ޖުމްހޫރީ ޕާޓީގެ ދާއިރާ ރައީސުންނަށް ވުމުގެ ފުރުސަތު ހުޅުވާލައިފި

އެންމެފަހުން ބޭއްވި ޖުމްހޫރީ ޕާޓީގެ ކައުންސިލް ބައްދަލުމުގެ ތެރެއިން--- ފޮޓޯ/ޖޭޕީ

ޖުމްހޫރީ ޕާޓީގެ ފަރާތުން ދާއިރާތަކުގެ ރައީސުން ހޮވުމަށް އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފިއެވެ.

ޖުމްހޫރީ ޕާޓީގެ މައި އޮފީސް، މ.ކުނޫޒްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޖުމްހޫރީ ޕާޓީގެ ލީޑަރު، ގާސިމް އިބްރާހިމްގެ ސްޕެޝަލް އެންވޯއީ އިލްހާމް އަހުމަދު ވިދާޅުވީ، ދާއިރާތަކުގެ ރައީސުންގެ ގޮތުގައި ކުރިމަތިލާން އެދޭ ފަރާތްތަކަށް އޭޕްރިލް މަހުގެ 20 ވަނަ ދުވަހުގެ 15:00 އާ ހަމަޔަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އިލްހާމް ވިދާޅުވީ، ދާއިރާތަކުގެ ރައީސުންގެ ގޮތުގައި ހުށަހަޅާ ފަރާތްތަކުން ޕާޓީއަށް ސޮއިކުރަން ޖެހޭނޭކަމަށާއި، ކުރިއަށްއޮތް ތަނުގައި ދާއިރާތަކުގެ ރައީސުން ވެގެންދާނީ ޖުމްހޫރީ ޕާޓީގެ ކައުންސިލް ތަމްސީކުރައްވާ މެމްބަރުން ގޮތުގައި ކަމަށެވެ.

"މުސްތަޤުބަލުގައި މި 87 ދާއިރާގެ ރައީސުން ވެގެންދާނީ ޖުމްހޫރީ ޕާޓީގެ ކައުންސިލް ތަމްސީލްކުރައްވާނޭ މެމްބަރުންނަށް. އެބޭފުޅުންނަށް ލިބިގެންދާނެ ކައުންސިލް މެމްބަރުންގެ ހައްޤުތައް. ދާއިރާތަކުގެ ރައީސުންނަކީ ޖުމްހޫރީ ޕާޓީއަށް ވަރަށް މުހިއްމު ބަޔަކަށް ވެގެންދާނެ" އިލްހާމް ވިދާޅުވިއެވެ.

އިލްހާމް ވިދާޅުވީ ސިޔާސީ މަސައްކަތް ކުރައްވަން ބޭނުންފުޅުވާ ފަރާތްތަކަށް ޖުމްހޫރީ ޕާޓީގެ މި ޕްލެޓްފޯމަކީ ވަރަށް އެކަށީގެންވާ ޕްލެޓްފޯމަކަށް ވެގެންދާނޭ ކަމަށެވެ.

ކުރިއަށް އޮތީ ރިޔާސީ އިންތިހާބުކަމުން، ރިޔާސީ އިންތިހާބަށް ޖުމްހޫރީ ޕާޓީގެ ފަރާތުން މެނިފެސްޓޯ ތައްޔާރުކުރާއިރު، ދާއިރާގެ ރައީސުންގެ ފަރާތުން ވަރަށްބޮޑު އެއްބާރުލުމެއް ބޭނުންވާނެއެވެ. ސަބަބަކީ ދާއިރާތަކުގައި ހުރި މައްސަލަތައް އެންމެ ރަނގަޅަށް އެނގޭނީ އެބޭފުޅުންނަށް ކަމަށް އިލްހާމް ފާހަގަކުރެއްވިއެވެ.

ޖުމްހޫރީ ޕާޓީގެ ފަރާތުން ދާއިރާގެ ރައީސްކަމަށް އެދޭ ފަރާތްތަކުން 50 މީހުންގެ ތާއީދު އޮތްކަމުގެ ސޮއި ބޭނުންވެއެވެ.

އިލްހާމް ވިދާޅުވީ ޖުމްހޫރީ ޕާޓީން ކުރިއަށް ދާނީ ވަކި އާއިލާއަކަށް ވަކި ރަށަކަށް އަދި ވަކި އަތޮޅެއް ތަފާތު ކުރުމެއް ނެތި ކަމަށާއި، ޖޭޕީއަށް ވަންނަ ހުރިހާ ރައްޔިތުންނަށް ވެސް ހަމަހަމަ ކަމާއިއެކު ސިޔާސީ މައިދާނުގައި ކުރިއަށްދިއުމަށް ފުރުސަތު ލިބިގެންދާނޭ ކަމަށެވެ.

comment ކޮމެންޓް