ޗައިނާއާއި ބްރަޒީލްއިން އެމެރިކާ ޑޮލަރު ދޫކޮށްލަނީ

ބްރަޒީލިއާ (2 އެޕްރީލް 2023): ޗައިނާއާއި ބްރެޒިލް އާ ދެމެދު ކުރާ ވިޔަފާރީގެ މުއާމަލާތްތަކުގައި އެމެރިކާ ޑޮލަރު ބޭނުންނުކޮށް އޭގެ ބަދަލުގައި އެ ދެ ގައުމުގެ ފައިސާ ބޭނުންކުރަން އެއްބަސްވެއްޖެއެވެ.

މިކަން ހާމަކުރަމުން ބްރެޒިލްގެ ވިޔަފާރިއާއި އިންވެސްޓްމަންޓްއާބެހޭ އެޖެންސީ (އަޕެކްސް ބްރަޒީލް) އިން ނެރުނު ބަޔާނެއްގައި ބުނީ ޗައިނާއާއި ބްރެޒިލްއާ ދެމެދު މިހާތަނަށް މުއާމަލާތް ކުރަމުން ގެންދިޔަ އެމެރިކާ ޑޮލަރުގެ ބަދަލުގައި ދެން އެ ދެ ގައުމުގެ ފައިސާ ވިޔަފާރީގެ މުއާމަލާތްތަކުގައި ބޭނުންކުރުމުގެ އެއްބަސްވުމެއްގައި ދެ ގައުމުން ސޮއިކޮށްފައިވާ ކަމުގައެވެ.

މި އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ ޖަނަވަރީ މަހުގައި ކަމަށާއި ނަމަވެސް މި ކަމާ ބެހޭ އެންމެ ފަހުގެ ނިންމުންތައް ނިންމައި މި އެއްބަސްވުން ތަންފީޒު ކުރަން ފެށިކަން އިއުލާނުކުރީ މިދިޔަ ހަފުތާގައި ޗައިނާގެ ވެރިރަށް ބެއިޖިންގްގައި ބޭއްވި ޗައިނާ - ބްރަޒީލިޔަން ބިޒިނަސް ފޯރަމްގައި އެ ދެ ގައުމުގެ ކަމާ ބެހޭ މަސްއޫލުވެރިންނެވެ.

ދުނިޔޭގައި އެންމެ ބާރަށް ކުރިއަރަމުން އަންނަ ބޮޑެތި އިގްތިސާދުތަކުގެ ތެރޭގައި ބްރެޒިލް ހިމެނޭއިރު ޗައިނާއަކީ ދުނިޔޭގެ ދެވަނަ އިގްތިސާދެވެ. އެމެރިކާ ފިޔަވައި ދެން އެންމެ ބޮޑު އިގްތިސާދެވެ. ބްރެޒިލްގެ އެންމެ ބޮޑު ވިޔަފާރީގެ ބައިވެރިއަކީ ޗައިނާއެވެ. ޑޮލަރުން ބަލާނަމަ ދެ ގައުމުގެ ދެމެދުގައި ހިނގާ ވިޔަފާރީގެ މުއާމަލާތްތަކުގެ މިންވަރު އަހަރަކު 150 ބިލިޔަން ޑޮލަރަށް އަރައެވެ.

ޗައިނާ މިހާރު ވަނީ ޑޮލަރުގެ ބަދަލުގައި އެހެން ފައިސާތައް ބޭނުންކޮށްގެން ވިޔަފާރީގެ މުއާމަލާތްތައް ހިންގުމުގެ އެއްބަސްވުންތައް ރަޝިއާ، ޕާކިސްތާން، ޔޫއޭއީ އަދި އީރާންއާ އެކު ވެސް ސޮއިކޮށްފައެވެ. މި ގައުމުތަކާ އެކު ޗައިނާ މިހާރު މުއާމަލާތްތައް ކުރަނީ އެ ގައުމުތަކުގެ ފައިސާއާއި އަދި ޗައިނާގެ ޔުވާން ބޭނުން ކޮށްގެންނެވެ.

