ރާއްޖޭން ނައްތާލާފައިވާ ހިމަބިއްސަށް އައްޑޫން ކުއްޖަކު ޕޮޒިޓިވްވެއްޖެ

އައްޑޫއިން ހިމަބިހި ބައްޔަށް ޕޮޒިޓިވް ވީ ކުޑަކުއްޖެއް --- ފޮޓޯ/ ގޫގުލް

އައްޑޫ ސިޓީއިން ހިމަބިހި ނުވަތަ މީސްލްސްއަށް ކުޑަކުއްޖަކު ޕޮޒިޓިވް ވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އެޗްޕީއޭއިން މިއަދު ބުނެފިއެވެ.

އެޗްޕީއެއިން ބުނީ އައްޑޫއިން މި ބައްޔަށް ޕޮޒިޓިވްވީ މިއަދު ކަމަށެވެ. މި ބަލީގެ އިތުރު އެއް ކޭސް ދެނެގަނެވި ސާމްޕަލް ނަގައި ޓެސްޓް ހެދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް އެ އިދާރާއިން ބުންޏެވެ.

މި ދެ ކޭސް ވެސް ފެނިފައިވަނީ ކުޑަކުދިންގެ ތެރެއިން ނަމަވެސް އެ ދެ ކުދިންގެ ގައިން ބަލި ފެތުރޭ މުއްދަތު ފަހަނަ އަޅާފައިވާތީ ދެކުދިންގެ ފަރާތުން އިތުރަށް ބަލި ފެތުރުމުގެ ފުރުސަތު ނެތް ކަމަށް އެޗްޕީއޭއިން ބުންޏެވެ.

އެޗްޕީއޭއިން ބުނި ގޮތުގައި ކޮންޓެކްޓުން ދެނެގަތުމާއި ބަލި ޖެހުން ސަބަބު ދެނެގަތުމުގެ މަސައްކަތް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން ދަނީ ކުރަމުންނެވެ. އަދި ވެކްސިން ދޭން ޖެހޭ ފަރާތްތަކަށް ވެކްސިންދިނުމުގެ މަސައްކަތް ފެށޭނެ ކަމަށް އެޗްޕީއޭއިން ބުންޏެވެ.

ހިމަބިއްސަކީ ރާއްޖެއިން ނައްތާލައިފައިވާ ބައްޔެއް ކަމުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައަޅައި އެކަމުގެ ލިޔުން ދިނީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި 2017ގައެވެ.

އޭގެ ފަހުން ހިމަބިއްސަށް ބަޔަކު ޕޮޒިޓިވްވީ ކޮވިޑު-19 ބަލިމަޑުކަން ފެނުމުގެ ދުވަސްކޮޅެއް ކުރިން 2020 ވަނަ އަހަރުގެ ޖެނުއަރީގައެވެ.

މި ބަލި ރާއްޖެއިން މިއަދު ފެނުމާ ގުޅިގެން އެޗްޕީއޭއިން ބުނީ މި ބައްޔަކީ ނައްތާލެވިފައިވާ ބައްޔަކަށްވުމާއެކު މި ބަލީގެ އެންމެ ކޭސްއެއް ފެނުނު ކަމުގައި ވީނަމަވެސް އެ ބެލެވެނީ އައުޓްބްރޭކެއްގެ ގޮތުގައި ކަމަށެވެ.

ހިމަބިހީގެ މައިގަނޑު އަލާމާތްތަކަކީ ހުން އައުމާއި ހަމުގައި ރަތް ބިހިތަކެއް ނެގުމާއި ކެއްސުމާއި އަރިދަފުސް ފޭބުމެވެ. އަދި ލޯ ރަތްވުން ފަދަ އަލާމާތްތައް ވެސް ބައެއް މީހުންގެ ފަރާތުން ފެނުން އެކަށީގެންވާ ކަމަށް އެޗްޕީއޭއިން ބުންޏެވެ.

މީގެން އަލާމާތެއް ފެނިއްޖެ ނަމަ ސިއްހީ ޚިދުމަތްތެރިއެއްގެ ލަފާ ހޯދުމަށް އެޗްޕީއޭއިން ވަނީ އެދިފައެވެ.

comment ކޮމެންޓް