ޒަކާތު ފަންޑުން ކޮރަޕްޝަން ހިންގި ކަމުގެ ތުހުމަތަށް މިނިސްޓްރީގެ ބަހެއް ނެތް

އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީ --- ސަން ފޮޓޯ/ އަހްމަދު ސައީދު

އެންމެ ފަހު، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އޮތް 2019ވަނަ އަހަރު ޒަކާތު ފަންޑުން ފުދުންތެރިކަން ނެތް ފަރާތްތަކުގެ ބޭސް ފަރުވާއަށް މާ ބޮޑު ހޭދައެއް ކޮށްފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީގެ ހިސާބުތައް ދެއްކުމާ ގުޅިގެން ވާހަކަދައްކަން އެ މިނިސްޓްރީން ދެކޮޅު ހަދައިފިއެވެ.

ސިއްހީ ދާއިރާގެ ޚިދުމަތްތަކަށް ޒަކާތު ފަންޑުން ޚަރަދު ކުރާތީ އެ ކަމަށް ޚަރަދުވީ އަދަދުތަކުގެ ތަފުސީލު ހޯދަން އެދުނީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ)އެވެ.

އޭނާގެ ސުވާލަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ، މިދިޔަ މަހު 29ގައި ލިޔުމުން ފޮނުވި ޖަވާބުގައި ބުނެފައިވަނީ ފުދުންތެރިކަން ނެތް ފަރާތްތަކުގެ ބޭސް ފަރުވާއަށް ޒަކާތު ފަންޑުގައި ހިމެނޭ ފަޤީރުންނާއި މިސްކީނުންގެ ބައިން ޚަރަދު ކުރާ ކަމަށެވެ. އަދި، އެ ކަމަށްޓަކައި މިދިޔަ 2019ވަނަ އަހަރާއި 2020ވަނަ އަހަރާއި އަދި 2021ވަނަ އަހަރު 36 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށެވެ.

https://sun.mv/175558

މިގޮތުން، އިސްލާމިކް މިނިސްޓްރީން ހިއްސާކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، 2019ވަނަ އަހަރު ޒަކާތު ފަންޑުން ބޭސް ފަރުވާއަށް 22.6 މިލިއަން ރުފިޔާ ޚަރަދު ކޮށްފައިވެއެވެ. އެކަމަކު، ޖެހިގެން އައި 2020ވަނަ އަހަރު އެ ކަމަށް ހޭދަ ކޮށްފައިވަނީ ހަ މިލިއަން ރުފިޔާއެވެ. އަދި، 2021ވަނަ އަހަރު ޒަކާތު ފަންޑުން ބޭހަށް ޚަރަދު ކޮށްފައިވަނީ ހަތް މިލިއަން ރުފިޔާއެވެ. އެއީ، ތިން އަހަރުން ޖުމުލަ، 36 މިލިއަން ރުފިޔާއެވެ.

މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، އެހެން އަހަރުތަކާ އަޅާ ބަލާއިރު، 2019ވަނަ އަހަރު އެ ފަންޑުން ކުރި ހޭދަ ވަނީ އެތައް ގުނައެއް ބޮޑުވެފައެވެ.

އެ ކަމާ ގުޅިގެން މިދިޔަ މަހު 29އިން ފެށިގެން "ސަން"އިން އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލާ ތަކުރާރުކޮށް ސުވާލު ކުރުމުން ވެސް ޖަވާބެއް ދީފައެއް ނުވެއެވެ. އަދި، މިނިސްޓަރަށް ގުޅުމުން ވެސް މިހާތަނަށް ފޯނަށް ޖަވާބު ދީފައެއް ނުވެއެވެ. އެހެންވެ، މި މައްސަލައިގައި އެ މިނިސްޓްރީގެ ބަހެއް މިހާތަނަށް ވަނީ ލިބޭ ގޮތް ނުވެފައެވެ.

އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީ -- ސަން ފޮޓޯ/ އަހްމަދު ސައީދު

ބޮންޑޭ ވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އޮތް އަހަރު ޒަކާތު ފަންޑުން ބޭސް ފަރުވާއަށް އެހާ ބޮޑު ހޭދައެއް ކުރުމުގެ ފަހަތުގައި ކޮރަޕްޝަން އޮތް ކަމަށް ތުހުމަތު ކުރައްވައިފައެވެ.

އޭނާ ވިދާޅުވީ މަޖިލީސް އިންތިޚާބު އޮތް އަހަރު ޒަކާތު ފަންޑުން އެހާ ބޮޑު ހޭދައެއް ބޭސް ފަރުވާއަށް ކޮށްފައި ޖެހިގެން އައި ދެ އަހަރު އެ އަދަދުތައް މާ ބޮޑަށް ދަށްވެފައިވާ ކަމަށެވެ. އެހެންވެ، ޒަކާތު ފަންޑުން ކޮރަޕްޝަން ހިންގި ކަމަށް އޭނާ ވަނީ ތުހުމަތު ކުރައްވައިފައެވެ.

އެކަމަކު، ބޮންޑޭއަށް ފޮނުއްވި ޖަވާބުގައި މިނިސްޓަރު ވިދާޅުވެފައިވަނީ ޒަކާތު ފަންޑުން ބޭސް ފަރުވާއަށް އެހީ ވަނީ ފުދުންތެރިކަން ނެތް މީހުންނަށް އެ ފަންޑުން ބޭސް ފަރުވާގެ އެހީ ދިނުމުގެ އުސޫލުގެ ދަށުން ކަމަށެވެ.

ބޭސް ފަރުވާގެ އިތުރުން، މިސްކިތްތައް އާބާތުރަ ފިލުވުމާއި ތައުލީމީ ކަންކަމަށް ވެސް އެ ފަންޑުން ޚަރަދު ކުރެއެވެ.

comment ކޮމެންޓް