ޗައިނާއާއި ސައޫދީ ވެސް ވަނީ އެމެރިކާ ޑޮލަރުގެ ބަދަލުގައި ސައޫދީ ރިޔާލްއާއި ޗައިނާގެ ޔުވާން ބޭނުންކޮށްގެން ވިޔަފާރީގެ މުއާމަލާތްތައް ހިންގުމާ ބެހޭ ގޮތުން މަޝްވަރާކޮށްފައެވެ. ނަމަވެސް މި ކަމާބެހޭ އެއްބަސްވުމެއްގައި އެ ދެ ގައުމުން އަދި ސޮއިކޮށްފައެއް ނުވެއެވެ. ނަމަވެސް ކަރަންސީ ސްވަޕް އުސޫލުން ސައޫދީ އާއި ޗައިނާ މިހާރުވަނީ އެ ދެ ގައުމުގެ ދެމެދުގައި ހިނގާ ވިޔަފާރީގެ މުއާމަލާތްތަކުގައި ރިޔާލް އާއި ޔުވާން ބޭނުންކުރަން ފަށައިފައެވެ. އިންޑިއާއާއި ރަޝިއާ ވެސް ގެންދަނީ ޑޮލަރުގެ ބަދަލުގައި އެ ދެ ގައުމުގެ ފައިސާ ބޭނުންކޮށްގެން ވިޔަފާރީގެ މުއާމަލާތްތައް ހިންގަން ފަށައިފައެވެ.

ބްރެޒިލްގެ ވިޔަފާރިއާއި އިންވެސްޓްމަންޓްއާ ބެހޭ އެޖެންސީ (އަޕެކްސް ބްރަޒީލް) ބުނާ ގޮތުން ޗައިނާއާއި ބްރެޒިލްއާ ދެމެދު އެ ދެ ގައުމުގެ ފައިސާ ބޭނުން ކޮށްގެން ހިންގާ މުއާމަލާތްތަކުގައި ފައިސާގެ ޓްރާންސްފާ ކުރުމާއި އެ ނޫން ވެސް ފައިސާއާ ބެހޭ ކަންކަން މެނޭޖުކޮށް ހިންގާނީ "އިންޑަސްޓްރިއަލް އެންޑް ކޮމާޝަލް ބޭންކްއޮފް ޗައިނާ" އާއި ބްރްޒީލްގެ "ބީބީއެމް" ބޭންކު މެދުވެރިކޮށެވެ.

ދުނިޔޭގައި ހިނގާ ވިޔަފާރީގެ މުއާމަލާތްތަކުގައި އެމެރިކާ ޑޮލަރު ބޭނުންކުރާ މިންވަރު ކުޑަވަމުންދާއިރު މިއީ އެމެރިކާ ޑޮލަރަށް ކުރިމަތިވާ ބޮޑު ގޮންޖެހުމެއް ކަމަށް ކަމާބެހޭ ރިޕޯޓްތައް ބުނެއެވެ.

އެމެރިކާ ޑޮލަރުން ކުރާ މުއާމަލާތްތައް މަދުވުމަކީ އެމެރިކާއާއި ޔޫރަޕުން އުފައްދާފައިވާ މާލީ ނިޒާމު ކަމަށްވާ ސްވިފްޓް ނިޒާމު ބަލިކަށިވެ ޑޮލަރުގެ ޕާޗޭސިން ބާރު ކުޑަވެ ދުނިޔޭގެ ރިޒާވް ފައިސާއެއްގެ ގޮތުގައި ޑޮލަރުގެ ބޭނުން ކުޑަވެގެންދާ ކަމެކެވެ. މި ކަމުގެ ސަބަބުން އެމެރިކާގެ އިގްތިސާދު ދަށަށް ދާން ފެށުމުގެ އިތުރުން މިއީ އެމެރިކާ ބޭނުންވާ ގައުމުތަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމުގެ ބާރު ވެސް އެމެރިކާގެ ކިބާގައި ކުޑަވެގެންދާނެ ކަމެއްކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ.

comment ކޮމެންޓް