ފަތިހު ވެހުނު ވާރެއާއެކު މާލޭގައި ވަރަށް ބޮޑަށް ފެންބޮޑުވެއްޖެ

މަޖީދީ މަގުގައި ފެންބޮޑުވެފަ --

މިއަދު ފަތިހު މާލެއަށް ވެހުނު ވާރެއާއެކު ގިނަ މަގުތަކުގައި ފެންބޮޑުވެއްޖެއެވެ.

މާލޭގެ އިއްޒުއްދީން މަގާއި މަޖީދީމަގުގެ ބޮޑުބަޔަކާއި އަމީނީމަގުގައި މިހާރު ވަނީ ފެންހެދިފައެވެ. އަދި ފެން ބޮޑުވުމުގެ ސަބަބުން ބައެއް ފިހާރަތަކަށާއި ބައެއް ގޭގެއަށް ވެސް ވަނީ ފެންވަދެފައެވެ.

ފައިގެ ކަށިމައްޗާ ހަމައަށް ބައެއް މަގުތަކުގައި ފެންހެދިފައި ވާއިރު، މިކަމާ ގުޅިގެން ގިނަ ބަޔަކު ދަނީ މަގުތަކުގެ ފެންވަރު ދަށް ކަމަށް ބުނެ ފާޑުކިޔަމުންނެވެ.

މާލޭ މަގުތަކުގައި ފެން ބޮޑުވުމާ ގުޅިގެން މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، މާލޭގެ ބައެއް މަގުތަކުގައި ހަދާފައިވާ ސްޓޯމް ވޯޓާ ސިސްޓެމް ހުންނަނީ ނުޖައްސާ ކަމަށެވެ. އަދި ސްޓޯމް ވޯޓާ ސިސްޓަމް ޖައްސާފައި ވަނީ، މަގުތަކުގައި ފެންބޮޑުވުމުން ކަމަށް އޭނާ ވިދާޅުވިއެވެ.

"ދެން އެ ޖެއްސީމަ މިހާރު އެބަ ފެން ހިނދޭ ކޮންމެވެސް ވަރަކަށް،" މޭޔަރު ވިދާޅުވިއެވެ.

މީގެ އިތުރުން އޭނަ ވިދާޅުވީ، މާލޭގެ މަގުތައް ނެހެދި ގިނަދުވަސް ވަނީ މަގުތަށް ހަދަން ސިޓީ ކައުންސިލާ ހަވާލުކޮށްފައި ވަނިކޮށް އެ މަޝްރޫއު އަނބުރާ ގެންދިއުމުން ކަމަށެވެ. އަމީނީ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން ހަދާ ނިންމާފައިވާ ސަރަހައްދުގައި ވެސް ފެންބޮޑުވެފައި ވާކަން މޭޔަރު ފާހަގަކުރެއްވިއެވެ.

މިކަމާ ގުޅިގެން ޕްލޭނިން މިނިސްޓްރީގެ ބަހެއް ލިބޭގޮތް ވަނީ ނުވެފައެވެ. އަދި ފެން ހިންދުމަށް އެމްއެންޑީއެފުން ވެސް އަދި ހަރަކާތްތެރި ނުވާކަން ފާހަގަކުރެވެއެވެ.

މާލެއަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހެން ފަށާފައިވަނީ، މިއަދު ފަތިހު 5:00ހާއިރުން ފެށިގެންނެވެ. އަދި ހުއްޓާނުލާ ގިނަ އިރު ވަނީ ވާރޭ ވެހިފައެވެ.

މިކަމާ ގުޅިގެން މެޓް އޮފީހުން ބުނީ، މިއަދު ފަތިހު 05:00އިން ފެށިގެން 10:00އާ ހަމައަށް މާލެއަށް 87.8 މިލިމީޓަރުގެ ވާރޭ ވެހިފައި ވާކަމަށެވެ. އަދި ހުޅުލެއަށް 48.5 މިލިލީޓަރުގެ ވާރޭ ވެހިފައިވާ ކަމަށެވެ.

މިއަދު ކ. އަތޮޅުން ފެށިގެން ވ. އަތޮޅަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް މެޓް އޮފީހުން ވަނީ ހުދު ސަމާލު ވެސް ނެރެފައެވެ. ހުދު ސަމާލު ނެރެފައި ވަނީ، މިއަދު ހެނދުނު 08:00އިން ފެށިގެން މެންދުރު 12:00އާ ހަމައަށެވެ.

މެޓް އޮފީހުން ބުނި ގޮތުގައި މިއަދު އެ ސަރަހައްދަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނަކަމަށް ލަފާކުރެވެއެވެ. ނަމަވެސް އުތުރާއި ދެކުނުގެ ރަށްތަކަށް މިއަދު މޫސުން ރަނގަޅުވާނެކަމަށް މެޓް އޮފީހުން ބުންޏެވެ.

comment ކޮމެންޓް