އެސްޓީއޯގެ ބޯޑު ޑިރެކްޓަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

އެސްޓީއޯ ހެޑް އޮފީސް--- ފޮޓޯ/ ސަން ފައިލް ފޮޓޯ

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ޑިރެކްޓަރުންގެ ބޯޑުގައި ޕަބްލިކް ހިއްސާދާރުން ތަމްސީލްކުރުމަށް، ބޯޑަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.

އެސްޓީއޯގެ އިއުލާނެއްގައިވާ ގޮތުން، އެ ކުންފުނީގެ ހިއްސާ ބެހިފައިވާ ގޮތުން ބޯޑު ޑިރެކްޓަރު ކަމަށް އާންމު ހިއްސާދާރުންގެ ފަރާތުން އެއް ޑިރެކްޓަރަކު އައްޔަނު ކުރަން ޖެހެއެވެ. އެހެންކަމުން އެ މަގާމަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލައި، ކުރިމަތިލާ މީހުންގެ ހުންނަންވާ ޝަރުތުތައް ވެސް ވަނީ އިއުލާންކޮށްފައެވެ.

އެގޮތުން އެ މަގާމަށް ކުރިމަތިލާން އެދޭ މީހަކީ ކުންފުނީގެ ހިއްސާދާރަކަށް ވާން ޖެހެއެވެ. އަދި އެއީ ދިވެހި ރައްޔިތަކަށް ވުމާއެކު އުމުރުން 30 އަހަރު ވެފައިވާ މީހަކަށް ވާންޖެހެއެވެ.

އޭގެ އިތުރުން، އެ މީހަކީ ވިޔަފާރިއާ ގުޅުންހުރި ދާއިރާއަކުން ބައިނަލްއަގްވާމީ ޔުނިވަސިޓީއަކުން ދަށްވެގެން ފުރަތަމަ ޑިގްރީ ފެންވަރުގެ ސަނަދަކާއެކު ފަސް އަހަރުގެ އަމަލީ ތަޖުރިބާ ހުރި މީހަކަށް ވާން ޖެހެއެވެ. ނުވަތަ އެއީ ޑިޕްލޮމާ ފެންވަރުގެ ސަނަދަކާއެކު މަދުވެގެން 10 އަހަރުގެ އަމަލީ ތަޖުރިބާ ލިބިފައިވާ މީހަކަށް ވާން ޖެހޭ ކަމަށް އެސްޓީއޯއިން ބުނެއެވެ.

ބައެއް އިތުރު ޝަރުތުތަކުގެ ތެރޭގައި، ކުންފުނީގެ ވިޔަފާރިއާއި ވިޔަފާރީގެ ދާއިރާތަކާ ބެހޭ ގޮތުން އަހުލުވެރި ފަރާތަކަށް ވުން ހިމެނެއެވެ. އަދި މާލީ ރިޕޯޓްތައް އެނަލައިޒްކުރުމުގެ ގާބިލްކަން ލިބިފައިހުރި މީހަކަށް ވާންޖެހެއެވެ.

ހަމައެހެންމެ، ކުންފުނީގެ ކަންކަމަށާއި ޑިރެކްޓަރުންގެ ބޯޑުގެ ޖަލްސާތަކަށް އެކަށީގެންވާ ވަގުތު ދެވޭނެ، ކެރި ކުޅަދާނަވެގެންވާ މީހަކަށް އެ މަގާމަށް ކުރިމަތިލާ މީހާ ވާން ޖެހޭނެ ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެއެވެ.

އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލުމަށް އެދި ފޯމާއި ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފޮނުވަން ޖެހޭނީ އީމެއިލް ނުވަތަ އެ ކުންފުނީގެ ވެބްސައިޓްގައި ގާއިމްކޮށްފައިވާ ޕްލެޓްފޯމް މެދުވެރިކޮށެވެ. ފޯމް ހުށަހެޅުމުގެ ސުންގަޑިއަކީ މި މަހުގެ 24 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00އެވެ.

އެސްޓީއޯއިން ވަނީ އެ މަގާމަށް އަންހެން ބޭފުޅުން ކުރިމަތިލުމަށް ބާރުއަޅާކަމަށް ބުނެފައެވެ. އަދި ޑިރެކްޓަރުންގެ ބޯޑުގައި ސަރުކާރު ތަމްސީލްކުރާ ޑިރެކްޓަރުން ނޮމިނޭޓް ކުރުމަށް އެދި ޕީސީބީއަށް ނޯޓިސް ހުށަހަޅާފައިވާ ކަމަށް އެސްޓީއޯއިން ބުންޏެވެ.

ގުޅޭ ޓެގު
comment ކޮމެންޓް