މައުސޫމްގެ ތާއީދު ވެސް ރައީސް ޞާލިހަށް

މައުސޫމްގެ ތާއީދު ރައީސަށް އޮތްކަން ހާމަކުރެއްވުމުގެ ގޮތުން މައުސޫމް ހިއްސާކުރެއްވި ފޮޓޯ --

ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވެސް ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް އިބްރާހީމް މުހައްމަދު ޞާލިހަށް ތާއީދުކުރައްވަން ނިންމަވައިފިއެވެ.

މި ކަމާ ގުޅިގެން ރަސްމީ ބަހެއް ހޯދައިލުމަށް "ސަން"އިން ގުޅައިލުމުން އޭނާ ވިދާޅުވީ އޭނާގެ ނިންމެވުން ރަސްމީކޮށް ފަހުން އިއުލާންކުރައްވާނެކަމަށެވެ. ނަމަވެސް އިތުބާރުހުރި މަސްދަރަކުން "ސަން"އަށް ކަށަވަރުވެފައިވާގޮތުގައި މިނިސްޓަރު މައުސޫމް ވަނީ ރައީސް ސޯލިހަށް ތާއީދުކުރައްވަން ނިންމަވާފައެވެ.

މައުސޫމަކީ ޖުމްހޫރީ ޕާޓީގައި ގިނަ ދުވަސްތަކެއް ޚިދުމަތް ކުރެއްވި ބޭފުޅެކެވެ. އޭނާ ރަސްމީކޮށް ޖޭޕީއިން ވަކިވެވަޑައިނުގެންނެވި ނަމަވެސް އެ ޕާޓީގެ ރަސްމީ ވަޓްސްއެޕް ގްރޫޕުން އޭނާވަނީ ނިކުމެވަޑައިގެންފައެވެ.

ސޯޝަލް މީޑިއާގައި ވެސް މައުސޫމްވަނީ އޭނާގެ ތާއީދު ރައީސަށް އޮތްކަން ހާމަކުރެއްވުމުގެ ގޮތުން ރައީސާއެކު ހުންނެވި ފޯޓޯއަކަށް ފޭސްބުކާއި ޓްވީޓާގެ ކަވާ ފޮޓޯ ބަދަލުކުރައްވައިފައެވެ.

ޖޭޕީ ސްލޮޓުތަކުގައި މިނިސްޓަރުންގެ ގޮތުގައި ތިއްބަވަނީ ތިން ބޭފުޅުންނެވެ. އެއީ މައުސޫމް ހިމެނޭހެން ގާސިމްގެ އަނބިކަނބަލުން އަދި ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ އާއި ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަނެވެ.

ނަހުލާއާއި ޑރ. ހުސައިން އަދި ތާއީދުކުރައްވާނެ ބޭފުޅަކު ހާމަނުކުރައްވައެވެ.

ޖޭޕީއިން ވަކިވެ ރައީސަށް ތާއީދުކުރެއްވި ބޭފުޅުންގެ ތެރޭގައި ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރާއި ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަންގެ މަގާމުގައި ހުންނެވި، މުހައްމަދު އަހްމަދު ހުސައިން (ހަނަފީ) ހިމެނެއެވެ.

އަދި ގާސިމްގެ ކުރީގެ އެޑްވައިޒަރު އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމާއި ޖޭޕީގެ ސްލޮޓެއްގައި އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރުކަން ކުރައްވައި ހަސަން ޝާހު ވެސް ހިމެނެއެވެ.

ހަމައެއާއެކު ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް ހުންނެވި އައިމިނަތު މުހައްމަދު ސަލީމް ވެސް ހިމެނެއެވެ.

comment ކޮމެންޓް