އެކަކަށް ސިމް ނެގޭ މިންވަރު މޭ މަހު ކަނޑައަޅަނީ

އެކަކަށް މޯބައިލް ސިމް ނެގޭ މިންވަރު ކަނޑައެޅުމުގެ މަސައްކަތް މި އަހަރުގެ މޭ މަހުގެ ތެރޭގައި ފަށާނެ ކަމަށް، ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް)އިން މިއަދު ބުނެފިއެވެ.

ރާއްޖޭގައި ސްކޭމް ކޯލްތައް އިތުރު ވާ މައްސަލަ ދިރާސާ ކުރަން ކުރާ މަސައްކަތުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމެޓީން މިއަދު ވަނީ ކޭމްގެ އިސްވެރިން ކޮމެޓީއަށް ހާޒިރުކޮށްފައެވެ. ކޭމްގެ ޗީފް އެގްޒެކެޓިވް އިލްޔާސް އަހުމަދު މިއަދު ވިދާޅުވީ އެކަކަށް ސިމް ނެގޭ މިންވަރު ކަނޑައެޅުމުގެ މަސައްކަތް އެންމެ ލަސްވެގެން މި އަހަރުގެ މޭ މަހު ފަށާނެ ކަމަށެވެ.

މިގޮތުން، އެކަކުގެ ނަން މަތީގައި މާ ގިނަ ސިމް ނަގާފައި ހުރި ކަމަށް ފާހަގަކުރެވޭ ކަމަށާއި އެ ފަދަ މީހުންގެ މައްސަލަތައް މޭ މަހުގެ ނިޔަލަށް ހަމައަކަށް އެޅުވުމަށް މަސައްކަތް ކުރާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"މޭ މަހުން ފެށިގެން އެންމެ ލަސްވެގެން މަސައްކަތް ފެށޭނެ، އޭގެ ފަހުން ތިން މަސް ދުވަހުގެ ތެރޭގައި ސިމް ކަނޑަން ޖެހޭ މީހުންގެ ސިމްތައް ކަނޑާ، ހަމައަކަށް އަޅުވާނެ،" އޭނާ ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމެޓީގެ ބައްދަލުވުމެއްގެ ތެރެއިން-- ފޮޓޯ/ މަޖިލީސް

އެކަކުގެ ނަމުގައި އެތައް ހާސް ސިމެއް ނަގާފައި ހުރިކަން ފާހަގަކުރެވޭއިރު، އެ މީހުންގެ މައުލޫމާތު ކަށަވަރު ކުރުމަށް ފަހުގައި އެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ކޭމްއިން ވަނީ ބުނެފައެވެ.

އެ އިދާރާއިން ފާހަގަކުރި ގޮތުގައި ރަނގަޅަށް ބޭނުން ކުރާ އެ ފަދަ ސިމްތައް ވެސް އެބަ ހުއްޓެވެ. އެގޮތުން، ބޮޑެތި އާއިލާތަކުގައި އެކަކުގެ ނަން މަތީ އާއިލާގެ އެތައް ބަޔަކަށް ސިމް ނަގާފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ. އެހެންވެ، އެފަދަ ސިމްތައް މިހާރު ބޭނުންކުރާ މީހާގެ ނަން މައްޗަށް ބަދަލު ކުރަން ވަނީ އެދިފައެވެ.

"ނަންބަރުތައް ކެނޑުމުގެ މަސައްކަތް ވެސް އަޅުގަނޑުމެން ލަސްވެގެން މޭ މަހުގެ ތެރޭގައި ފަށާފައި، މި ބަލަނީ ގާތްގަނޑަކަށް ތިން މަސް ދުވަހުގެ ތެރޭގައި މި ގޮތަށް ހުރި ގިނަ ނަންބަރުތައް ހަމައަކަށް އަޅުވާލައި، އަލަށް އަޅުގަނޑުމެން އަމަލުކުރަން ފަށާ އުސޫލު، އެކަކަށް ވަކި އަދަދަކަށް ނަންބަރު ނެގޭ އުސޫލަށް އަމަލުކުރަން ފެށޭނެ ކަމަށް،" އިލްޔާސް ވިދާޅުވިއެވެ.

އެސްއޯއީ ކޮމިޓީގެ އެދުމަށް ފުލުހުން ހުށަހެޅި ރިޕޯޓުގައި މީގެ ކުރިން ފާހަގަކޮށްފައިވާ ގޮތުގައި ސްކޭމް ކޯލްތައް ހުއްޓުވަން އެންމެ ބޮޑު ގޮންޖެހުމެއް ދިމާވަނީ އެކަކުގެ ނަމުގައި އެތައް ސިމެއް ނަގާފައި ހުންނާތީއެވެ. އަދި، ޖަލުގައި ބަންދު ކޮށްފައި ތިބޭ ގައިދީން ވެސް އެ ފަދަ ސްކޭމްތަކުގައި ބައިވެރިވާކަން ޔަގީން ކުރެވިފައިވާ ކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ.

comment ކޮމެންޓް