ނަޝީދަށް ހަމަލާދިނުމަކީ އަޅުގަނޑު ފެއިލްވުމެއް ނޫން: މާރިޔާ

މިނިސްޓަރު މާރިޔާ ވާހަކަފުޅު ދައްކަވަނީ --- ސަން ފޮޓޯ/ އިބްރާހީމް ޝަމްވީލް

މިނިސްޓަރު މާރިޔާ އަޙްމަދު ދީދީގެ ވަޒީރުކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ޓެރަރިސްޓު ހަމަލާއެއް ދިނުމަކީ މިނިސްޓަރެއްގެ ހައިސިއްޔަތުން ފެއިލްވުންކަމަށް ގަބޫލުނުކުރައްވާ ކަމަށް އެކަމަނާ ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މިނިސްޓަރު މާރިޔާ ހާޒިރު ކޮށްފައިވާއިރު ނައިފަރު ދާއިރާގެ މެމްބަރު އަޙްމަދު ޝިޔާމް ވަނީ މިނިސްޓަރާ ތިން ސުވާލު ކުރައްވާފައެވެ.

އެގޮތުން މެމްބަރު ޝިޔާމް ވަނީ މިނިސްޓަރު މާރިޔާގެ ވަޒީރުކަމުގައި ބޮމެއް ގޮއްވައި، އެ މައުލޫމާތު ލިބި، ރައްޔިތުންނަށް ރައްކާތެރިކަން ކަށަވަރުނުވުމަކީ އެކަމަނާ ފެއިލްވުންކަމަށް ގަބޫލުކުރައްވާތޯ ވެސް މިނިސްޓަރާ ސުވާލު ކުރައްވާފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން މާރިޔާ ވިދާޅުވީ އެއީ އެކަމަނާ ފެއިލް ވުން ކަމަށް އެއްވެސް ވަރަކަށް ގަބޫލުފުޅުނުކުރައްވާ ކަމަށެވެ.

މާރިޔާ ވިދާޅުވީ އެއްވެސް ވަޒީރަކު ކުރާ ކަމެއް ނުވަތަ ނުކޮށް ދޫކޮށްލާ ކަމަކުން މަޖިލީހުގެ އެއްވެސް މެމްބަރަކަށް ވަޒީރަކު ފެއިލްވީ ކަމަށް ގަބޫލުކުރެވޭނަމަ އެ ވަޒީރަކަށް ފިޔަވަޅު އެޅުމުގެ ފުރުސަތު ގާނޫނުން ލިބިދޭ ކަމަށެވެ.

އޭގެ އިތުރުން ޝިޔާމް ވަނީ ރާއްޖޭގެ ގާނޫނު އަސާސީން ލިބިދޭ ހައްގުތައް ބޭނުން ކޮށްގެން ރާއްޖޭގައި ބިދޭސީ ސިފައިން ތިބުމާ ދެކޮޅުހަދާ ދިވެހިންނާމެދު އިހާނެތިކޮށް ކަންތައް ކުރުމަކީ އެކަމަނާ ތާއީދު ކުރައްވާ ކަމެއްތޯ އައްސަވާފައެވެ. އަދި ސަލާމަތީ ބާރުތަކަށް ޚިދުމަތް ކުރައްވާ، ޝަރަފުވެރި ކަމާއެކު ރިޓަޔާ ކުރައްވާފައިވާ ބޭފުޅުންނަށް ކުޑައިމީސް ކުރުމަކީ މިނިސްޓަރު މައާފަށް އެދިވަޑައިގަންނަވަން ޖެހޭ ކަމެއް ކަމަށް ގަބޫލު ކުރައްވާތޯ ވެސް މެމްބަރު ސުވާލު ކުރެއްވިއެވެ.

އެ ދެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު މާރިޔާ ވިދާޅުވީ ވަޒީރުންނާ ސުވާލު ކުރުމުގެ ގާނޫނުގެ ދެވަނަ މާއްދާގައި ވަޒީރަކާ ސުވާލު ކުރެވޭނެ ދާއިރާތައް ކަނޑައަޅާފައިވާ ކަމަށެވެ. އެގޮތުން އެ ގާނޫނުގެ ދެވަނަ މާއްދާގެ (ހ) ބަޔާންކުރާ ގޮތުގައި ވަޒީރަކު ރަސްމީ ގޮތުން ކުރާ ނުވަތަ ހިންގާ ކަމަކާ މެދު ރައްޔިތުންގެ މަޖިލީހުގައި ސުވާލު ކުރެވިދާނެ ކަމަށް މާރިޔާ ވިދާޅުވިއެވެ.

އެހެން ވިދާޅުވެ މާރިޔާ ވަނީ ވަޒީރުންގެ ގާނޫނުގެ ދެވަނަ މާއްދާގެ (ށ)ގެ ދަށުން ދިފާއީ ވަޒީރުގެ ހައިސިއްޔަތުން އެކަމަނާ ރަސްމީގޮތެއްގައި ކުރާ މަސައްކަތްތައް ހިއްސާކުރައްވާފައެވެ. އެ މަސައްކަތްތައް މަޖިލީހާ ހިއްސާ ކުރެއްވުމަށްފަހު މާރިޔާ ވިދާޅުވީ ދިފާއީ ވަޒީރުގެ ހައިސިއްޔަތުން، މެމްބަރުގެ ޝިޔާމްގެ ސުވާލުތަކުގައި ވިދާޅުވެެފައިވާ އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށެވެ.

"މަސައްކަތް ކުރާ ނުވަތަ ހިންގާ އަމިއްލަ ކަމަކާ މެދު ރައްޔިތުންގެ މަޖިލީހުގައި ސުވާލު ކުރެވޭނީ އެކަމަކީ ގާނޫނާ ޚިލާފު ކަމެއް ކަމަށް ތުހުމަތު ކުރެވޭނަމަ ނުވަތަ އެކަމަކީ ސަރުކާރަށް ނުވަތަ ރައްޔިތުންނަށް ގެއްލުމެއް ލިބޭފަދަ ކަމަކަށް ވާނަމަ. އަޅުގަނޑު ގާނޫނާ ޚިލާފު އެއްވެސް ކަމެއް ކޮށްފައެއް ނުވާނެ ސަރުކާރަށް ނުވަތަ ރައްޔިތުންނަށް ގެއްލުމެއް ލިބޭފަދަ ކަމެއް ވެސް ކޮށްފައެއް ނުވާނެ،" މިނިސްޓަރު މާރިޔާ ވިދާޅުވިއެވެ.

އެހެންކަމުން މެމްބަރު ޝިޔާމްގެ ސުވާލަކީ ވަޒީރުންނާ ސުވާލުކުރުމުގެ ގާނޫނުގެ ދަށުން ކުރެވޭނެ ސުވާލެއް ކަމަށް ގަބޫލުފުޅުނުކުރައްވާ ކަމަށް ވެސް މާރިޔާ ވިދާޅުވިއެވެ.

comment ކޮމެންޓް