ދިވެހި މީޑިއާތަކުގެ ދަފްތަރެއް އެކުލަވާލުމަށްޓަކައި މީޑިއާތަކުގެ ދަފްތަރު ބެލެހެއްޓުމުގެ އުސޫލެއް މޯލްޑިވްސް މީޑިއާ ކައުންސިލުން މިއަދު ގެޒެޓުކޮށްފިއެވެ.
މޯލްޑިވްސް މީޑިއާ ކައުންސިލުގެ އުސޫލުގައި ބުނެފައިވަނީ، މިފަދަ އުސޫލެއް އެކުލަވާލުމުގެ މައިގަނޑު މަޤްސަދަކީ ބެލެނިވެރިފަރާތުގެ ހައިސިއްޔަތުން ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ނޫސް މަޖައްލާތަކުގެ ދަފްތަރު ބެލެހެއްޓުން ކަމަށެވެ.
މީޑިއާ ކައުންސިލުން ބުނެފައިވާ ގޮތުގައި، ކަނޑައެޅިފައިވާ ވަކި ނިޒާމެއްގެ ތެރެއިން ރާއްޖޭގެ މީޑިއާތައް ދަފްތަރުކޮށް މިހާތަނަށް ބެލެހެއްޓިފައި ނެތުމުގެ ސަބަބުން މީޑިއާތަކާއި ގުޅޭ މައްސަލަތަކާއި މަސައްކަތްތައް ކުރިއަށްގެންދިއުމަށް ދަތިތަކާއި ކުރިމަތިލާން ޖެހެއެވެ. އަދި މިފަދަ އުސޫލެއްގެ ސަބަބުން މިހާރު ކުރިމަތިވަމުންދާ އެފަދަ ދަތިތަކަށް ހައްލުވެގެން ދާނޭ ކަމަށް އެ ކައުންސިލުން ބުންޏެވެ.
މީޑިއާގެ ދަފްތަރެއް އެކުލަވާލައި ބެލެހެއްޓުމުގެ އުސޫލުގެ ދަށުން ޤަވާއިދުން ހިންގަމުންދާ މީޑިއާތަކާއި ހިންގަމުން ނުދާ މީޑިއާތައް ދެނެގަނެވޭނެ ނިޒާމެއް ޤާއިމްކުރެވިގެންދާނެއެވެ. އަދި މި އުސޫލުގެ ދަށުން އެކުލަވާލާ ދަފްތަރުގައި ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ މީޑިއާތަކުގެ ތެރެއިން ޚިދުމަތް ދެމުންދާ މީޑިއާތަކާއި، ރަޖިސްޓްރީކޮށްފައި ވީނަމަވެސް ހިންގަމުން ނުދާ މީޑިއާތައް އެނގޭނޭހެން ވަކިވަކިން ނުވަތަ އެއްކޮށް އާންމުކުރަން ޖެހެއެވެ.
މީޑިއާތަކުގެ ދަފްތަރު މޯލްޑިވްސް މީޑިއާ ކައުންސިލްގެ ސެކްޓޭރިއެޓުން ބަލެހެއްޓުމަށް ހަމަޖެހިފައިވާއިރު، މަދުވެގެން ކޮންމެ ތިން މަހަކުން އެއްފަހަރު މި ދަފްތަރު އަދާހަމަކުރަން ޖެހެއެވެ. އަދި މި ދަފްތަރު މޯލްޑިވްސް މީޑިއާ ކައުންސިލްގެ ވެބްސައިޓުގައި އާންމުކޮށް ފެންނާނޭގޮތަށް ޝާއިއު ކުރަންޖެހެއެވެ.
މިއީ ރާއްޖޭގައި މީޑިއާތަކުގެ ދަފްތަރެއް އާންމުކޮށް އެނގޭނެހެން އެކުލަވާލާ ފުރަތަމަ ފަހަރެވެ.