މެންބަރުން ޕާޓީން ކެނޑެނީ މަގާމު ދިފާއުކުރަން: ގާސިމް

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް -- ފޮޓޯ/ ޖޭޕީ

ސަރުކާރުގެ މަގާމުތަކުގައި ތިބި ޖުމްހޫރީ ޕާޓީގެ މެމްބަރުން ޕާޓީން ވަކިވަމުން ދަނީ މަގާމު ދިފާއުކުރުމަށް ކަމަށް އެޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ގާސިމް މިހެން ވިދާޅުވީ ޖޭޕީން މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވަކިން ވާދަކުރާ ގޮތަށް ނިންމުމާއި ގުޅިގެން އެޕާޓީގެ އެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުން ގާސިމާއި ޖޭޕީ ދޫކޮށްލަމުންދާ ދުވަސްވަރެއްގައެވެ.

ޖުމްހޫރީ ޕާޓީން މިހާތަނަށް ވަކިވެވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ރައީސް އޮފީހުގެ މިނިސްޓަރުގެ މަގާމުގައި ހުންނެވި އަހްމަދު ސަމީރު އާއި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް އާއި އެމްޑަބްލިއުއެސްސީގެ އެމްޑީ ހަސަން ޝާހު އާއި ހެރިޓޭޖުގެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ވަލީދާ ވަލީދުގެ އިތުރުން އިމިގްރޭޝަންގެ ކޮންޓްރޯލާ އަހްމަދު ހުސައިން (ހަނަފީ)އެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހަށް ތާއީދު ކުރަން ނިންމަވައި ޖޭޕީން އިސްތިއުފާ ދެއްވަމުން ގެންދަވާ ބޭފުޅުންނަށް ނަސޭހަތް ދެއްވާ ގާސިމް ކުރެއްވި ޓްވީޓްގައި ވަނީ ސަރުކާރުގެ މަޤާމުތަކުގައި ތިއްބެވި ޖޭޕީގެ ބައެއް ބޭފުޅުން އެ ބޭފުޅުންގެ މަޤާމު ދިފާއުކުރެއްވުމުގެ ނިޔަތުގައި ޕާޓީއާއި ޕާޓީގެ ލީޑާޝިޕް ބަދުނާމު ނުކުރައްވާ, ކަމުގެ ހަގީގަތާއި އެއްގޮތަށް ވާހަކަ ދެއްކުމަށް އެދިވަޑައިގެންފައެވެ.

"މަޤާމު ދިފާއުކުރެއްވުމުގެ ނިޔަތުގައި ޕާޓީއާއި ޕާޓީގެ ލީޑާޝިޕް ބަދުނާމު ނުކުރައްވާ، ކަމުގެ ހަގީގަތާއި އެއްގޮތަށް ވަޒީފާގެ ބޭނުމަށް ޓަކައި ޕާޓީން ވަކިވާކަން އިއުލާން ކުރެއްވުން ކީއްތޯ؟،" ގާސިމް ވިދާޅުވެފައިވެއެވެ.

ޖޭޕީއަށް ސަރުކާރުގެ ތެރެއިން ލިބިފައިވާ ސްލޮޓްތަކުގައި ވަޒީރުކަން ކުރައްވަނީ ތިން ބޭފުޅުންނެވެ. އެއީ ޓްރާންސްޕޯޓު މިނިސްޓަރު އަދި ގާސިމްގެ އަނބިކަނބަލުން އާއިޝަތު ނަހުލާ އާއި ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން އާއި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމެވެ.

އޭގެ ތެރެއިން މައުސޫމް ފިޔަވައި އެހެން ބޭފުޅަކު އަދި ރައީސްގެ ފަހަތްޕުޅަށް އަރާވަޑައިނުގަންނަވައެވެ.

ރިޔާސީ އިންތިޚާބުގައި އެމްޑީޕީއާ އެކު ކޯލިޝަން ހެދުމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީތަކަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ފޮނުއްވި ދައުވަތު މިހާތަނަށް ގަބޫކޮށްފައި ވަނީ އަދާލަތު ޕާޓީން އެކަންޏެވެ. މީގެ އިތުރުން ކުރިން އިދިކޮޅުގައި އޮތް މޯލްޑިވްސް ޑިވޮލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)އިން ވަނީ އެމްޑީޕީއާއެކު ކޯލިޝަން ހަދަން ނިންމާފައެވެ.

ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ ތެރެއިން އެމްއާރުއެމުން ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ނުކުތުމާ މެދުގައި އަދި މިހާތަނަށް ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ.

comment ކޮމެންޓް