މީގެ 28 އަހަރު ކުރިން މިއަދަކީ ދިވެހި ގައުމަށް ޚާއްސަ ދުވަހެކެވެ. ރާއްޖޭގައި ކުންފުންޏަކުން ފެން އުފައްދައި އަދި ފެން މެނޭޖް ކުރުމުގެ ނިޒާމް ފެށި ދުވަހަކީ އެދުވަހުއެވެ. އެދުވަހު ފެށި ފަޙްރުވެރި މަސައްކަތަށް މިއަދަކުވެސް ހުއްޓުމެއް ނާދެއެވެ. އެ ދުވަހުއްސުރެ، ޒަމާނާ އެއްގޮތަށް ބަދަލުވަމުން އައިސް، މިއަދު މާލޭ ވޯޓާ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އަކީ ރާއްޖޭގެ އެންމެ ކާމިޔާބު އަދި އެންމެ ބޮޑު އެއް ކުންފުންޏެވެ. އެކަން މިއަދު އެކުންފުނިން ކާމިޔާބުކުރީ ރައްޔިތުންގެ "އެކުވެރިޔާ" ގެ ގޮތުގައި ދެމި ތިބެގެންނެވެ.
އެމްޑަބްލިއުއެސްސީ އުފެދެން ދިމާވި މައިގަނޑު މަގްސަދު އެކުންފުންޏަަށް ވަރަށް ސާފެވެ. އެއީ އޭރު މާލެއަށް ދިމާވެފައިވާ ފެނާއި ނަރުދަމާގެ މައްސަލައަށް ހައްލެއް ހޯދައި، ދެމެހެއްޓެނިވި ސާފު ބޯފެން ރައްކާތެރި ނަރުދަމާގެ ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުމަށެވެ. އެ މަސައްކަތުގެ ދަތުރުގައި އެކުންފުނިން ފުރިހަމަ ކުރި 28 އަހަރުގެ ތެރެއިން ނިމިދިޔަ އަހަރަކީ އެކުންފުންޏަށް ޚާއްސަ އަހަރެކެވެ.
އެގޮތުން ނިމިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ އަށް ވަނަ ދުވަހު، ކުލަގަދަކޮށް އެކުންފުނިން ތަޢާރަފްކުރި "އާރޯ" ފެންފުޅި ފާހަގަކޮށްލެވެއެވެ. ރާއްޖޭގެ ސްލޯގަން "ސަނީ ސައިޑް އޮފް ލައިފް" ހާމަކޮށްދޭ މި ފެންފުޅިއަކީ ރާއްޖޭގެ ގުދުރަތީ ރީތިކަމާއި މުއްސަނދިކަން ހާމަކޮށްދޭ ފުޅިއެކެވެ. މި ފުޅި ރަސްމީކޮށް އިފްތިތާޙްކޮށްދެއްވި ހަފުލާގައި ވާހަކަފުޅު ދައްކަވަމުން އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝަހު ފާހަގަކުރެއްވި ބީދައިން، އެ ފުޅިން ރަމްޒުކޮށްދެނީ "މޯލްޑިވްސް އިން އަ ބޮޓޮލް"އެވެ.
ރާއްޖޭގެ ފުރަތަމަ ޕްރިމިއަމް ވޯޓަރ ބްރޭންޑް "އާރޯ" ލޯންޗް ކުރުމުގެ ހަފްލާގެ ތެރެއިން. މި ފުޅި އަކީ އެމްޑަބްލިއުއެސްސީގެ ބްރޭންޑެއް --- ނާއިލް ހުސައިން
"އާރޯ" އަކީ ރާއްޖޭގެ ކުންފުންޏަކުން އުފެއްދި އެންމެ ފުރަތަމަ ޕްރިމިއަމް ފެންފުޅީގެ ބްރޭންޑަށް ވީއިރު، އެކަން އެމްޑަބްލިއުއެސްސީ އިން ޙާސިލްކުރީ ފަޚްރުވެރިކަމާއެކުއެވެ. އެކަން އެކުންފުނިން ދެކެނީ ޒަމާނީ ތަރައްގީގެ މަސައްކަތްތަކަށް އެކުންފުންޏަށް އިތުރުވި ނުހަނު މުހިއްމު ބޮޅެއްގެ ގޮތުގައެވެ.
ޒަމާނީ ތަރައްގީގެ މަސައްކަތްތަކަށް އެމްޑަބްލިއުއެސްސީގެ ފަރާތުން ދޭ އަހައްމިއްޔަތު ހާމަވާ އެންމެ މުހިއްމު އިތުރު ކަމަކީ، މި އަހަރުގެ ތެރޭގައި އެކުންފުނިން ތަޢާރަފްކުރި ލެބޯޓަރީގައި ބޭނުންކުރާ އިކުއިޕްމަންޓްތައް ޓެސްޓުކޮށް ކެލިބަރޭޓް ކޮށްދިނުމުގެ ޚިދުމަތެވެ.
