ޗައިނާ އެމްބަސީގައި 'އިންޑިއާ އައުޓު' ޖެހުމަށް ހުށަހެޅީ 10,000 ރުފިޔާއަށް!

'އިންޑިއާ އައުޓު' ހަރަކާތް ހިންގުމުގައި އިސްކޮށް އިދިކޮޅު ޕީޕީއެމްގެ އިސްވެރިން: ޗައިނާ އެމްބަސީގައި އިންޑިއާ އައުޓު ޖެހުމަށް 10،000 ރުފިޔާ ހުށަހެޅި ކަމަށް މީހަކު ވަނީ ބުނެފަ -- ސަން ފައިލް ފޮޓޯ/ މުހައްމަދު ހައްޔާން

މާލޭގައި ހުންނަ ޗައިނާ އެމްބަސީގެ ފާރުގައި 'އިންޑިއާ އައުޓު' ޖެހުމަށް 10,000 ރުފިޔާ ހުށަހެޅި ކަމަށް އެކަން ކުރަން ހުރި މީހާ ބުނެފިއެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރު ކޮށްފައިވަނީ ށ. ފޭދޫއަށް ނިސްބަތްވާ އުމުރުން 40 އަހަރުގެ ފިރިހެނެކެވެ.

ޗައިނާ އެމްބަސީގެ ފާރަށް ސްޕްރޭ ކުރަން ހުއްޓައި ހައްޔަރުކުރި އެ މީހާގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާ ވަނީ ތުހުމަތަށް އިއުތިރާފްވެފައެވެ.

އޭނާ ބުނީ އެކަން ކުރީ މުޒާހަރާއެއްގެ ތެރެއިން 'މުހައްމަދު' ނަމަކަށް ކިޔާ މީހަކު އޭނާއަށް ފައިސާ ހުށަހެޅުމުން ކަމަށެވެ.

އެގޮތުން މުޒާހަރާގެ ތެރެއިން ދިމާވި މުހައްމަދު އޭނާގެ އަތަށް ސްޕްރޭފުޅި އަކާއި ގަނޑުކޮޅެއް ދިނުމަށްފަހު, އޭގައިވާ ލިޔުންކޮޅު އޭނާ ބުނާ ފާރަކަށް ސްޕްރޭކޮށްދީފި ނަމަ 10,000 ރުފިޔާ ދޭނެ ކަމަށް ބުނި ކަމަށެވެ.

ފައިސާގެ ބޭނުމުގައި އޭނާ އެކަން ކުރަން ހުއްޓައި ފުލުހުން ހައްޔަރުކުރީ ކަމަށް ވެސް އޭނާ ބުންޏެވެ. އަދި ހަވާލުކުރި މަސައްކަތް އެއްކޮށް ނިންމާނުލެވުމުން ފައިސާ ވެސް ލިބިފައި ނުވާ ކަމަށް މުއްދަތު މަޖިލީހުގައި އޭނާ ބުނެފައިވެއެވެ.

"މި ހާދިސާގައި ސްޕްރޭކުރެވިފައިވަނީ ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީގެ ފާރުގައި. މިފަދައިން ދޭދޭ ގައުމުގެ އެމްބަސީތަކަށް ގެއްލުން ދިނުމަކީ އެކަމުގެ ނުރަނގަޅު އަސަރު ޖަމައީ ގޮތެއްގައި މުޅިގައުމަށް ކުރާނެފަދަ ކަންކަން," ގާޒީ ސަފްއަތު ހަބީބު ނެރުއްވި ކޯޓު އަމުރުގައި ބުނެފައިވެއެވެ.

ހައްޔަރު ރިކޯޑް ގިނަ އެ މީހާ ބުނީ އެކަންކުރިއިރު އޭނާ ހުރީ މަސްތުގެ ހާލަތުގައި ކަމަށެވެ. އަދި ކްރިމިނަލް ކޯޓުން އިއްޔެ ވަނީ އޭނާގެ ބަންދަށް ފަސް ދުވަސް އިތުރު ކޮށްދީފައެވެ.

'އިންޑިއާ އައުޓު' ހަރަކާތް ހިންގަމުން އަނަނީ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން އިސްނަގައިގެންނެވެ. އެ ހަރަކާތުގެ ތެރެއިން މީގެ ކުރިން ސިލްސިލާ މުޒާހަރާތަކެއް ކޮށްފައިވާއިރު މުދަލަށް ގެއްލުން ދިނުމުގެ ގިނަ މައްސަލަތަކަށް ވެސް ފެންމަތިވިއެވެ. އަދި ބައެއް މީހުން ހައްޔަރުކޮށް މައްސަލަ ތަހުގީގު ކުރަމުން ވެސް ދެއެވެ.

ފުލުހުން މީގެ ކުރިން ތުހުމަތުކުރި ގޮތުގައި 'އިންޑިއާ އައުޓު' ހަރަކާތް ހިންގުމުގައި އެންމެ އިސްކޮށް އުޅުއްވަނީ ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއީލްއެވެ.

comment ކޮމެންޓް