަށް ވަނީ އައިސީޔޫގައި ފަރުވާ ދީފައެވެ.

"އެކޮޅުން ބުނެފަ އިނީ ދަރިފުޅުގެ ކަށި ވަރުގަދަ ކުރުމަށްޓަކާ ބޭހާއި، ދެން ފިޒިއޯތެރަޕީ ސެޝަންތައް އެންމެ ގިނައިން ދޭން ބުނެފަ ވަނީ،" ޠާހާ ކިޔައިދިނެވެ.

އެހެންކަމުން މިހާރު ހަފުތާ އަކު ތިން ދުވަހު ޓްރީ ޓޮޕް ހޮސްޕިޓަލުންނާއި ހުޅުމާލެ ހޮސްޕިޓަލުން ނާފްއަށް ފިޒިއޮތެރަޕީގެ ޚިދުމަތް ދެއެވެ. ފަރުވާއިން މާބޮޑު ކުރިއެރުމެއް ނާފްއަށް ނުލިބުނަސް ފިޒިއޯތެރަޕީއަށް ފަހު ކުޑަކޮށް އަތް ހިއްލާލެވޭކަމަށް ނާފްގެ ބައްޕަ ބުންޏެވެ.

އާސަންދައިގެ ދަށުން ރާއްޖެއިން ބޭރުން ފިޒިއޯތެރަޕީ ހެދެނީ ދެ ހަފުތާގެ މުއްދަތަކަށެވެ.

ހާލު ދެރަވެ އައިސީޔޫގައި، މިހާރު ފަރުވާ ދެނީ ނިއުމޯނިޔާއަށް

މީގެ އިތުރުން ވެސް ނާފްއަށް އިތުރު އެތައް ވޭނެއް ކުރިމަތިވެއެވެ. އެގޮތުން އެއްވެސް އެއްޗެއް އަރުން އެތެރެ ނުވުމާއި ނޭވާއަށް އުނދަގޫ ވުމާއި ހޮޑު ލެވުން ހިމެނެއެވެ.

އެއް އަހަރު ވީއިރު ވެސް، ނާފްއަށް ކާއެއްޗެއް ނުކެވޭތީ ކާންދެނީ ބަނޑަށް ހޮޅި ލައްވައިގެނެވެ. މި ހޮޅި ވެސް ކޮންމެ ހަ މަހަކުން ބަދަލުކުރުމަށް ޑޮކްޓަރުން ވަނީ ލަފާދީފައެވެ.

މިދިޔަ ހަފުތާގައި ނާފްގެ ހާލު އިތުރަށް ދަށްވެ، ޑޮކްޓަރަށް ދެއްކުމުން ހޮސްޕިޓަލުގައި އެޑްމިޓްކޮށް، މިހަރު ދަނީ އައިސީޔޫގައި ފަރުވާދެމުން،" ޠާހާ ކިޔައިދިނެވެ.

"ނާފް ބަލިވެގެން މިހާރު ނިއުމޯނިޔާއަށް ޕޮޒިޓިވް ވެފަ ވަނީ. މިހާރު ފަރުވާ ދެނީ ނިއުމޯނިއާއަށް،" އޭނާ އިތުރަށް ބުންޏެވެ.

ނާފްގެ ހަށިގަނޑު ވަނީ ވަރަށް ބޮޑަށް ދުޅަވެފައެވެ. އަދި ހޮޅީގެ އެހީގައި ނޭވާ ލެވޭއިރު، ގައިގެ އެތައް ތަނަކަށް ވަނީ ހޮޅި ގުޅާފައެވެ.

ނާފްގެ އާއިލާއިން މަސައްކަތް ކުރަނީ ކުޑަކުޑަ ލޯބި ދަރިފުޅުގެ ހާލު ރަނގަޅުވުމުން އިތުރު ފަރުވާއަށް ބޭރަށް ދާށެވެ. ރާއްޖެއިން ބޭރަށް ގޮސް، ނާފް ޑޮކްޓަރަށް ދެއްކުމަށް ބުނެފައި ވަނީ މިދިޔަ ޑިސެމްބަރު މަހެވެ. ނަމަވެސް ނާފްގެ ބައްޕަގެ އަހަރީ ޗުއްޓީއާއި މެޑިކަލް ޗުއްޓީ ހަމަވެ ނޯޕޭ ލީވް ނަގާފައި ވާތީ އާއި މާލީ ހާލަތު ތަންނުދޭތީ ބޭރަށް ގޮސް ދަރިފުޅަށް ފަރުވާއެއް ނުކުރެވުނެވެ.

ކޮންމެ ދުވަހަކު ނާފް ތަހައްމަލްކުރާ ވޭނަށް ފަރުވާ ލިބެން އޮތީ ވީހާވެސް ގިނަ ބަޔެއްގެ ދީލަތި އެހީތެރިކަން ލިބިގެންނެވެ. އާއިލާއިން ވެސް ރައްޔިތުންގެ ކިބައިން އެދެނީ ނާފްގެ ފަރުވާއަށް ކުޑަ ނަމަވެސް އެހީއެއް ވެދިނުމަށެވެ.

ނާފްގެ ސިއްހީ ހާލަތާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް ގުޅާނީ:

ދަރިފުޅުގެ ބައްޕަ މުހައްމަދު ޠާހާ އަބްދުލްކަރީމް: 7996005

ދަރިފުޅާއި ބައްޕަގެ ޖޮއިންޓް އެކައުންޓް ނަންބަރު: 7730000513870

comment ކޮމެންޓް