ބައިނަލްއަގްވާމީ މިންގަނޑުތަކާ އެއްގޮތަށް ލެބް އިކުއިޕްމެންޓްތަކުގައި ކޮންމެހެން ހުރުން ލާޒިމް ކަންކަން ހުރިތޯ ޔަގީން ކުރުމުގެ މަގްސަދުގައި އެކުންފުނިން ތަޢާރަފްކުރި މި ޚިދުމަތަކީ އެމްޑަބްލިއުއެސްސީ އަދި އެނޫންވެސް ކުންފުނިތަކުން ފޯރުކޮށްދޭ ފެން ތަޙްލީލުކޮށް، ފެނުގައި ހުންނަ މިންގަނޑުތައް ކަށަވަރުކުރުމުގައި ބޭނުންކުރާ އިކުއިޕްމަންޓުތައް ރަނގަޅުކަން ކަށަވަރުކޮށްދޭ މުހިއްމު ޚިދުމަތެކެވެ.

ލެބް އިކުއިޕްމަންޓް ކެލިބަރޭޝަންގެ ޚިދުމަތް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ފައްޓަވައިދެއްވަނީ -- ފޮޓޯ/ އެމްޑަބްލިއުއެސްސީ
މި ޚިދުމަތުން ވެސް ފާހަގަވި އެންމެ މުހިއްމު ކަމަކީ އެކުންފުނިން ފޯރުކޮށްދޭ މި ޚިދުމަތުގައި، އެކަމުގެ ތަޖުރިބާ އާއި ފަންނު ދެވިފައިވާ ދިވެހި މުވައްޒަފުން އެ ޚިދުމަތް ފޯރުކޮށްދިނުމުގައި އުޅޭ ކަމެވެ.
މިބީދާއިން، އެމްޑަބްލިއުއެސްސީ އަށް 28 އަހަރު ފުރުނުއިރު، އެކުންފުނީގެ އެންމެ މުހިންމު ރައުސުލްމާލަކީ ވެސް އެކުންފުނީގެ މުވައްޒަފުންނެވެ. އެގޮތުން އެ މުވައްޒަފުންނަކީ އެކުންފުނީގެ މަސައްކަތްތަކަށް އަހުލުވެރި، ފަންނުވެރި އަދި ތަޖުރިބާ ލިބިފައިވާ ބަޔަކަށް ހެދުމަށް އެކުންފުނިން ގިނަ މަސައްކަތްތަކެއް ކޮށްދޭކަމީ ފާއިތުވި އެއް އަހަރު ދުވަހުގެ ތެރޭގައި ފެނުނު މުހިއްމު ކަމެކެވެ.
މިގޮތުން، ފަންނީ ދާއިރާތަކުން އެކުންފުނީގެ މުވައްޒަފުން ބިނާ ކުރުމަށް އެމްޑަބްލިއުއެސްސީއިން މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ) އާ އެކު ވެސް ސޮއި ކުރިއެވެ. މި އެއްބަސްވުމުގެ ދަށުން، އެމްޑަބްލިއުއެސްސީގެ މުވައްޒަފުން އެކި ދާއިރާތަކުން ބިނާކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، މުވައްޒަފުން ބިނާކުރަން ބޭނުންވާ ތަފަތު ފަންނުގެ ކުރު ކޯސްތައް އެމްއައިޓީއިން ދަނީ ހިންގަމުންނެވެ.

އެމްޑްބްލިއުއެސްސީ އާއި އެމްއައިޓީއާ ދެމެދު ފަހުމުނާމާގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ އެމްޑަބްލިއުއެސްސީ
މިއީ އެމްޑަބްލިއުއެސްސީ އިން އެކުންފުނީގެ މުވައްޒަފުންނަކީ ފަންނުވެރި ބަޔަކަށް ހެދުމަށް ކޮށްދޭ މަސައްކަތްތަކުގެ ކުޑަ މިންވަރެއް ކަން ގައިމެވެ.
ދިވެހީންގެ އެންމެ އެކުވެރި އެމްޑަބްލިއުއެސްސީ އަށް 28 އަހަރު ފުރުނުއިރު، މިއަދު އެކުންފުންޏަކީ ރާއްޖެ މިއަދު މިދެކޭ ޒަމާނީ ތަރައްގީގައި ކުލަ ޖެހުމުގައި ނުހަނު އިސް ދައުރެއް އަދާކުރި ކުންފުންޏެކެވެ. އެކަމުގެ މައިގަނޑު އެއް ނާރެހެވެ. އެކަން އެކުންފުނިން ސާބިތުކޮށްދެނީ، އެކުންފުނިން ފޯރުކޮށްދޭ އެންމެ ފުރިހަމަ ޚިދުމަތްތަކުންނެވެ.