އިންތިޚާބު އަހަރު ޒަކާތު ފަންޑުން ބޭހަށް މާ ބޮޑު ޚަރަދެއް: ކޮރަޕްޝަންގެ ތުހުމަތު

އިސްލާމިކް މިނިސްޓްރީ -- ފޮޓޯ/ ޕީއެސްއެމް

އެންމެ ފަހު، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އޮތް 2019ވަނަ އަހަރު ޒަކާތު ފަންޑުން ފުދުންތެރިކަން ނެތް ފަރާތްތަކުގެ ބޭސް ފަރުވާއަށް މާ ބޮޑު ހޭދައެއް ކޮށްފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީގެ ހިސާބުތައް ދެއްކުމުން އެއީ ކޮރަޕްޝަން ކަމަށް ތުހުމަތު ކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވަނީ ސިއްހީ ދާއިރާގެ ޚިދުމަތްތަކަށް ޒަކާތު ފަންޑުން ޚަރަދު ކުރާތީ އެ ކަމަށް ޚަރަދުވީ އަދަދުތަކުގެ ތަފުސީލު ހޯދަން އެދިފައެވެ.

އޭނާގެ ސުވާލަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ލިޔުމުން ފޮނުވި ޖަވާބުގައި ބުނެފައިވަނީ ފުދުންތެރިކަން ނެތް ފަރާތްތަކުގެ ބޭސް ފަރުވާއަށް ޒަކާތު ފަންޑުގައި ހިމެނޭ ފަޤީރުންނާއި މިސްކީނުންގެ ބައިން ޚަރަދު ކުރާ ކަމަށެވެ. އަދި، އެކަމަށްޓަކައި މިދިޔަ 2019ވަނަ އަހަރާއި 2020ވަނަ އަހަރާއި އަދި 2021ވަނަ އަހަރު 36 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށެވެ.

މިގޮތުން، އިސްލާމިކް މިނިސްޓްރީން ހިއްސާކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، 2019ވަނަ އަހަރު ޒަކާތު ފަންޑުން ބޭސް ފަރުވާއަށް 22.6 މިލިއަން ރުފިޔާ ޚަރަދު ކޮށްފައިވެއެވެ. އެކަމަކު، ޖެހިގެން އައި 2020ވަނަ އަހަރު އެ ކަމަށް ހޭދަ ކޮށްފައިވަނީ ހަ މިލިއަން ރުފިޔާއެވެ. އަދި، 2021ވަނަ އަހަރު ޒަކާތު ފަންޑުން ބޭހަށް ޚަރަދު ކޮށްފައިވަނީ ހަތް މިލިއަން ރުފިޔާއެވެ. އެއީ، ތިން އަހަރުން ޖުމުލަ، 36 މިލިއަން ރުފިޔާއެވެ.

އެކަމާ ގުޅިގެން "ސަން"އާ ވާހަކަދައްކަވަމުން ބޮންޑޭ ވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އޮތް އަހަރު ޒަކާތު ފަންޑުން ބޭސް ފަރުވާއަށް އެހާ ބޮޑު ހޭދައެއް ކުރުމުގެ ފަހަތުގައި ކޮރަޕްޝަން އޮތް ކަމަށް ތުހުމަތު ކުރައްވައިފައެވެ.

"ޒަކާތު ފަންޑު ބޭނުން ކުރަނީ ސިޔާސީ ކަންކަމަށް. ޕާޓީ މީހުންނަށް ގިނައިން، ޕާޓީ ނޫން މީހުންނަށް މަދުން ދޭ ކަމުގެ ޝަކުވާތައް ލިބޭ،" އޭނާ ތުހުމަތު ކުރެއްވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ---ފޮޓޯ: މަޖިލިސް

އޭނާ ވިދާޅުވީ މަޖިލީސް އިންތިޚާބު އޮތް އަހަރު ޒަކާތު ފަންޑުން އެހާ ބޮޑު ހޭދައެއް ބޭސް ފަރުވާއަށް ކޮށްފައި ޖެހިގެން އައި ދެ އަހަރު އެ އަދަދުތައް މާ ބޮޑަށް ދަށްވެފައިވާ ކަމަށެވެ. އެހެންވެ، ޒަކާތު ފަންޑުން ކޮރަޕްޝަން ހިންގި ކަމަށް އޭނާ ވަނީ ތުހުމަތު ކުރައްވައިފައެވެ.

އެކަމަކު، މިއަދު ބޮންޑޭއަށް ފޮނުއްވި ޖަވާބުގައި މިނިސްޓަރު ވިދާޅުވެފައިވަނީ ޒަކާތު ފަންޑުން ބޭސް ފަރުވާއަށް އެހީ ވަނީ ފުދުންތެރިކަން ނެތް މީހުންނަށް އެ ފަންޑުން ބޭސް ފަރުވާގެ އެހީ ދިނުމުގެ އުސޫލުގެ ދަށުން ކަމަށެވެ.

ބޭސް ފަރުވާގެ އިތުރުން، މިސްކިތްތައް އާބާތުރަ ފިލުވުމާއި ތައުލީމީ ކަންކަމަށް ވެސް އެ ފަންޑުން ޚަރަދު ކުރެއެވެ.

comment ކޮމެންޓް