ކައިޒީންއަށް ސެކިއުރިޓީއެއް ނުދެން: ފުލުހުން

އުފަން ދުވަސް ފާހަގަކުރުމަށް އުސްފަސްގަނޑުގައި ހަދާފައިވާ ސްޓޭޖެއްގެ މަތީގައި ކައިޒީން މަޑުކޮށްލައިގެން ---- ފޮޓޯ: ކައިޒީން އިންސްޓަގްރަމް

ސޯޝަލް މީޑިއާގައި މަޝްހޫރު މޮޑެލް ފާތިމަތު ޒަޔާން އިބްރާހީމް (ކައިޒީން)ގެ އުފަން ދުވަސް ފާހަގަކުރަން އުސްފަސްގަނޑުގައި ބޭއްވި ހަރަކާތުގައި އޭނާއަށް ޕާސަނަލް ސެކިއުރިޓީ ދީފައިނުވާނެ ކަމަށް ފުލުހުން ބުނެފިއެވެ.

ކައިޒީންގެ އުފަން ދުވަސް ފާހަގަކުރުމަށް މިދިޔަ މަހުގެ 29ވަނަ ދުވަހުގެ ރޭ އުސްފަސްގަނޑު ސަރަހައްދުގައި ވަނީ ހަވާ އަރުވައިފައެވެ. އެ ސަރަހައްދުގައި ސްޓޭޖެއް މަތީގައި ކައިޒީން ވެސް ހުއްޓެވެ. އަދި މަންޒަރު ބެލުމަށް ގިނަ އަދަދެއްގެ މީހުން ޖަމާވިއެވެ.

އުސްފަސްގަނޑު ސަރަހައްދަށް ކައިޒީން އައީ ޕްރައިވެޓް ކާރެއްގައެވެ.

އޭނާ އެ ސަރަހައްދަށް އައިއިރު ކަޅުކުލައިގެ ހެދުމުގައި ސެކިއުރިޓީ ބެލެހެއްޓުމަށް ގިނަ އަދަދެއްގެ މީހުން ތިއްބެވެ. ކާރުން ފައިބައިގެން ސްޓޭޖަށް އެރިއިރު ވެސް ދެ ފަރާތުގައި ގިނަ އަދަދެއްގެ މީހުން ސްކެއިރިޓީ ބެލެހެއްޓުމަށް ހަރަކާތްތެރިވިތަން ފެނުނެވެ.

އެކަމަށް ބައެއް މީހުން ފާޑުކިޔައި ބުނެފައިވަނީ, ކައިޒީންއަށް ފުލުހުން އެ ވަރުގެ ސެކިއުރިޓީއެއް ދޭން ޖެހުނު ސަބަބު ސާފުކޮށްދޭން ޖެހޭނެ ކަމަށެވެ.

އެކަމާ ގުޅިގެން ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ, ހަވާ އެރުވިއިރު ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވެފައިވާނެ ކަމަށާއި ނަމަވެސް ކައިޒީންއަށް ވަކިން ޕާސަނަލް ސެކިއުރިޓީ ދީފައިނުވާނެ ކަމަށެވެ.

"ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވެފައިވަނީ ހަވާއެރުވި މަންޒަރު ބެލުމަށް ގިނަ ބަޔަކު އެ ސަރަހައްދަށް ޖަމާވެފަވާތީ އާންމު އުސޫލުން ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް," ފުލުހުން ފޮނުވި މެސެޖުގައި ބުނެފައިވެއެވެ.

މި ފަހުން ރާއްޖޭގެ އެކި ހިސާބުތަކުގައި އަމިއްލަ މީހުން އެދިގެން އެމްއެންޑީއެފްއިން ހަވާ އަރުވާދީފައިވެއެވެ. ސިފައިން އެ ކަން ކޮށްދެނީ އަގު ނަގައިގެން، ވިޔަފާރި އުސޫލުންނެވެ.

comment ކޮމެންޓް