ރަމަޟާން ކްރިކެޓް ކާނިވަލް: ގްރޫޕް ސްޓޭޖްގެ އެންމެ ފަހު މެޗްތައް މެރީ ކޯނާ އާއި އޭއާރުސީ ކާމިޔާބުކޮށްފި

ރަމަޟާން ކްރިކެޓް ކާނިވަލްގެ އޯޕަން މުބާރާތުގެ ތެރެއިން--- ފޮޓޯ/ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް

ރަމަޟާން ކުރިކެޓް ކާނިވަލްގެ އޯޕަން މުބާރާތުގައި މިއަދު ކުޅުނު މެޗްތައް މެރީ ކޯނާ އާއި އޭއާރުސީ ކާމިޔާބުކޮށްފިއެވެ.

ގްރޫޕް ސްޓޭޖްގެ އެންމެ ފަހު މެޗެއްގެ ގޮތުގައި މިއަދު އޮފްއެފްސީއާ ދެކޮޅަށް މެރީ ކޯނާ ކުޅުނު މެޗް މެރީ ކޯނާއިން ކާމިޔާބުކުރީ ވަރަށް ވާދަވެރި ކުޅުމަކަށްފަހު އެއް ލަނޑުގެ ތަފާތުންނެވެ.

ފުރަތަމަ މެޗްގައި ޓޮސް ދިމާވުމުން މެރީ ކޯނާ ކުޅެން އަރައި 8 އޯވަރު ހަމަވިއިރު، އެންމެ ކުޅުންތެރިއެއް ނުބައިވެގެން ހެދުނީ 140 ލަނޑެވެ. އެޓީމަށް އެންމެ ގިނަ ލަނޑު ހަދައިދިނީ 31 ލަނޑު ހެދި ހައިކަލް އާއި 35 ލަނޑުހެދި ހަސަން ހަނީފެވެ.

ޖަވާބުގައި އޮފްއެފްސީ ކުޅެން އަރައި 8 އޯވަރު ހަމަވިއިރު، އެންމެ ކުޅުންތެރިއެއް ނުބައިވެގެން އެޓީމަށް ހެދިފައިވަނީ 139 ލަނޑެވެ. އޮފްއެފްސީއަށް އެންމެ ގިނަ ލަނޑު ހަދައިދީފައިވަނީ ޔޫތް މިނިސްޓަރު އަހުމަދު މަހްލޫފެވެ. މަހްލޫފް ވަނީ 34 ހަދާފައެވެ.

މިއަދުގެ ދެވަނަ މެޗްގައި އޭއާރުސީ އާއި ކިންޒާ ބައްދަލުކުރިމެޗް އޭއާރުސީން ކާ،މިޔާބުކުރީ 77 ލަނޑުންނެވެ. ޓޮސް ދިމާވުމުން އޭއާރުސީ ކުޅެން އަރައި 8 އޯވަރުތެރޭ 3 ކުޅުންތެރިން ނުބައިވެގެން ވަނީ 149 ލަނޑު ހަދާފައެވެ. ޖަވާބުގައި ކިންޒާ ކުޅެން އަރައި 8 އޯވަރު ހަމަވިއިރު އެޓީމަށް ހެދުނީ 72 ލަނޑެވެ.

ރަމަޟާން ކްރިކެޓް ކާނިވަލްގެ އޯޕަން މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ކުޅުން މިއަދު ނިންމާލިއިރު، ސެމީފައިނަލް މެޗްތައް މާދަމާ ފަށާނެއެވެ. ފުރަތަމަ މެޗްގައި ބައްދަލުކުރާނީ ސުގަރ ކޯން އާއި އެމްއޭސީއެލްއެވެ. ދެވަނަ މެޗްގައި ބައްދަލުކުރާނީ އޭއާރުސީ އާއި މީޓިއޯސްއެވެ.

މާދަމާ ކުޅުމަށް ހަމަޖެހިފައިވާ ސެމީފައިނަލްގެ ފުރަތަމަ މެޗް ފެށުމަށް ހަމަޖެހިފައިވަނީ ކުޅިވަރު އެކުވެނި ކްރިކެޓް ދަނޑުގައި ހަވީރު 16:00 ގައެވެ.

comment ކޮމެންޓް