މާޓިނޭޒްގެ މޮޅު ކުޅުމާ އެކު އެސްޓަން ވިލާއިން ޗެލްސީ ބަލިކޮށްފި

އެމިލިއާނޯ މާޓިނޭޒް---

އިނގިރޭސި ޕްރިމިއާ ލީގުގައި އެސްޓަން ވިލާ އަތުން ބަލިވެ ޗެލްސީއަށް އިތުރު ހާސްކަމެއް ކުރިމަތިވެއްޖެއެވެ.

ރޭ ޗެލްސީގެ އަމިއްލަ ދަނޑުގައި އެސްޓަން ވިލާއާ ދެކޮޅަށް ކުޅުނު އެ މެޗުން ޗެލްސީ ބަލިވީ 2-0 ގެ ނަތީޖާއަކުންނެވެ.

އެ މެޗުގައި ދެ ޓީމުގެ ފަރާތުން ވަނީ ގިނަ ހަމަލާތަކެއް އުފައްދައިފައެވެ. އެހެންނަމަވެސް ޗެލްސީގެ ހަމަލާތަކުގެ ދިފާއަކަށް ވީ މެޗުގައި މޮޅު ކުޅުމެއް ދެއްކި އެސްޓަން ވިލާގެ ގޯލު ކީޕަރު އެމިލިއާނޯ މާޓިނޭޒެވެ.

އެ މެޗުގެ ހަވަނަ މިނެޓުގައި ޗެލްސީގެ މުޑްރިކަށް ވަނީ ގޯލު ޖަހާނެ ރަނުގެ ފުރުސަތެއް ލިބިފައެވެ. އެސްޓަން ވިލާގެ ޑިފެންޑަރުންނަށް ހެދުނު ގޯހެއްގެ ފައިދާ ނަގައިގެން އެ ޓީމު އޭރިއާ ތެރޭގައި ހުސްކޮށް ހުރެ އޭނާ ފޮނުވާލި ބާރު ހަމަލާ އެސްޓަން ވިލާގެ ކީޕަރު މާޓިނޭޒް ވަނީ މަތަކޮށްފައެވެ.

އޭގެ ފަހުން މެޗުގެ 18ވަނަ މިނެޓުގައި އެސްޓަން ވިލާއިން ވަނީ ގޯލެއް ޖަހައި މެޗުގެ ލީޑު ނަގައިފައެވެ. އެ ގޯލަކީ އޮލީ ވަޓްކިންސް ޗެލްސީގެ ކީޕަރު ކެޕާ ބޯ މަތިން ފޮނުވާލި ޗިޕަކުން ކާމިޔާބުކުރި ގޯލެކެވެ.

ޗެލްސީއާ އެސްޓަން ވިލާ ބައްދަލުކުރި މެޗުގެ ތެރެއިން ---

އޭގެ ދެ މިނެޓު ފަހުން ޗެލްސީގެ ޖާއޯ ފެލިކަސްއަށް ވެސް ވަނީ ގޯލެއް ޖަހާނެ ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އެސްޓަން ވިލާގެ ދެ ޑިފެންޑަރުން ނައްޓާލުމަށް ފަހު ފޮނުވާލި ބާރު ހަމަލާ ވެސް ސަލާމަތް ކުރީ ކީޕަރު މާޓިނޭޒެވެ.

މެޗުގެ ދެވަނަ ހާފުގައި ވިލާއިން ވަނީ އިތުރު ގޯލެއް ޖަހައި މެޗުގެ ލީޑު ނަގައިފައެވެ. އެ ގޯލަކީ އޭރިއާ ބޭރުން ވިލާގެ ޖޯން މެކް ގިން ފޮނުވާލި ހަމަލާއަކުން ވަތް ގޯލެކެވެ.

އެ މެޗުން ބަލިވެ ޗެލްސީ ވަނީ ތާވަލުގެ 11ވަނައަށް ވެއްޓިފައެވެ. އެ ޓީމު ތާވަލުގެ 11 ވަނައިގައި އޮތީ ކުޅުނު 28 މެޗުން ލިބުނު 38 ޕޮއިންޓާއެކުއެވެ. އަދި މެޗުން މޮޅުވި އެސްޓަން ވިލާ އޮތީ 28 މެޗުން ލިބުނު 41 ޕޮއިންޓާ އެކު ތާވަލުގެ ނުވަވަނައިގައެވެ.

comment ކޮމެންޓް