ޖާމިން މަރުވީ މޮނީޓާ ކޮށްދޭން ފުލުހުން ކައިރި އެދިފައި ވަނިކޮށް: ޖެންޑާ

ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ / ފޮޓޯ: މަޖިލިސް

މިދިޔަ ހުކުރު ދުވަހު ގއ. ކަނޑުހުޅުދޫގައި ގެއްލިގެން ހޯދަމުންދަނިކޮށް އެ ރަށު ފަޅުތެރޭގައި މަރުވެފައި އޮއްވައި ފެނުނު ޖާމިން އަބްދުލްކަރީމް މަރުވީ އޭނާގެ ހަރަކާތްތައް މޮނީޓާ ކުރުމަށް ފުލުހުގައި އެދިފައި ވަނިކޮށް ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފިއެވެ.

އެ ދުވަހު ފަތިހު ގެއިން ނުކުމެގެން ދިޔަގޮތަށް ޚަބަރެއް ނުވެގެން ޖާމިންގެ އާއިލާއިން ފުލުހުންނަށް ރިޕޯޓު ކުރުމާއެކު، އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، ފެނުނީ އެ ރަށު ފަޅު ތެރެއަށް ސައިކަލާ އެކު ވެއްޓިފައި ވަނިކޮށެވެ. ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް އޭނާ ވަނީ މަރުވެފައެވެ.

ކަނޑުހުޅުދޫ ކައުންސިލްގެ ނައިބު ރައީސް އިބްރާހީމް ހުސަައިން މީގެ ކުރިން "ސަން" އަށް ވިދާޅުވި ގޮތުގައި ނަފުސާނީ ބަލިމަޑު ކަމެއް ހުންނަ ޖާމިން ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންދިއުމަށް އާއިލާއިން އެދުމުން ކައުންސިލުން މިނިސްޓްރީގައި އެ ކަމަށް އެދިފައިވާތާ ފަސް މަސް ވެފައިވާ ކަމަށެވެ. ނަމަވެސް އެ ދުވަހާ ހަމައަށް އެ ކަމުގައި މިނިސްޓްރީގެ ފަރާތުން އެދެވޭ ޖަވާބެއް ލިބިފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ޖެންޑާ މިނިސްޓްރީގެ މީޑިއާ އޮފިޝަލް މިއަދު "ސަން" އަށް ވިދާޅުވީ ޖާމިނަށް ބޭނުންވާ ނަފްސާނީ ފަރުވާ ދިނުމަށް މިދިޔަ އަހަރުގެ މާޗް މަހު މާލެ ގެނެސް އައިޖީއެމްއެޗްގެ ސެންޓާ ފޯ މެންޓަލް ހެލްތު ޑިޕާޓްމަންޓްގައި އެނދުމަތިކޮށް ފަރުވާ ދީފައިވާ ކަމަށެވެ.

ފަރުވާއަށް ފަހު ހާލަތަށް ރަނގަޅު ބަދަލެއް އައުމުން އާއިލާގެ އަމިއްލަ ނިންމުމާ އެކު، ރަށަށް ބަދަލުވި ނަމަވެސް އަނެއްކާވެސް ޖާމިން ގެ ހާލަތު ގޯސް ވުމުގެ ސަބަބުން އާއިލާއިން ވަނީ އެކަން ޖެންޑާ މިނިސްޓްރީގެ ސަމާލު ކަމަށް ގެނެސްފައެވެ.

އާއިލާގެ ހުށަހެޅުމާ އެއްގޮތަށް ޖާމިން ޑޮކްޓަރަށް ދެއްކުމުގެ އިންތިޒާމް ހަމަޖައްސައި، ރަށު ކައުންސިލާއި ފުލުހުން ޝާމިލްވާ ގޮތަށް މަޝްވަރާ ބައްދަލުވުމެއް ކުރިއަށް ގެންގޮސްފައިވާ ކަމަށްވެސް ޖެންޑާއިން ބުނެއެވެ.

ޖާމިންގެ ހާލަތު އެންމެ ފަހުން މޮނީޓާ ކުރިއިރު، ކަންބޮޑުވުން ހުރި ކަންކަން ފާހަގަކުރެވުމާއެކު މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ، ފުލުހުންގެ ސަމާލު ކަމަށް އެކަން ގެނެސް، އޭނާގެ ހަރަކާތްތައް މޮނީޓާ ކޮށްދިނުމަށް އެދިފައިވާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

މި މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން އަންނަނީ ބަލަމުންނެވެ.

comment ކޮމެންޓް