ހިޔާ ފްލެޓްތަކުގެ ކުލި 4،000 އަށް ކުޑަކޮށްދޭން ނާޒިމް ވައުދުވެއްޖެ

(އެމްއެންޕީގެ ރައީސް މުޙައްމަދު ނާޒިމް -- ސަން ފޮޓޯ/ ނާއިލް ހުސައިން

އޭނާގެ ސަރުކާރެއްގައި ހިޔާ ފްލެޓްތަކުގެ ކުލި 4،000 ރުފިޔާއަށް ކުޑަކުރައްވާނެ ކަމުގައި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް ކާނަލް ރިޓަޔާޑް މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

އެމްއެންޕީގެ ކްލަބްހައުސް އިވެންޓް ސިލްސިލާގެ ރޭގެ އެޕިސޯޑްގައި ބައިވެރިޔަކު ކުރި ސުވާލަށް ޖަވާބުދެއްވަމުން ނާޒިމް ވިދާޅުވީ ހިޔާ ފްލެޓްތަކުގެ ވެރިން ދިރިއުޅުމަށްޓަކައި މިހާރު ކޮންމެ މަހަކު ދައްކަންޖެހެނީ ޖުމްލަ 8،500 ރުފިޔާ ކަމަށެވެ. އަދި އެ ކުއްޔަކީ މާ ބޮޑު އަދަދެއް ކަމުގައި ހިޔާ ފްލެޓްތަކުގެ ވެރިން ބުނަމުން ގެންދާކަން ނާޒިމް ފާހަގަ ކުރެއްވިއެވެ.

ހިޔާ ފްލެޓްތަކުގެ ކުލި 4،000އަށް ކުޑަކުރައްވާނެ ގޮތުގެ ތަފުސީލް ދެއްވަމުން ނާޒިމް ވިދާޅުވީ އެކަން ކުރާނީ ހިޔާފްލެޓް ހެދުމަށް ނަގާފައިވާ ލޯނު ރީސްޓްރަކްޗާ ކޮށްގެން ކަމަށެވެ.

ހިޔާ ފްލެޓްތަކުގެ ކުލި ބޮޑުވެގެން އެ ފްލެޓްތަކުގެ ވެރިން 2021 ވަނަ އަހަރު ވަނީ ސުލްހަވެރިކަމާއެކު އިޖުތިޖާޖުކޮށްފައެވެ. އެ ދުވަހު ސަރުކާރަށް ގޮވާލާފައި ވަނީ ކުލި 5،000 ރުފިޔާއަށް އަދި މެއިންޓަނަންސް ފީ 600 ރުފިޔާއަށް ކުޑަކޮށްދިނުމަށެވެ.

މިއަހަރުގެ ސެޕްޓެމްބަރު ނުވަ ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި އެމްއެންޕީގެ ޓިކެޓްގައި ވާދަކުރައްވާ ނާޒިމް ވިދާޅުވީ އޭނާގެ ސަރުކާރެއްގައި ކަނޑައަޅާ ވަކި ރަށްރަށަކުން ގެސްޓް ހައުސް ހަދަން ބިން ދިނުމުގެ ބަދަލުގައި އެ ރަށްރަށުން ގެސްޓް ހައުސް ވިޔާފާރި ކުރުވާނީ އެ ތަންތަން އިމާރާތްކޮށް ދިނުމަށް ފަހު ކަމަށެވެ.

"ހަތަރު ބުރި، ފަސް ބުރީގެ ގެސްޓް ހައުސް ހަދާފައި ޒުވާނުންގެ އަތަށް ތަޅުދަނޑި ދީފައި ބުނާނީ ދެން ވިޔަފާރިކޮށްފައި ލިބޭ އެއްޗަކުން ދައްކާށޭ،" ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ، އާސަންދަ ހޯދަން އަދިވެސް ޖެހެނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ބޭސް ފަރުވާ އަށް ރިޔާސީ ގަނޑުވަރު، ތީމުގެ އިން ދޭ އެހީ ހޯދަން ސަލާން ޖަހާ އުސޫލުން ކަމަށެވެ.

އޭނާ ވިދާޅުވީ އެއްވެސް ސަރުކާރެއްގައި އެކަމަށް ބޭނުންވާ ޢަމަލީ ސިފަ ގެނެވިފައި ނެތް ކަމަށެވެ.

އެހެންވެ، އޭނާގެ ސަރުކާރެއްގައި ރާއްޖެ އާއި ރާއްޖެ އިން ބޭރުގެ ހޮސްޕިޓަލްތަކުން ހިދުމަތް ހޯދުމަށް ތައާރަފު ކުރާނީ އިންޝުއުރެންސް ކާޑެއް ކަމުގައި ނާޒިމް ވިދާޅުވިއެވެ.

"އެ ކާޑު ހިފައިގެން ދިއުމުން މީހެއް ކައިރިއަކަށް ދާކަށް ނުޖެހޭނެ. އެހިސާބުން ފެށިގެން ސަލާން ޖެހުން އެ ނިމުނީ. އެ މީހަކަށް އެ ބޭނުންވާ ފަރުވާ ރާއްޖެ އާއި ރާއްޖެއިން ބޭރުން ހަމަޖެހިގެން ދާނެ،" ނާޒިމް ވިދާޅުވި އެވެ.

comment ކޮމެންޓް